މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އަލްހާނުގެ ސްކީމުން ފައިސާ ނުލިބިގެން އެތައް ބަޔަކު ފުލުހަށާއި ސީއެމްޑީއޭއަށް
'ކިންގްސް ފޮރެކްސް ޓްރޭޑިން'ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އެތައް ހާސް ބައެއްގެ އަތުން ފައިސާ ނަންގަވައިގެން ބޮޑު ފައިދާއެއް ދޭނެ ކަމުގެ ވައުދާ އެކު ހިންގަމުން ގެންދެވި މާލީ ސްކީމަކާ މެދު ސަމާލުވާން މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި އިދާރާތަކުން މިދިޔަ މަހު އިންޒާރުކުރުމުން އެ ސްކީމަށް ފައިސާ ލައިގެން ތިބި އެތައް ބަޔަކު އަލްހާންގެ ދިފާއުގައި ތެދުވި އެވެ. އެއީ 'ޕޮންޒީ ސްކީމެއް' ކަމަށް އޭގެ ތެރެއިން ގިނަ ބަޔަކަށް އޭރު ގަބޫލެއް ނުކުރެވުނެވެ. ސްކީމުގައި ބައިވެރިވި މީހުންނަށް ފުރަތަމަ ދުވަސްކޮޅު ބަރާބަރަށް ފައިސާ ދެމުން ދިއުމުން، ގިނަ މީހުންނަށް ހީވެފައި އޮތީ އަލްހާންގެ ސްކީމަކީ ކުއްލިއަކަށް ތަނަވަސްވާން ހުޅުވިފައި އޮތް ދޮރެއް ކަމަށެވެ.
އެކަމަކު، އެއީ ކުށް ހީއެއްކަން މިހާރު ޔަގީންވެއްޖެ އެވެ.
ރާއްޖޭގެ މުޅި މާލީ ނިޒާމަށް ގޮންޖައްސަވައި ބޮޑު ފައިދާއެއް ދެއްވާނެ ކަމަށް ވިދާޅުވަމުންދިޔަ އަލްހާންގެ ރާގު ބަދަލުވީ މިދިޔަ ހޯމަ ދުވަހު އެވެ. ކިންގްސް ފޮރެކްސް ގްރޫޕަށް އެ ކުންފުނިން ލީ މެސެޖަކާއި ސޯޝަލް މީޑިއާގައި ވެސް ބުނެފައި ވަނީ މީހުންގެ އަތުން އިތުރު ޕެކޭޖުތަކަށް ފައިސާ ނެގުން ހުއްޓާލައި އެ ކުންފުނީގެ އޮަޕަރޭޝަންތައް މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ދަރަނި އަދާކޮށް ނިންމާނޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެ ސްކީމަށް ފައިސާ ލީ ގިނަ މީހުންނަށް މި ވަމުން އަންނަ ގޮތް ރެއަކާލީ އަދި އެ ހިސާބުންނެވެ.
ފުުލުހުން ބުނީ އަލްހާންގެ ސްކީމްގައި އިންވެސްޓްކުރި ވަރަށް ގިނަ ބަޔަކަށް އަނބުރާ ފައިސާ ނުލިބިގެން އެ އޮފީހަށް މިހާރު މައްސަލަތައް ހުށަހަޅަން ފަށާފައިވާ ކަމަށެވެ. އެ މައްސަލަތައް ފުލުުހުން މިހާރު ވަނީ ވަކިވަކިން ބަލަން ފަށައިފަ އެވެ. އެކަމަކު، މިހާތަނަށް ހުށަހަޅާފައި ވަނީ ކިހާ އަދަދެއްގެ މައްސަލައެއް ކަމެއް ފުލުހުން ނުބުނެ އެވެ.
މައުލޫމާތު އެނގިހުރި ފަރާތަކުން ބުނި ގޮތުގައި، މިހާރު ހުރި މައްސަލަތަކަށް ބަލާއިރު ވެސް ވަރަށް ގިނަ އަދަދެއްގެ ފައިސާ ހިމެނެ އެވެ. އަދި އެތައް ބައެއްގެ ފައިސާ ވަނީ އެ ސްކީމްގެ ތެރޭގައި ގެއްލިފަ އެވެ. ގާތްގަނޑަކަށް 1،600 މީހަކު އެ ސްކީމަށް ފައިސާލި އެވެ. އެކަމަކު އޭގެ ތެރެއިން ގިނަ ބަޔަކަށް ލިބުނީ ބޮޑު ލަނޑެކެވެ.
އަލްހާންގެ ސްކީމުން ފައިސާ ނުލިބި ގެއްލުމާ ކުރިމަތިވެފައިވާ ފަރާތްތަކުން ހަދާފައިވާ ޓެލެގްރާމް ގްރޫޕް 'ކިންގްސް ސްކޭމް ވިކްޓިމްސް ކޮމިއުނިޓީ' ގައި ތިބި ގިނަ މީހުން ބުނަމުން އަންނަނީ ރަނގަޅު ފައިދާއެއް ލިބޭނެ ކަމަށް ބުނެ އަލްހާން ދެއްކެވި ވާހަކަތަކަށް އިތުބާރުކޮށް، އެ ސްކީމަށް ލީ ފައިސާއަކީ އެތައް ދުވަހަކުން ރައްކާކޮށްފައި ހުރި ފައިސާގެ އިތުރަށް، ރަހުމަތްތެރިންނާއި ދަންނަ މީހުންގެ އަތުން ދަރަންޏަށް ނަގައިގެން ދިން ފައިސާ ކަމަށެވެ. އެކަމަކު، އެ ހުރިހާ ފައިސާތަކެއް ގެއްލި އެތައް ބަޔަކު ވަނީ މިހާރު ކަންބޮޑުވުމެއްގެ ތެރެއަށް ވެއްޓިފަ އެވެ.
"އަހަރެންނަށް އުޅެން ޖެހިފައި މި ވަނީ ވަރަށް ބޮޑު ބޮލުގެ ރިހުމެއްގައި. އިންވެސްޓްކުރި ފައިސާ އެއްކޮށްދޭން ބުނީމާ މި ބުނަނީ މަސް ދުވަހުންނޭ. އަނެއްކާ އެކި ތާރީހުތައް ދެނީ. ސީދާ ދޭނެ ތާރީހެއް ނެތް. އެކަމަކު އަހަރެމެންނާ އެއްބަސްވެފައި އޮތީ އިންވެސްޓްކުރި ފައިސާ ހޯދަން ބޭނުން ވެއްޖިއްޔާ ވަގުތުން ދޭން ޖެހޭ ގޮތަށް،" 256 މީހަކު ތިބި އެ ގްރޫޕްގައި ހިޔާލު ފާޅުކުރި މީހަކު ބުންޏެވެ.
ސީއެމްޑީއޭއިން ވެސް މިހާރު ވަނީ އެ ސްކީމުގައި ފައިސާ އިންވެސްޓްކޮށް އަނބުރާ ފައިސާ ނުލިބިވާ ފަރާތްތަކުން އެކަން އެ އިދާރާއަށް ރިޕޯޓް ކުރުމަށް އެދިފަ އެވެ. އެ ފުރުސަތު ހުޅުވާލުމާ އެކު، އެތައް ބަޔަކު މިހާރު ވަނީ ސީއެމްޑީއޭގައި މައްސަލަ ޖައްސައިފަ އެވެ. އެކަމަކު ސީއެމްޑީއޭއަށް ޝަކުވާ ހުށަހެޅީ ކިތައް މީހުން ކަމެއް އެ އިދާރާއަކުން ނުބުނެ އެވެ.
އަލްހާންގެ ސްކީމުން ލަނޑު ލިބުނު މީހަކު ގްރޫޕްގައި ބުނި ގޮތުގައި، އޭނާ 200،000ރ. އެ ސްކީމަށް އިންވެސްޓްކުރި އެވެ. އެކަމަކު، އޭނާއަށް މިހާތަނަށް ލިބުނީ 50،000ރ. އެވެ. ދެން ހުރި ފައިސާ ދޭން ބުނުމުން މިވަގުތު އެ ފައިސާ ދެވެން ނެތް ކަމަށާއި އެ ކަމަށް ވަގުތު ދިނުމަށް ކިންގްސް ފޮރެކްސްއިން އޭނާގެ ކިބައިން އެދުނެވެ. އެހެންވެ، އޭނާ ވެސް ހުރީ ފައިސާ އަނބުރާ ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތިފަ އެވެ.
މި ލަނޑު ލިބިފައިވާ މީހުން ބައިވަރެވެ. ކިންގްސްއިން އޮންލައިން ޓްރޭޑްކޮށްގެން ލިބޭ ފައިސާ އީވޮލެޓްތަކަށް ފޮނުވައިދޭނެ ކަމަށް ބުނި ނަމަވެސް އެކަން ވެސް އެ ގޮތަކަށް ނުހިނގި އެވެ. އެ ކުންފުނިން ކުރި ޓްރޭޑިންއިން މާ ބޮޑު ފައިދާއެއް ލިބުނު ކަމަކަށް ވެސް ނުދެއްކި އެވެ. އެންމެ ފަހު "އުޒުރަކަށް" އަލްހާން ވިދާޅުވީ އޭނާގެ ކުންފުނީގެ މައްސަލައެއް އިދާރާތަކުން ބަލާތީ، އޮންލައިން ޓްރޭޑުކުރަން ބޭނުންކުރި އެޖެންޓް، ޑެރިވްއިން އެ ކުންފުނީގެ ޓްރޭޑިން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
ފައިސާ ދޭން އެތައް ބަޔަކު އެދުމުން އަލްހާނާއި ކިންގްސް ފޮރެކްސް ކުންފުނިން މިހާރު ދައްކަނީ އެކަހަލަ "ބަހަނާ" ތަކެކެވެ. ފައިސާ ދެވެން މިވަގުތު ނެތީ އެވެ.
ކޮމެންޓް (2)
ސަންތި
ޖިގަބޫ