މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ: ސްކީމް ހުއްޓާލުމުން އޭނާ އާންމުންނަށް ބޮޑު އަދެއްގެ ފައިސާ ދޭން ޖެހޭ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އަލްހާންގެ ސްކީމުން 44 މީހަކަށް ލަނޑު ލިބި، 4.5 މިލިއަން ރުފިޔާ ނުލިބިފައި

އަލްހާން ހިންގެވި ސްކީމްގެ މައްސަލަ ފުލުހުން ބަލަނީ މީހުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކުރި ކަމަށް ތުހުމަތުކޮށް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ހިންގެވި ކަމަށް ތުހުމަތުކުރެވޭ ޕޮންޒީ ސްކީމް، 'ކިންގްސް ފޮރެކްސް ޓްރޭޑިން' ސްކީމް ހުއްޓާލި އިރު، އެ ސްކީމަށް އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ އަދަދު 4.5 މިލިއަން ރުފިޔާއަށް ވުރެ ގިނަކަން އެނގިއްޖެ އެވެ.

މައްސަލައިގެ ފެށުން - ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށްގެން ހިންގި އެ ސްކީމާ މެދު ސަމާލުވާން އަންގާ އިދާރާތަކުން މައްސަލަ ބަލަން ފެށީ މާޗު މަހުގެ ތެރޭގަ އެވެ. އެއަށް ފަހު އަލްހާން ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އެ ސްކީމް ހުއްޓާލިކަން އިއުލާންކޮށްފަ އެވެ. އެއާ އެކު، އެ ސްކީމަށް ފައިސާ ލީ އެތައް ބަޔަކު އެ ފައިސާ އަނބުރާ ނުލިބިގެން ފުލުހުންނާއި ސީއެމްޑީއޭއަށް މައްސަލަ ހުށަހެޅި އެވެ.

ތަފްސީލް - އަލްހާން ހިންގެވި ސްކީމުން ލަނޑުލިބުނު ފަރާތްތަކުން 'ދައުރު'އާ ހިއްސާކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި:

  • އެ ސްކީމް ހުއްޓާލިއިރު 44 ފަރާތަކަށް އެ މީހުންގެ ފައިސާ އަނބުރާ ދޭން ވަނީ ޖެހިފައި 

  • އެ މީހުންނަށް ދޭން ޖެހޭ ފައިސާގެ އަދަދު 4.5 މިލިއަން ރުފިޔާއަށް ވުރެ ގިނަ 

  • އެއީ ގާތްގަނޑަކަށް ބޮލަކަށް 200،000ރ. ޖެހޭ ވަރުގެ އަދަދެއް 

  • އެ ސްކީމަށް އިންވެސްޓްކުރި މީހުންގެ ތެރޭގައި ރިސޯޓްތަކުގެ އިސް މަގާމުތަކުގައި ތިބި މީހުންނާއި ބައެއް ކުދިކުދި ވިޔަފާރިތައް ކުރާ ފަރާތްތައް ހިމެނޭ

ބުނީ ކީކޭ؟ - ސްކީމް ހުއްޓާލުމުން އެ ސްކީމަށް ލީ ފައިސާ ނުލިބި ތިބި 44 މީހަކު ތިބި ކަމަށް ތަފާސްހިސާބުތަކުން ދެއްކި ނަމަވެސް ފުލުހަށް މައްސަލަ ރިޕޯޓް ކުރީ އޭގެ ތެރެއިން 30 އަށް ވުރެ ގިނަ މީހަކުކަން އެނގިފައިވެ އެވެ. އަލްހާންގެ ސްކީމުން ލަނޑު ލިބުނު މީހުންގެ ހައްގުގައި މަސައްކަތް ކުރުމުގައި އިސްކޮށް އުޅޭ ފަރާތަކުން، ނަން ނުޖަހާ ގޮތަށް ބުނީ ސްކީމުން ފައިސާ ގެއްލުނު މީހުންގެ ތެރެއިން ގިނަ ބަޔަކު އެކަން ފުލުހަށް ރިޕޯޓް ނުކުރަނީ އެ މީހުން އެފަދަ ކަމެއް ކުރިކަން އެއްވެސް ގޮތަކަށް އެނގެން ބޭނުން ނުވާތީ ކަމަށެވެ.

"ރަނގަޅު ޒިންމާދާރު ބޮޑެތި ވަޒީފާތަކުގައި ތިބި މީހުން ވަރަށް ގިނަ. އެހެންވެ އެ މީހުން ލަދުގަނޭ މި ކަހަލަ މަޅިއެއްގައި ޖެހުނުކަން އެއްވެސް ބަޔަކަށް އެނގެން،" އޭނާ ބުންޏެވެ.

އޭނާ ފާހަގަކުރި ގޮތުގައި:

  • ބައެއް މީހުން 200،000ރ. ވެސް އެއް ފަހަރާ އެ ސްކީމަށް އިންވެސްޓްކޮށްފައިވޭ 

  • އެ ސްކީމުން ލަނޑު ލިބުނު މީހުންގެ އަދަދު ޖުމްލަ 80އަށް އަރާ ކަމަށްވޭ 

  • އެކަމަކު އެ އެންމެން މައްސަލަ ޖައްސަން ބޭނުން ނުވަނީ؛ އެހެންވެ، އޭނާގެ ލަފާކުރުމަކީ އެ ސްކީމްގައި ބައިވެރިވި މީހުންނަށް ދޭން ޖެހިފައިވާ ފައިސާގެ އަދަދު 5 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާނެ ކަމަށް

އެނގުން މުހިންމު - ފައިސާ ނުލިބިގެން ގިނަ ބަޔަކު ފުލުހަށް މައްސަލަ ހުށަހެޅުމުން ފުލުހުން މިހާރު އަލްހާން ހިންގެވި ސްކީމްގެ މައްސަލަ ބަލަނީ މީހުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކުރި ކަމަށް ތުހުމަތުކޮށެވެ. އެކަމާ ގުޅިގެން އަލްހާން އާއި ކިންގްސް ކުންފުނީގެ އަނެއް ހިއްސާދާރު، މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ ވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވާފަ އެވެ.

މީގެ ކުރިން އެ ކުންފުނީގެ ބޭންކް އެކައުންޓް ވެސް ބީއެލްއެލްއިން ފްރީޒްކޮށް އަލްހާން އެދިގެން އެކައުންޓް ބަންދުކުރި އެވެ. އަދި އެ އެކައުންޓުގައި ހުރި 3 މިލިއަނެއްހާ ރުފިޔާ އަނބުރާ އަލްހާނަށް ވަނީ ރައްދުކޮށްފަ އެވެ. އިންވެސްޓްކުރި މީހުންގެ ފައިސާ 20 ދުވަސް ތެރޭ ދޭން ބުންޏަސް އެ މުއްދަތު ފަހަނަ އަޅާ ދިޔައިރުވެސް އެ ފައިސާ އަލްހާނަށް ދެވޭ ގޮތް ވަނީ ނުވެފަ އެވެ. އޭނާ ބުނަނީ އެ ފައިސާ އަނބުރާ ދޭން ވަގުތު ބޭނުންވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް