މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ޕޮންޒީ ސްކީމެއް ހިންގެވި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފެންމަތިވުމާ އެކު މިދިޔަ އަންގާރަ ދުވަހު އޭނާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ބައިވެރިވެވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ފުލުހުން އަލްހާނުގެ 'ޕޮންޒީ ސްކީމު'ގެ ޖިނާއީ ތަހުގީގެއް ކުރަނީ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހްމީ އިސްވެ ހުންނަވައި ޕޮންޒީ ސްކީމެއް ހިންގެވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މައްސަލައިގެ ފެށުން - ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށް ފޭސްބުކް އާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސްކީމެއްގެ މައުލޫމާތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ލިބި، އެއާ މެދު ސަމާލުވާން މި މަހުގެ ކުރީކޮޅު ވަނީ އެދިފަ އެވެ.
-
އިތުރަށް ކިޔާލަން - ރާއްޖޭގައި ޕޮންޒީ ސްކީމެއް ހިންގާތީ ސަމާލުވާން އެމްއެމްއޭއިން އެދިއްޖެ
އެއީ ސީދާ ކޮން ސްކީމެއްކަން އެމްއެމްއޭއިން ނުބުނި ނަމަވެސް، އަލްހާން އާއި އޭނާގެ ކޮއްކޮ، މީޑިއާ ކައުންސިލްގެ މިހާރުގެ ރައީސް ޝަހުބާން ފަހުމީ ހިއްސާދާރުންގެ ގޮތުގައި ތިއްބެވި 'ކިންގްސް ކެޕިޓަލް ހޯލްޑިންސް'ގެ އެކައުންޓް ހަމަ އެ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވަނީ ފްރީޒްކޮށްފަ އެވެ.
މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން މި މައްސަލަ އިއްޔެ ވަނީ ފުލުހުންނަށް ރަސްމީކޮށް ހުށަހަޅާފަ އެވެ.
ވީ ކިހިނެއް؟ - ވަކި މީހެއް ނުވަތަ ކުންފުންޏެއްގެ ނަން ނުގެނެސް ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އަމިއްލަ ކުންފުންޏަކުން ގިނަ އަދަދެއްގެ ރައްޔިތުންގެ "މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް ޕޮންޒީ ސްކީމަކާ އެއްގޮތްވާ ގޮތަށް" މުއާމަލާތްތަކެއް ހިންގަމުންދާ ކަމަށް ބެލެވޭ މައްސަލައެއް ކަމާ ބެހޭ އިދާރާތަކުން ވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފަ އެވެ.
"ފުލުހުން ބެލި ބެލުމުން، ޖިނާއީ ތަހުގީގެއް ކުރިއަށްގެންދަން ޖެހޭ ފަދަ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ މައްސަލައިގެ ޖިނާއީ ތަހުގީގެއް ދަނީ ހިންގަމުންނެވެ،" ބަޔާނުގައިވެ އެވެ.
ފުލުހުން ވަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް، ލައިސަންސް ނުވަތަ އެކަށީގެންވާ ހުއްދައެއް ހޯދައިގެން ހިންގާ ފަންޑުތަކުގައި ނޫނީ އިންވެސްޓު ނުކުރަން އިލްތިމާސްކޮށްފަ އެވެ.
އިތުރަށް ކިޔާލަން -