ޖެމްކިއު އެޕްގެ ސްކީރީން ޝޮޓެއް --

ފުލުހުން

ޖެމްކިއުއަކީ އޮޅުވާލުމެއް؛ އިސްކޮށް ތިބި މީހުން ހޯދާ ފިޔަވަޅު އަޅާނަން: ފުލުހުން

މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް ސީއެމްޑީއޭ އާއި ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައި

ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ހިންގަމުންދާ އިންވެސްޓްމަންޓް ސްކީމަކީ ޕިރަމިޑް ސްކީމެއް ކަމަށާއި އެ ސްކީމުގައި ބައިވެރިވުމަށް ހިތްވަރުދޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފި އެވެ.

ވީ ކިހިނެއް؟ - ދެ އިދާރާއިން ގުޅިގެން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ޖެމްކިއުގެ ނަމުގައި ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހިންގަމުންދާ މި ސްކީމަކީ ސީއެމްޑީއޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސްކީމެއް ނޫންކަމަށެވެ. އަދި މިއީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫންކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"ދިވެހި ފުލުހުންގެ ހިދުމަތުން ބޭރު ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ އަލީގައި ޖީއެމްސީއީ ނުވަތަ ޖެމްކިއޫގެ ނަމުގައި ހިންގަމުންދާ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ވަނީ ކަށަވަރުކުރެވިފައި،" ބަޔާނުގައި ބުނެފައިވެ އެވެ.

ތަފްސީލް - އެ ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއްކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން، މިފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީ ވެސް ގާނޫނީ ގޮތުން ކުށެއްކަމަށް ބަޔާނުގައި ހަނދާންކޮށްދީފައިވެ އެވެ.

ޓެކްނޮލޮޖީއާއެކު ތައާރަފުވަމުންދާ މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް ސީއެމްޑީއޭ އާއި ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ ސްކީމްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ތަކުރާރުކޮށް ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ.

"ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ދިވެހި ފުލުހުންގެ ހިދުމަތުން ގުޅިގެން މި މައްސަލަ މިގެންދަނީ ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަމާއެކު، ތަހުގީގު ކުރަމުންނެވެ. މި ސްކީމް ހިންގައި، ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް