އަލްހާން ފަހުމީ މިދިޔަ މޭ މަހު ޕޮލިހަށް ހާޒިރުވުމަށް ފަހު ނުކުމެގެން ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އަލްހާންގެ 'ޕޮންޒީ ސްކީމް' މައްސަލައިގައި ދައުވާކޮށްދޭން އެދި ފޮނުވަނީ

ފުލުހުން ބުނީ، މި މައްސަލައިގައި ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާނު ފަހުމީ އިސްވެ ހުންނަވައި ފޮރެކްސް ޓްރޭޑް ކުރުމުގެ ނަމުގައި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގެވި ކަމަށް ތުހުމަތުކުރެވޭ މައްސަލަ މިހާރު އޮތީ ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމުގެ މަރުހަލާގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލައިގައި މިދިޔަ 17 މެއިގައި އަލްހާން ފުލުހަށް ހާޒިރުކޮށް ދޮޅުގަޑިއިރު ވަންދެން ސުވާލު ކުރި އެވެ. އޭގެ ފަހުން ފުލުހުން މި މައްސަލައިގެ ތަހުގީގުގެ މައުލޫމާތެއް ދީފައެއް ނުވެ އެވެ.

ތަފްސީލު - މި މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން 'ދައުރު'ން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފުލުހުންގެ ތަރުޖަމާނަކު މިއަދު ވިދާޅުވީ، މައްސަލައާ ގުޅިގެން ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކޮށް، ބަޔާން ނެގުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ.

"އަަދި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ،" އިތުރު ތަފްސީލެއް ހާމަނުކޮށް ތަރުޖަމާނު ވިދާޅުވި އެވެ.

ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު، އަލްހާން އޭރު ކުރެއްވި ޓުވީޓެއްގައި ވަނީ ފުލުހުންގެ ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ.

އަލްހާން ފަހުމީ ޕޮލިހަށް ހާޒިރުވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އަލްހާން ފަހުމީ ޕޮލިހަށް ހާޒިރުވުމަށް ފަހު ނުކުމެގެން ދަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެނގުން މުހިންމު - ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައި އަލްހާނަށް އޭރު ފޮނުވި ޗިޓުގައިވާ ގޮތުން އޭނާގެ މައްޗަށް ކޮށްފައިވަނީ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދައި އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތެވެ.

"ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގައި ސުވާލުކޮށް ބަޔާން ނެގުމަށް،" އަލްހާން ހާޒިރުކުރާ ސަބަބު ބަޔާންކޮށް އެ ޗިޓުގައި ބުނެފައިވެ އެވެ.

މިިދިޔަ މެއި މަހު17ގައި އަލްހާން ފުލުސް އޮފީހަށް ހާޒިރުކުރުން

މައްސަލައިގެ ފެށުން - ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށް ފޭސްބުކް އާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސްކީމެއްގެ މައުލޫމާތު މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ލިބި، އެ ސްކީމާ މެދު ސަމާލުވާން 10 މާޗުގައި ބަޔާނެއް ނެރެ އާންމުންގެ ކިބައިން އެމްއެމްއޭއިން އެދުނެވެ. 

  • އެމްއެމްއޭގެ ބަޔާނާ އެކު އަލްހާނާއި އޭނާގެ ކޮއްކޮ އަދި މީޑިއާ ކައުންސިލްގެ އޭރުގެ ރައީސް ސަހުބާން ފަހުމީ ހިއްސާދާރުންގެ ގޮތުގައި ތިއްބެވި 'ކިންގްސް ކެޕިޓަލް ހޯލްޑިންސް'ގެ އެކައުންޓް ބީއެމްއެލް އިން ފްރީޒް ކުރި 

  • އެ ސްކީމާ ގުޅޭ މައްސަލަތަކެއް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ން ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފެށީ 15 މާޗުގައި 

  • ނަމަވެސް މައްސަލައިގެ ތަހުގީގު ނުނިމެނީސް ކިންގްސް ކުންފުނީގެ އެކައުންޓް އަންފްރީޒް ކުރުމާ އެކު، ވަރަށް ފަހަކާ ޖެހެންދެން އަލުން އެ ސްކީމް ކުރިއަށްގެންދިޔަ ނަމަވެސް ކުރިން އިންވެސްޓު ކުރި ގިނަ އިންވެސްޓަރުންނަށް ފައިސާ ރައްދުކޮށްފައެއް ނުވޭ 

  • ރާއްޖޭގެ ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް އަލްހާން ވިދާޅުވޭ

ފަސްމަންޒަރު - އަލްހާންގެ ސްކީމަށް އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ އަދަދު 4.5 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެ އެވެ. ސްކީމް ހުއްޓާލުމުން އެ ސްކީމަށް ލީ ފައިސާ ނުލިބި 44 މީހަކު ތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ނަމަވެސް ފުލުހަށް މައްސަލަ ރިޕޯޓް ކުރީ އޭގެ ތެރެއިން 30އަށް ވުރެ ގިނަ މީހުންކަން އެނގިފައިވެ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް