ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ: އޭނާ އިސްވެ ހިންގާ ފޮރެކްސް ކުންފުނީގެ އެކައުންޓުތައް ވަނީ ފްރީޒްކޮށްފައި (ފޮޓޯ/އަލްހާން ޓްވިޓާ)
އަލްހާން ހިންގި ސްކީމެއް ހުއްޓުވައި އެކައުންޓުތައް ފްރީޒް ކޮށްފި
ޕޮންޒީ ސްކީމެއް ހިންގާ ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނީގެ އެކައުންޓުތައް ފްރީޒްކޮށްފި އެވެ.
މައްސަލައިގެ ފެށުން - ރާއްޖޭގައި ޕޮންޒީ ސްކީމެއް ހިންގާ ކަމަށް ބުނެ ރޭ އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ވަނީ އެކަން އާންމުންގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެއީ ގިނަ ބައެއްގެ އަތުން ފައިސާ ހޯދައި އިންވެސްޓުކޮށް، ވަކި މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދޭނެ ކަމަށް ބުނެ ހިންގާ ސްކީމެކެވެ.
އެނގިފައިވާ ގޮތުގައި އެމްއެމްއޭގެ ތުހުމަތު އަމާޒުވީ އަލްހާން އިސްވެ ހުރެ ހިންގާ ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުންޏަށެވެ.
ވީ ކިހިނެއް؟ - ކިންސްގް ފޮރެކްސްގެ ޓެލެގްރާމް ޗެނަލެއްގައި ކަސްޓަމަރުންނަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، އެ ކުންފުނިން ރެއާ ހަމައަށް ދޭން ޖެހޭ ފައިސާތައް ކަސްޓަމަރުންނަށް މިހާރު ދީފައިވާ ކަމަށެވެ. އެކަމަކު، މިހާރު ކުންފުނީގެ އެކައުންޓުތައް ފްރީޒްކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
އެމްއެމްއޭގެ ބަޔާނުގައި އެ ކުންފުނީގެ ނަން ބުނެފައި ނުވި ނަމަވެސް، އިއްޔެ ކިންގްސް ފޮރެކްސްއިން ވަނީ އެ ބަޔާނަށް ރައްދު ދީފަ އެވެ. އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެމްއެމްއޭއިން ނެރުނު ބަޔާނަކީ އެ ކުންފުނީގެ އަގުވައްޓާލައި، އިތުބާރު ގެއްލޭ ގޮތަށް އަދި ބަަދުވާނުމުވާ ގޮތަށް ނެރުނު ބަޔާނެއް ކަމަށެވެ. އަދި އެކަން އެ ކުންފުނިން ކުށްވެރި ކުރި އެވެ.
ބުނީ ކީކޭ؟ - އެމްއެމްއޭއިން ނެރުނު ބަޔާނުގައި ބުނީ ފޭސްބުކް އާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިންގާ އެ ސްކީމްގައި އާންމުންގެ އަތުން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށް ކަމަށެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި، އެ ފަދަ ސްކީމްތަކުގައި:
-
ކުރީކޮޅުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިން
-
އެހެންވެ، އެ ފަދަ ސްކީމްތަކަކީ ދެމެހެއްޓޭނެ ސްކީމްތަކެއް ނޫން
-
ސްކީމް ރޫޅިގެންދާ ހިސާބުން، އެ ސްކީމްގައި ބައިވެރިވެ، ފައިސާ ދިން ގިނަ ފަރާތްތަކަށް އެ ފަރާތްތަކުން ދިން ފައިސާ ވެސް ނުލިބި، ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހޭ
އިތުރަށް ކިޔާލަން: ރާއްޖޭގައި ޕޮންޒީ ސްކީމެއް ހިންގާތީ ސަމާލުވާން އެމްއެމްއޭއިން އެދިއްޖެ