އަލްހާން ފަހުމީގެ ތިން ބެއިން މީގެ ކުރީ ދުވަހެއްގައި ކްރިމިނަލް ކޯޓް ކައިރީގައި މަޑުކޮށްލައިގެން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ދައުވާ އުފުލޭނީ ކުންފުނީގެ މައްޗަށް ކަމަށް ބުނެ އަލްހާނުގެ 3 ބެއިންގެ މައްސަލަ ބޭރުކުރަން އެދިއްޖެ

އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮއިންގެ ވަކީލުން ވަކާލާތުކުރެއްވި ގޮތުގައި ދައުލަތުން ދައުވާކޮށްފައި ވަނީ ގާނޫނުތަކާ ހިލާފަށް ކަމަށް
11 ފެބްރުއަރީ 2025
1

ކިންގްސް ކެޕިޓަލްގެ މައްޗަށް ދައުވާނުކޮށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެ ކުންފުނީގެ މަސްލަހަތު އޮތް އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުވާކޮށް ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންދިއުމަށް ދިފާއުގެ ފަރާތުން މިއަދު ހުށަހަޅައިފި އެވެ.

ވީކިހިނެއް؟ - އަލްހާނާއި ޝަހުބާން ފަހުމީ އާއި ޝަޒުބާން ފަހުމީގެ މައްޗަށް ދައުލަތުން ޓެކުމުގެ 13 ދައުވާއެއް އުފުލީ އެ އާއިލާގެ ހިއްސާ އޮންނަ ކުންފުނިން ސްކީމެއްގެ ދަޅަ ދައްކައިގެން މީހުންގެ އަތުން ފައިސާ ހޯދައި އަނބުރާ ނުދޭ ކަމަށް ބުނާ މައްސަލާގަ އެވެ.

ތިން މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ބަހުސް ކުރުމެވެ.

ތިން ބެއިންގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި އެދިފައިވަނީ ދައުވާ ފުރިހަމަ ނުވާ ކަމާއި ދައުވާކުރީ ގާނޫނުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި، މަދަނީ މިންގަނޑުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ޝަރީއަތުން ކަނޑައަޅައިދިނުމަށެވެ.

ތަފްސީލް - ދިފާއީ ވަކީލު އަލީ ސައީދު ކޯޓަށް ހުށަހެޅުއްވި ނުކުތާތަކުގައި ފާހަގަކުރެއްވި ކަންކަމަކީ:

  • ކުންފުންޏާ ބެހޭ ގާނޫނުގެ 75 ވަނަ މާއްދާާއާ ހަވާލާދީ، ޖިނާއީ ކުށެއް ވިޔަކަސް ކުންފުންޏަކުން ކުށްކުރާ ހާލަތުގައި ދައުވާ ކުރަން ޖެހޭނީ ކުންފުންޏަކަށް

  • ކުންފުނިން ކުށުގެ ޒިންމާ އުފުލަން ޖެހޭ ގޮތަށް ގާނޫނުލްއުގޫބާތުގައި ވެސް ކުންފުންޏަށް ދައުވާކުރެވެން އެބަ އޮވޭ؛ ބޭނުމަކީ ކުންފުނި ކުށަށް ޒިންމާ ކުރުވުން

  • މީގެ ކުރިން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައެއްގައި ސަންގެ ކުންފުނިތަކަކަށް ދައުވާކުރި ކަމާއި އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލައެއްގައި އަމީން އެވެނިއު ކުންފުނީގެ މައްޗަށް ދައުވާ އުފުލިކަން

  • ކުންފުނީގެ ބިތުފަންގި ނެގޭ ގޮތަށް ފަރުދީ ގޮތުން ޒިންމާކުރުވަން ޖެހެނީ ޑިރެކްޓަރުން؛ އަލްހާނަކީ މެނޭޖިން ޑިރެކްޓަރަކަށް ވިޔަސް ދައުވާ ކުރި ސަބަބުގައި އޮންނަނީ ހިއްސާދާރާކަށް ވާތީ

ރައްދުގައި ދައުލަތުގެ ވަކީލު ހައްވާ ނާހީ ފާހަގަ ކުރެއްވި ކަންކަމަކީ:

  • ދައުލަތުން ދައުވާކުރީ ކުންފުންޏަކުން ކުށްކޮށްގެނެއް ނޫންކަން؛ ކުންފުނީގެ ނަމުގައި ފަރުދީ ހައިސިއްޔަތުން ތިން ފަރުދަކު ކުރި ކުށަކާ ގުޅިގެންކަން

  • ކުންފުނި ނިވާފަތްގަނޑަކަށް ހަދައިގެން ކުށްކުރާ ހާލަތްތަކުގައި ކުށްކުރި ފަރުދު ފަރުދީ ހައިސިއްޔަތުން ދައުވާކުރުމުގެ ފުރުސަތު ގާނޫނުއްއުގޫބާތުގައި އޮންނަކަން

  • ސީލައިފް ފްލެޓްތަކުގެ މައްސަލާގައި އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާގެ މައްޗަށް ދައުވާކުރުމުން، މައުލޫއީ ގޮތުން ބަލައިގެން ނޫނީ ފަރުދީ ގޮތުން ބައިވެރިވުން ނެތް ކަމަށް ކަނޑައެޅެން ނޯންނާނެކަން ކްރިމިނަލް ކޯޓުން ނިންމިކަން

  • ދިފާއުން ފާހަގަކުރާ ކަންކަން ނިންމޭނީ މައުލޫއީ ގޮތުން މުޅި މައްސަލަ ބަލައި ހެކިތައް ހުށަހަޅައިގެން ޝަރީއަތް ހިންގައިގެންކަން

ދިފާއުގެ ހުށަހެޅުމާ މެދު މިއަދު ޝަރީއަތުން ގޮތެއް ނުނިންމަ އެވެ. ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހު 18ގަ އެވެ.

ފާހަގަކޮށްލެވޭ - މިއަދުގެ ޝަރީއަތަށް އަލްހާނާއި ވަކީލު ސައީދު ހާޒިރުވީ ގަޑި ޖެހިގެން ކަމަށް ވާތީ، މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވަނީ އެ ދެ މީހުން 250ރ. އިން ޖޫރިމަނާކޮށްފަ އެވެ.

ދައުވާތަކުގެ ހުލާސާ - ދައުލަތުން ތުހުމަތުކޮށްފައިވާ ގޮތުގައި، ކިންގްސްއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދެއްކުމުން އެކި މީހުން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންވެސްޓް ކުރި އެވެ.

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ 13 ދައުވާއަކީ، އެ ކުންފުންޏަށް އިންވެސްޓްކުރި 13 މީހަކަށް ފައިސާ ނުދީ، ނުވަތަ އެ ފައިސާއިން ކޮށްދޭނެ ކަމަށް އެއްބަސްވި ކަންކަން ކޮށްނުދީ 'ފައިސާ ޓަކައިގެންފައިވާތީ' ހުށަހަޅާފައިވާ ދައުވާތަކެއްކަން، ޕީޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް (1)

މީހާ

11 ފެބްރުއަރީ 2025
އާން.. ކުންފުނީގެ ނަން ތިކަންކުރީ. އެހެންވީމަ ތިއެންމެން ދޫކޮށްލާ ނަން ގެންގޮސް ޖަލައްލާ.
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް