8 އޮކްޓޯބަރު 2024. އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮ ކްރިމިނަލް ކޯޓު ކައިރީގައި މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އަލްހާނުގެ 3 ބެއިންނަށް ހައި ކޯޓުން ވެސް ނާކާމިޔާބީ؛ މައްސަލަ ކުރިއަށް ގެންދަން ޖެހޭ ކަމަށް ހުކުމްކޮށްފި

އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮއިންގެ ދިފާއަކަށް ފާހަގަކުރައްވަމުން ގެންދެވީ ކުންފުންޏަކުން ކުރި ކަމެއްގެ ޒިންމާ އެ ބޭފުޅުން ނަގަން ނުޖެހޭ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ކިންގްސް ކެޕިޓަލްގެ މަސްލަހަތު އޮންނަ އަލްހާން ފަހުމީއާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެކުމުގެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ވެސް އިއްޔެ ދަމަހައްޓައިފި އެވެ.

ވީކިހިނެއް؟ - އަލްހާނާއި ޝަހުބާން ފަހުމީ އާއި ޝަޒުބާން ފަހުމީގެ މައްޗަށް ދައުލަތުން ޓެކުމުގެ 13 ދައުވާއެއް އުފުލީ އެ އާއިލާގެ ހިއްސާ އޮންނަ ކުންފުނިން ސްކީމެއްގެ ދަޅަ ދައްކައިގެން މީހުންގެ އަތުން ފައިސާ ހޯދައި އަނބުރާ ނުދޭ ކަމަށް ބުނާ މައްސަލާގަ އެވެ.  

އެ ދައުވާތައް ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި މައްސަލަ ބޭރުކުރަން ހުށަހެޅި އެވެ. ނަމަވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ނިންމެވީ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

އަލްހާނުގެ 3 ބެއިންގެ ފަރާތުން ކްރިމިނަލް ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ.

ތަފްސީލް - އަލްހާނުމެންގެ ފަރާތުން ފާހަގަކުރައްވާ ކަންކަމަކީ:

  • ކުންފުންޏާ ބެހޭ ގާނޫނުގެ 75 ވަނަ މާއްދާާއާ ހަވާލާދީ، ޖިނާއީ ކުށެއް ވިޔަކަސް ކުންފުންޏަކުން ކުށްކުރާ ހާލަތުގައި ދައުވާ ކުރަން ޖެހޭނީ ކުންފުންޏަކަށް

  • ކުންފުނިން ކުށުގެ ޒިންމާ އުފުލަން ޖެހޭ ގޮތަށް ގާނޫނުލްއުގޫބާތުގައި ވެސް ކުންފުންޏަށް ދައުވާކުރެވެން އެބަ އޮވޭ؛ ބޭނުމަކީ ކުންފުނި ކުށަށް ޒިންމާ ކުރުވުން

  • މީގެ ކުރިން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައެއްގައި ސަންގެ ކުންފުނިތަކަކަށް ދައުވާކުރި ކަމާއި އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލައެއްގައި އަމީން އެވެނިއު ކުންފުނީގެ މައްޗަށް ދައުވާ އުފުލިކަން

  • ކުންފުނީގެ ބިތުފަންގި ނެގޭ ގޮތަށް ފަރުދީ ގޮތުން ޒިންމާކުރުވަން ޖެހެނީ ޑިރެކްޓަރުން؛ އަލްހާނަކީ މެނޭޖިން ޑިރެކްޓަރަކަށް ވިޔަސް ދައުވާ ކުރި ސަބަބުގައި އޮންނަނީ ހިއްސާދާރާކަށް ވާތީ

ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވާ ގޮތުން، ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބަދަލުކުރަން ޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތެވެ. ހައި ކޯޓުގެ ނިންމުމުގައިވަނީ:

  • މައްސަލަ ނުބެލޭނެ ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާތަކާ މެދު ގޮތެއް ނިންމޭނީ މައުލޫއީ ގޮތުން މުޅި މައްސަލަ ބެލުމަށް ފަހު ކަމަށް ނިންމި ނިންމުމުގައި ގޯހެއް ނެތް

  • ތުހުމަތު ކުރެވޭ ވަރަށް ހެކި ގަރީނާ އެބަހުރި؛ ހެކި ގަރީނާއާ ގުޅޭ ގޮތުން ބަހުސެއް އޮތް ނަމަ އެ ކަން ވެސް ވަޒަން ކުރެވޭނީ މުޅި މައްސަލަ ކުރިއަށް ގެންގޮސްގެން

ހައި ކޯޓުން އެ ގޮތަށް ހުކުމްކުރީ މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަކީ:

  • 1-

    ހުޒައިފާ މުހައްމަދު (ރިޔާސަތު)

  • 2-

    އަބްދުއްމާނިއު ހުސައިން

  • 3-

    މުހައްމަދު ސަލީމް

ދައުވާތަކުގެ ހުލާސާ - ދައުލަތުން ތުހުމަތުކޮށްފައިވާ ގޮތުގައި، ކިންގްސްއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދެއްކުމުން އެކި މީހުން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންވެސްޓް ކުރި އެވެ.

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ 13 ދައުވާއަކީ، އެ ކުންފުންޏަށް އިންވެސްޓްކުރި 13 މީހަކަށް ފައިސާ ނުދީ، ނުވަތަ އެ ފައިސާއިން ކޮށްދޭނެ ކަމަށް އެއްބަސްވި ކަންކަން ކޮށްނުދީ 'ފައިސާ ޓަކައިގެންފައިވާތީ' ހުށަހަޅާފައިވާ ދައުވާތަކެއްކަން، ޕީޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް (2)

އަޑަފި

13 މޭ 2025
ކުންފުނީގެ ނަމުގައި ހޯދި ހުރިހާ ފައިސާއެއް ބޭނުން ކުރީ، ތިޔަ ތިންމީހުންގެ އަމިއްލަ ކަންކަމަކަށް ނޫންތޯ.
1 0
އިބްރާހިމް Avatar

އިބްރާހިމް

13 މޭ 2025
ކުންފުންޏަކީ އަޑު އިވޭ ، ފެންނަ، އަތްލެވޭ އެއްޗެއް ތޯ.؟ ކުންފުންޏެއްގެ ނަމުގައި ކަން ކުރާނީ ކޮންމެވެސް ބަޔަކު . ޤާނޫނީ ގޮތުން ދިފާއު ހުށައަޅާ އިރު ލީގަލް ޑިފެންސް ގެ ބެއިސިކު ކޮންސެޕްޓު އެނގެން ޖެހޭ ދޯ.. ބޯ ހަލާކު ދިވެހިން އުޅޭ ގޮތުން..
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް