ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ: އޭނާ އިސްވެ ހިންގާ ފޮރެކްސް ކުންފުނީގެ އެކައުންޓުތައް ވަނީ ފްރީޒްކޮށްފައި (ފޮޓޯ/އަލްހާން ޓްވިޓާ)

ފުލުހުން

އަލްހާނުގެ 'ޕޮންޒީ ސްކީމް'ގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

އަލްހާން އިސްވެ ހުންނަވައިގެން ފޮރެކްސް ނެޓްވޯކު ހިންގާ ކުންފުނީގެ ބޭންކް އެކައުންޓް ވަނީ ފްރީޒްކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އިސްވެ ހުންނަވައިގެން ހިންގަވާ ސްކީމްގެ ކަންތައްތައް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށް ފޭސްބުކް އާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސްކީމެއްގެ މައުލޫމާތު މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ލިބި، އެއާ މެދު ސަމާލުވާން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ވަނީ އެދިފަ އެވެ.

އެއީ ސީދާ ކޮން ސްކީމެއްކަން އެމްއެމްއޭއިން ނުބުނި ނަމަވެސް، އަލްހާން ފަހުމީ އާއި އޭނާގެ ކޮއްކޮ އަދި މީޑިއާ ކައުންސިލްގެ މިހާރުގެ ރައީސް ޝަހުބާން ފަހުމީ ހިއްސާދާރުންގެ ގޮތުގައި ތިއްބެވި 'ކިންގްސް ކެޕިޓަލް ހޯލްޑިންސް'ގެ އެކައުންޓް ހަމަ އެ ދުވަހު ބީއެމްއެލްއިން ވަނީ ފްރީޒްކޮށްފަ އެވެ.

'ކިންގްސް ފޮރެކްސް ޓީ'ގެ ނަމުގައި ފޮރެކްސް ޓްރޭޑު ކުރާ ނެޓްވޯކެއް ހިންގަނީ އެ ކުންފުނީގެ ދަށުންނެވެ. އެކައުންޓް ފްރީޒް ކުރިކަން އެނގުނީ، ޓެލެގްރާމް ޗެނަލްގައި އެޑްމިން ފޮނުވި މެސެޖަކުންނެވެ. 

ބުނީ ކީކޭ؟ - ފުލުހުން ބުނީ އެ ސްކީމް، ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެނގުން މުހިންމު - ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ ހިންގާ ސްކީމްތަކާ މެދު ސަމާލުވާން އެދި އެމްއެމްއޭއިން ނެރުނު ބަޔާނުގައި، އެފަދަ ސްކީމްތަކުގައި އާންމުންގެ އަތުން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށް ކަމަށް ބުނެފައިވެ އެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި، އެ ފަދަ ސްކީމްތަކުގައި:

  • ކުރީކޮޅުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިން

  • އެހެންވެ، އެ ފަދަ ސްކީމްތަކަކީ ދެމެހެއްޓޭނެ ސްކީމްތަކެއް ނޫން

  • ސްކީމް ރޫޅިގެންދާ ހިސާބުން، އެ ސްކީމްގައި ބައިވެރިވެ، ފައިސާ ދިން ގިނަ ފަރާތްތަކަށް އެ ފަރާތްތަކުން ދިން ފައިސާ ވެސް ނުލިބި، ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހޭ

އިތުރަށް ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް