ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް (ފޮޓޯ/ މަޖިލިސް)

މަކަރާއި ހީލަތް

ފުލުހުން މަނާކުރި ޖެމްކިއު 'ޕިރަމިޑް ސްކީމު'ގެ ދިފާއުގައި މެމްބަރު އައްބާސް

އެމްޑީއޭގެ ނައިބު ރައީސްކަން ވެސް ކުރައްވާ އައްބާސް ވިދާޅުވީ މަޖިލިސް މެމްބަރުންގެ %70 އަދި ސިފައިންނާއި ފުލުހުންގެ %80 މީހުން ވެސް އެ އެޕް ބޭނުންކުރައްވާ ކަމަށް

ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ހިންގަމުންދާ ސްކީމުން 70،000އެއްހާ މީހުން ނަފާ ހޯދާ ކަމަށާއި އެ ބޭނުންކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މުހައްމަދު އައްބާސް ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޖެމްކިއުގެ ނަމުގައި ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހިންގަމުންދާ އެ ސްކީމުގައި ބައިވެރިވުމަށް ހިތްވަރުދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އެފަދަ ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

ފުލުހުން ބުނި ގޮތުގައި:

  • ބޭރު ގައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ އަލީގައި އެ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ކަށަވަރުކުރެވިފައިވޭ

  • އެ ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާ ކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއް 

  • ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން، މިފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީ ވެސް ގާނޫނީ ގޮތުން ކުށެއް

މިއާ އެކު، އެ ސްކީމުގައި ބައިވެރިވެފައިވާ ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔައި އެކަމުން ފުލުހުންނާއި ސިފައިން ވެސް ނަފާ ހޯދަމުންދާ ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ބުނީ ކީކޭ؟ - ރިސޯޓް ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ ޕާޓީ، އެމްޑީއޭގެ ނައިބު ރައީސްކަން ކުރައްވާ އައްބާސް އެކަމާ ގުޅިގެން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ހިމެނޭހެން 70،000އެއްހާ ދިވެހިން އެ ސްކީމު ބޭނުންކުރަމުންދަނީ އެކަމުން ވަރަށް ބޮޑު މަންފާއެއް ލިބޭތީ ކަމަށެވެ.

އެގޮތުން، އޭނާ ވިދާޅުވީ:

  • މަޖިލިސް މެމްބަރުންގެ %70 ބޭފުޅުން ބޭނުންކުރައްވާ

  •  ސަރުކާރުގެ ގިނަ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ބޭނުންކުރައްވާ

  • ސިފައިންނާއި ޕޮލިހުންގެ %80 ބޭފުޅުން ބޭނުންކުރައްވާ

  • މިދިޔަ އަހަރުން ފެށިގެން ޖެމްކިއު ބޭނުންކުރަމުން ދާއިރު އަދި އެއްވެސް ރައްޔިތަކަށް ގެއްލުން ލިބިފައެއް ނުވޭ 

"އެ މީހެއްގެ ފުދުންތެރިކަން ހުރި މިންވަރަކުން ޖެމްކިއުއަށް އިންވެސްޓު ކުރެއްވި ކޮންމެ މީހަކަށް ވެސް މިއަދާ ހަމައަށް ހާހުން، ލައްކައިން، މިލިއަނުން ފައިދާވާ ކަމީ އެ ބޭނުންކުރައްވާ އެއްވެސް ބޭފުޅަކު ދެބަސްވާނެ ކަމެއް ނޫން،" އައްބާސްގެ ޕޯސްޓުގައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޖެމްކިއުގެ ސަބަބުން އެ ބޭނުންކުރާ މީހުންނަށް ބޮޑު ތަނުން ފައިދާވެ ކަންމަތީ ފިހާރަ ތަކުގެ ދަރަނިތަކާއި ލުއި ލޯނުތައް ދައްކާ ހަދަ އެވެ. އެކަމުން އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑު ތަނުން ރަނގަޅުވަމުންދާކަން ގަބޫލުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އެކި މުނާސަބަތުތަކުގައި ރަށްރަށުގައި ބާއްވާ އެކިއެކި ހަރަކާތްތަކަށް ޖެމްކިއުގެ ފަރާތުން ބޮޑެތި އަދަދުތަކުން ސްޕޮންސާ ދޭ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖެމްކިއު ބޭނުންކުރުމުގެ ފުރުސަތު ދޭންޖެހެނީ މިވަގުތު ގައުމުގެ ހާލަތު އޮތް ގޮތުންނާއި ރައްޔިތުންގެ ހާލަތު ހުރި ގޮތުން ކަމަށެވެ.

"ކިތަންމެ ވަރަކަށް ޖެމްކިއުއާ ބެހޭ ގޮތުން ނޫސްބަޔާންތައް ނެރުނު ނަމަވެސް އެ ބޭނުން ކުރައްވާ ފަރާތްތަކުގެ އަދަދު ކޮންމެ ދުވަހަކު ހާހުން އިތުރުވަމުންދަނީ. އެހެންކަމުން، ގައުމުގެ ހާލަތު އޮތް ގޮތުންނާ އަދި ރައްޔިތުން ތިބި ހާލަތަށް ބަލާއިރު ޖެމްކިއުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުގެ ފުރުސަތު އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެން،" އައްބާސްގެ ޕޯސްޓުގައިވެ އެވެ.

ކޮމެންޓް (3)

ކެލިޕްޓިކް

19 ޖޫން 2025
ޙަރާމް ވާނީ ޙަރާމަށް ދުނިޔޭގެ އެންމެން އެޔައް ރުހި އިއްތިފާޤު ވިޔަސް. ވަރަށް ގިނަ ސަަބަބުތަކާހުރެ ތިޙަރާމް. ހުއްދަގޮތްތައް ހުއްޓާ ކީއްކުރަން ޙަރާމްގޮތުގަ ވަގުތީ އުފާލިބިގަތުމަށް އެގޮތުގައި ހިފަނީ. މެމްބަަރަކަށް ވިޔަސް
0 0

ޖެމް

19 ޖޫން 2025
ތތި ޖެމްކިއުގެވާހަކަ ދައްކާވަރުން ތިއާއި ގުޅެން ވަރަށް އިންޓްރެސްޓް އުފެދިއްޖެ. އަސްލު ނޫސްތަކުންނާއި ދައުލަތުން ޖެމްކިއު ޕްރޮމޯޓް ތިކުރައްވަނީ. އުއްޗު ބުނިގޮތަށް ލާރިގޮސްގެން ލާރި ލިބޭނީވެސް . އެގޮތުން މާލީ ޙާލަތު ތަންދިން މިންވަރަކުން ތިއަށް އިންވެސްޓްކޮށްގެން ތި ކުޅެން ނިންމައިފިން. އުއްޗުވެސް ތި ކުޅޭކަމަށްވަނީ ހެހެހެ
0 0

ސިކުނޑި

17 ޖޫން 2025
ދިވެހިން ކަންކުރަނީ އަނެކުން ކަންކުރާތީ! މެންބަރުންވެސް އެންމެ ކުޑަމިނުން އެކިޔާ ޖެމްކިއުއަކީ ކޯއްޗެއްކަންވެސް ބަލާފަވެސްނެތް! 70000 މީހުންގެ ތެރެއިން 20000 މީހުންނަށް ފައިދާވެފައި ބާކީ ތިބި 50000 މީހުންނަށް ގެއްލުންވާނެ! ޕޮންޒީ/ޕިރަމިޑް ސްކީމަކީ ކޮބައިކަން އިނގޭނެ ގޫގްލް ސާރޗެއް ކޮށްލިޔަސް! އިއްޒަތްތެރި މެންބަރުންނަށް އެވަރުވެސް ނޭނގޭކަމީ ހިތާމަހުރި ކަމެއް!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް