ދައުލަތުގެ އިދާރާތަކުން ކިންގްސް ސްކީމް ހުއްޓުވުމުން އަލްހާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

'ޕޮންޒީ ސްކީމް'ގެ ފައިސާ ރައްދުކުރަން ބަހަނާ؛ މިވަގުތު ދެވެން ނެތް ކަމަށް ބުނެފި

މިހާރު ތިބި އިންވެސްޓަރުންނަށް ފައިސާ ނުދެވުނަސް، ބަރާބަރަށް އާ ޕެކޭޖުތައް ތައާރަފުކޮށް، ސްކީމް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާނު ފަހުމީ އިސްވެ ހުންނަވައި ފޮރެކްސް ޓްރޭޑް ކުރުމުގެ ނަމުގައި ފެށި، ޕޮންޒީ ސްކީމެއް ކަމަށް ތުހުމަތުކުރެވޭ ސްކީމަށް ފައިސާ ދިން ބައެއް އިންވެސްޓަރުންނަށް ފައިސާ ނުލިބި ލަސްވާތީ ކަންބޮޑުވުން ފާޅުކުރަން ފެށުމުން ފައިސާ ރައްދުކުރަން އެކި ތާރީހުތައް ދިނުމަށް ފަހު، މި ވަގުތު ފައިސާ އަނބުރާ ދެވެން ނެތް ކަމަށް އެ ސްކީމް ހިންގާ ކުންފުނިން އެންމެ ފަހުން ބުނެފި އެވެ.

މައްސަލައިގެ ފެށުން - ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށް ފޭސްބުކް އާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސްކީމެއްގެ މައުލޫމާތު މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ލިބި، އެ ސްކީމާ މެދު ސަމާލުވާން މިދިޔަ މަހުގެ 10ގައި އެމްއެމްއޭއިން އެދުނެވެ.

މައްސަލައިގައި ފާހަގަކުރެވޭ ކަންކަން:

  • އަލްހާން އާއި އޭނާގެ ކޮއްކޮ، މީޑިއާ ކައުންސިލްގެ މިހާރުގެ ރައީސް ޝަހުބާން ފަހުމީ ހިއްސާދާރުންގެ ގޮތުގައި ތިއްބެވި 'ކިންގްސް ކެޕިޓަލް ހޯލްޑިންސް'ގެ އެކައުންޓް ބީއެމްއެލްއިން ފްރީޒްކުރި

  • އެ ސްކީމާ ގުޅޭ މައްސަލަތަކެއް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް މިދިޔަ މަހުގެ 15ގައި ފެށި

  • މިދިޔަ މަހުގެ 24ގައި ބޭންކުން ވަނީ ކިންގްސް ކުންފުނީގެ އެކައުންޓް ބަންދުކޮށް، އެކައުންޓުގައި ހުރި ގާތްގަނޑަކަށް 3 މިލިއަނެއްހާ ރުފިޔާ އަނބުރާ ދީފައި

  • އެއާ އެކު، އަލްހާނު ވަނީ މެދުކެނޑިފައި އޮތް އެ ސްކީމު އަނެއްކާ ވެސް އަލުން ފައްޓަވާފައި

ވީ ކިހިނެއް؟ - އިންވެސްޓަރުން ކުރަމުން އަންނަނީ، އެކައުންޓުގައި ހުރި ފައިސާ ދޫކޮށްލި ފަހުން މިއަދާ ހަމައަށް ވެސް އެއްވެސް ޕޭއައުޓެއް ނުހަދާ ކަމުގެ ޝަކުވާ އެވެ. އަދި އިންވެސްޓްކުރި މިންވަރު ރައްދުކޮށްދޭން އެދުމުން އެކަން ކޮށްދޭނެ ކަމަށް ބުނެ އެކި ތާރީހުތައް ދިނުމަށް ފަހު އެއިން އެއްވެސް ތާރީހެއްގައި އެ ފައިސާ ނުދިނުމުގެ މައްސަލަ އެވެ.

އެކައުންޓް ފްރީޒްކުރި ފަހުން އަލުން ޕޭއައުޓް ދޭން ކިންގްސްއިން ހަމަޖައްސާފައި އޮތީ އިންވެސްޓަރުން ކޮޕީ ޓްރޭޑިންއިން ކަނެކްޓު ކޮށްގެންނެވެ. އެކަން ނުވެ ގިނަ ދުވަސްތަކެއް ވީ ފަހުން، ވަކި ޕެކޭޖެއް ނެގި ކަސްޓަމަރުންގެ އެކައުންޓްތައް ކޮޕީ ޓްރޭޑިންއިން ކަނެކްޓުކޮށްފައިވާ ކަމަށް މިދިޔަ ހަފުތާގެ ތެރޭގައި ބުންޏެވެ. އެނގިފައިވާ ގޮތުގައި އެއީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.

ދައުލަތުގެ އިދާރާތަކުން ކިންގްސް ސްކީމް ހުއްޓުވުމުން އަލްހާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ކަނެކްޓުކުރި އެކައުންޓުތަކުގައި ވެސް އެކި މައްސަލަތައް ދިމާވެފައި ވާކަން ކިންގްސްގެ ޓެލެގުރާމް ޗެނަލްގައި އެ ކުންފުނިން އަމިއްލައަށް ފޮނުވާފައިވާ މެސެޖުތަކުން ވެސް އެނގެ އެވެ.

މިދިޔަ ހުކުރު ދުވަހު ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ބައެއް އެކައުންޓުތަކުން ފައިދާ ބޮޑަށް ފެނިދާނެ ކަމަށާއި އަނެއް ބައި އެކަައުންޓުތަކުން މަދުވެސް ވެދާނެ ކަމަށެވެ.

އެކަމުގެ ޒިންމާ ނަގާނެ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް، މިކަން ހިނގާ ގޮތް އެނގޭ މީހަކު ކިޔައިދިން ގޮތުގައި ކަނެކްޓު ކުރި ކަމަށް ބުނާ އެކައުންޓުތަކަކީ އެއް އަދަދަކުން އިންވެސްޓުކޮށްފައިވާ، އެއް ޕެކޭޖެއް ނަގާފައިވާ މީހުންގެ އެކައުންޓުތަކެވެ.

"އެހެންވީމަ، ކޮޕީ ޓްރޭޑިންއިން ކަނެކްޓުކޮށްގެން ކުރާއިރު ފައިދާ ވެސް ފެންނަން ޖެހޭނީ އެއް ވަރަކަށް. މީގައި އަސްލު ފައިދާ މި ލިބެނީ ވަކި ބަޔަކަށް،" އޭނާ ބުންޏެވެ.

ޝަކުވާ ކުރަނީ އިންވެސްޓަރުން ނޫން ކަމަށް ބުނެ ބްލޮކު ކުރާ މައްސަލަ

ޕޭއައުޓް ނުލިބޭ ކަމަށް ބުނެ ފާޅުގައި ޝަކުވާ ކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، ޓުވިޓާގައި މިގޮތަށް ޝަކުވާކޮށް، ސީދާ އަލްހާނުއާ ސުވާލުކުރާ މީހުންނާއި މި ސްކީމާ ހިޔާލު ތަފާތުވާ މީހުން ބްލޮކް ކުރައްވާ ކަމަށް ވެސް ވަނީ ފާހަގަކުރެވިފަ އެވެ.

"އިންވެސްޓަރުންގެ ޝަކުވާތަކަށް ޖަވާބެއް ނުދޭ. މާ ޝަކުވާ ބޮޑުވެއްޖެއްޔާ ކޮށްލަނީ ބްލޮކް. ދެން ބުނަނީ ތިއީ އިންވެސްޓަރެއް ނޫނޭ. މިއީ ހާލަކީ. އެއް މަސް ވީ ޕޭމަންޓު ނުދޭތާ،" ޓުވިޓާގައި ކަންބޮޑުވުން ފާޅުކުރި މީހަކު ބުންޏެވެ.

"އަލްހާން އެހެން މީހުން ކައިރީގައި ކިޔަނީ އިންވެސްޓުކުރި މީހުން އެއްވެސް މައްސަލައެއް ނުޖައްސަޔޯ. އެއްޗެކޭ ބުނެފި މީހަކު ބްލޮކް ކުރުން ނޫން ކަމެއް އަލްހާނު ނުކުރޭ. ދެން ކިހިނެއް އިންވެސްޓުކުރި މީހުން ވެސް ކޮމެންޓެއް ކުރާނީ،" އެހެން މީހަކު ޓުވިޓާގައި ބުނެފައިވެ އެވެ.

ކިންގްސްގެ އެކައުންޓަށް މެސެޖުކޮށް، "ކެތް" ނުވާ ވަރަށް މީހަކު ސުވާލުކޮށްފި ނަމަ، އެއީ އިންވެސްޓަރެއްތޯ ސުވާލު ކުރެ އެވެ. އަދި ރަސްމީ އެކައުންޓުން މީހުންނާ ދިމާލަށް "ޝަޓް އަޕް" ނުވަތަ "އަނގަމަޑުން ލައިގެން ހުންނާށޭ" ވެސް ބުނެފައި އެބަހުއްޓެވެ. އެ ޓުވީޓު ފަހުން ވަނީ ޑިލީޓު ވެސް ކޮށްފަ އެވެ.

ސުވާލުކުރި މީހަކާ ދިމާލަށް "ޝަޓް އަޕް" ނުވަތަ "އަނގަ މަޑުންލައިގެން ހުންނާށޭ" ބުނެ ކުރި ޓުވީޓު: މި ޓުވީޓު މިހާރު ވަނީ ޑިލީޓު ކޮށްލާފައި.

ފައިސާ އަނބުރާ ދޭން އެދުނަސް ދެވޭކަށް ނެތް

ޓުވިޓާ އާއި އެ ނޫން ވެސް ޕްލެޓްފޯމްތަކުގައި އަލްހާނާއި ކިންގްސްއިން ވެސް ވަނީ، އިންވެސްޓަރެއް ނަމަ، އިންވެސްޓްކުރި ފައިސާ އަނބުރާ ހޯދަން އެދުމުން ވަގުތުން ފައިސާ ދޭނެ ކަމަށް އެކި ފަހަރު މަތިން ބުނެފަ އެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ އަލްހާނުގެ ކޮއްކޮ ޝަޒުބާން ފަހުމީ ވެސް އެ ތުރެޑަށް ކުރެއްވި ރިޕްލައިއެއްގައި ވަނީ، އިތުރަށް މަޑުނުކޮށް ފައިސާ ރައްދުކޮށްދޭން އެދެން ވިދާޅުވެފަ އެވެ.

ނަމަވެސް، އިންވެސްޓްކުރި ފައިސާ މި ވަގުތު އަނބުރާ ދެވެން ނެތް ކަމަށް ފަހުން އެ ކުންފުނިން މިހާރު ވަނީ އެންމެ ފަހުން އެއްބަސްވެފަ އެވެ.

ކިންގްސްގެ ޓެލެގްރާމް ޗެނަލްގައި އެ ކުންފުނިން މިދިޔަ އާދީއްތަ ދުވަހު ކުރި ޕޯސްޓެއްގައި ވަނީ، އިންވެސްޓަރުންނަށް މި ވަގުތު އަނބުރާ ފައިސާ ދެވެން ނެތް ކަމަށް އެއްބަސްވެފަ އެވެ.

"ލަސްވެގެން އަނބުރާ ފައިސާ ހޯއްދަވަން އެދި ވަޑައިގަތަސް ކުއްލިއަކަށް މި ވަގުތު ދެވޭކަށް ވެސް ނެތް! އެ އިންތިޒާމު ޖެހެނީ ހަމަޖައްސަން،" ފަހުން ފައިސާ ދޭނެ ކަމަށް ބުނެ އެ ކުންފުންޏަށް އިތުބާރު ކުރަން އިންވެސްޓަރުންގެ ކިބައިން އެދިފައިވާ އެ މެސެޖުގައިވެ އެވެ.

ކިންގްސްގެ ޓެލެގްރާމް ޗެނަލަށް އެ ކުންފުނިން ފޮނުވި މެސެޖުގެ ސްކްރީންޝޮޓެއް.

ބީއެމްއެލްއިން ފްރީޒު ކުރި އެކައުންޓުގައި ހުރި ފައިސާ ދޫކޮށްލި ނަމަވެސް، އިންވެސްޓަރުންނަށް އެ ފައިސާ ރައްދުކޮށްފައެއް ވެސް ނުވެ އެވެ. އިންވެސްޓަރުންނަށް ފައިސާ އަނބުރާ ދީފައިވޭތޯ 'ދައުރު'އިން ޝަޒުބާނުއާ މީގެ ކުރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އޭގެ ޖަވާބެއް ނުދެއްވި އެވެ.

ފައިސާ ނުދިނަސް އާ ޕެކޭޖުތައް އިޝްތިހާރުކުރަނީ

ޕޮންޒީ ސްކީމެއް ކަމަށް ތުހުމަތު ކުރެވޭ މި ސްކީމު ހިންގި އެކައުންޓު ފްރީޒް ކުރުމާ ހަމައަށް ވެސް އިންވެސްޓްކުރީ ވަކިވަކި ފަރުދުން އަމިއްލައަށެވެ. ފައިސާ އަނބުރާ ދެވުނީ ފުރަތަމަ އިންވެސްޓުކުރި މީހުންނަށް އެކަނި ކަމަށްވެ އެވެ. މިއީ ޕޮންޒީ ސްކީމްތަކުގައި އަބަދު ވެސް ވާ ގޮތެވެ.

ފަހުން އިންވެސްޓުކުރި މީހުންނަށް ފައިސާ ނުދެވިގެން އުޅޭއިރު ވެސް، ކިންގްސްއިން މިހާރު ވަނީ ވިޔަފާރިތަކަށް ވެސް ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފަ އެވެ.

ކޯޕަރޭޓު ބޮޑު ޕެކޭޖުގައި އިންވެސްޓު ކުރެވެނީ 1 މިލިއަން ރުފިޔާއިންނެވެ. އެންމެ ކުޑަކޮށް ވެސް ބައި ލައްކަ ރުފިޔާ އެވެ. 

އެ ޕެކޭޖާ ގުޅޭ ޕޯސްޓަށް ވެސް، ފައިސާ އަނބުރާ ދިނުމަށް އެދި މީހުން ރިޕްލައިކޮށްފައި އެބަހުއްޓެވެ. އަދި ވިޔަފާރިތަކަށް އަމާޒުކުރި ޕެކޭޖުތަކަކީ، ކުރިން އިންވެސްޓުކުރި އަމިއްލަ މީހުންނަށް ދޭން ޖެހޭ ފައިސާ ނެތިގެން ތައާރަފުކުރި ޕެކޭޖުތަކެއް ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

"މިހާރު އެ އުޅެނީ ބިރުން. ޕޮންޒީ ސްކީމްތަކަށް އަބަދު ވެސް އާ އިންވެސްޓަރުން ބޭނުންވާނެ. މި މީހުންގެ ޕޮންޒީ ސްކީމް މި ރޫޅެނީ... އިންވެސްޓަރުން ވީހާ ވެސް އަވަހަކަށް ފައިސާ އަނބުރާ ހޯދަން މަސައްކަތް ކުރަންވީ،" ޓުވިޓާގައި މީހަކު ބުންޏެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (2)

ިisިިިސސsuސsuސsu

16 އޭޕްރީލު 2022
ފައިސާ އަނބުރާ ދެވުނީ ފުރަތަމަ އިންވެސްޓުކުރި މީހުންނަށް އެކަނި ކަމަށްވެ އެވެ.. ކަމަށް" ވެޔޭ އޮތީމަ ހަބަރު ލިޔުން މީހާއަކަށްވެސް ޔަގީނެއް ނޫންދޯ
0 0

ހުތާބެ

14 އޭޕްރީލު 2022
މީ ދެން ބޮޑުވެއްޖެ ކަމެއް! މީނަ ސަރުކާރަށް ވުރެން ގަދަބަސްބުނެ ބޭނުން ގޮތެއް ހަދަން މިއުޅެނީ އެހެން މީހުންވެސް އެފެންވަރަށް ވެއްޓެން ޖެހިދާނެކަން ނުވިސްނޭތީބާ! އަމިއްލަ އަގެއްވެސްނެެތް!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް