8 އޮކްޓޯބަރު 2024. އަލްހާން ފަހުމީ (ވ) އާއި އޭނާގެ ދެ ކޮއްކޮއިން ކަމަށްވާ ސަހުބާން (މ) އަދި ޝަޒުބާން ކްރިމިނަލް ކޯޓު ކައިރީގައި މަޑުކޮށްލައިގެން (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
އަލްހާނާއި ދެ ކޮއްކޮ ޓެކުމުގެ ދައުވާތަކަށް އިންކާރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާނު ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެކުމުގެ ދައުވާތަކަށް އެ ތިންބެއިން މިއަދު ޝަރީއަތުގައި އިންކާރުކޮށްފި އެވެ.
ވީކިހިނެއް؟ - އަލްހާނާއި ސަހުބާން ފަހުމީ އާއި ޝަޒުބާން ފަހުމީގެ މައްޗަށް ދައުލަތުން ޓެކުމުގެ 13 ދައުވާއެއް އުފުލީ އެ އާއިލާގެ ހިއްސާ އޮންނަ 'ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑު'ގެ ސްކީމެއްގެ ދަޅަ ދައްކައިގެން މީހުންގެ އަތުން ފައިސާ ހޯދައި އަނބުރާ ނުދީވާ ކަމަށް ބުނާ މައްސަލާގަ އެވެ.
ތަފްސީލް - މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި 13 ދައުވާ އިއްވުމާއި ޖަވާބުދާރީވުން ކުރިއަށް ގެންދިޔައީ އެކީގަ އެވެ. އެއީ ދައުލަތާއި ދިފާއުގެ އިއުތިރާޒެއް އެކަމުގައި ނެތުމުންނާއި ހުރިހާ ދައުވާއެއްގައި ވެސް ގާތްގަނޑަކަށް އެއް ވާގިއާތަކާއި ސަބަބުތައް ހުރުމުންނެވެ.
ދައުލަތުން ދައުވާ އިއްވުމުން، ތިން މީހުންގެ ވަކީލުން ކަމަށްވާ، އަލީ ސައީދާއި އައިޝަތު އާޒިމާ ޝަކޫރު ދައުވާ ސާފުނުވާ ކަމަށް ވިދާޅުވެ، ގިނަ ސުވާލުތަކެއް ކުރެއްވި އެވެ.
ދެ ވަކީލުންގެ ސުވާލުތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވި ކަންކަމަކީ:
-
މަންފާ ހުރި ސްކީމެއްކަން ދައްކަން އުޅުނީ ކުންފުނިންތޯ ނުވަތަ ދައުވާ ލިބޭ ތިން މީހުންތޯ. އަދި އެކަން ދެއްކުމުގައި ތިން މީހުން ވެސް ބައިވެރިވިތޯ
-
ކުންފުނީގެ ގާނޫނާއި ގާނޫނުލްއުގޫބާތުގެ ދަށުން، ކުންފުނިން ހިންގި މުއާމަލާތްތަކުގެ ޒިންމާ ތިން މީހުން އުފުލަން ޖެހޭނެތޯ
-
ތިން މީހުންނަށް ވެސް އުފުލި ދައުވާތަކުގައި އެއް ވާގިއާތަކާއި ސަބަބުތަކެއް ހިމެނޭތީ، ތިން މީހުން ކުށުގައި ބައިވެރިވި ގޮތް ސާފުނުވާ ކަމަށް ބުނެ ކުރި ސުވާލުތަކެއް
-
ތިން މީހުން ވެސް ކުށުގައި ބައިވެރިވީ އެއް މިންވަރަކަށްތޯ ސާފުކުރަން ވެސް ސުވާލުތަކެއް ކުރި
ދިފާއީ ވަކީލުން ކުރި ސުވާލުތަކުގެ ޖަވާބުގައި، ދައުލަތުގެ ވަކީލު ހައްވާ ނާހީ ކުށް ހިނގި ގޮތާއި ކުށް ހިންގުމުގައި ތިން މީހުން ބައިވެރިވި ކަމަށް ދައުލަތުން ދައުވާކުރާ ކަންކަން ކޮންމެވެސް ވަރަކަށް ކިޔައިދެއްވި އެވެ. ވަކީލު ވިދާޅުވިގޮތުގައި:
-
އަލްހާން ފަހުމީއަކީ ސޯޝަލް މީޑިއާގައި ސްކީމް ޕްރޮމޯޓް ކުރި ފަރާތް. ސްކީމްގެ ދަށުން މީހުން އިންވެސްޓް ކުރި ފައިސާ އަލްހާންގެ އެކައުންޓަށް ޖަމާކޮށްފައިވޭ.
-
ކިންގްސް ކެޕިޓަލްގެ ހިއްސާދާރު ސަހުބާން މި މުއާމަލާތްތަކުގައި ބައިވެރިވެ، ކުންފުނީގެ ފައިސާ ސަހުބާންގެ އެކައުންޓަށް ޖަމާކޮށްފައިވޭ.
-
ޝަޒުބާންގެ ހިއްސާ އޮންނަނީ ކިންގްސްގެ އެހެން ކުންފުންޏަކަށް. އެ ކުންފުނީގެ ހިއްސާގެ ބޮޑު ބައެއް އޮންނަނީ ކިންގްސް ކެޕިޓަލަށް. ކިންގްސް ކެޕިޓަލްގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް އެކައުންޓް ނިސްބަތްވާ ފޯނު ނަންބަރުގެ ވެރިފަރާތަކީ ޝަޒުބާން.
ދައުވާތައް މުޅިން ސާފުނުވާ ކަމަށް ދިފާއީ ވަކީލުން ތަކުރާރުކޮށް ބުނަމުން ދިޔަ ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ތިން ބެއިންނަށް ވެސް، ކޮންމެވެސް އެއްގޮތަކަށް ދައުވާއަށް ޖަވާބުދާރީވުމަށް އެންގެވި އެވެ. އެއާއެކު:
-
އަލްހާން ވިދާޅުވީ ދައުވާތަކަށް އިންކާރު ކުރާ ކަމަށް. އަދި ގެއްލުން ލިބުނު ކަމަށް ބުނާ މީހުންނަކީ އޭނާ ދުވަހަކު ވެސް މުއާމަލާތްކޮށްފައިވާ ބައެއް ނޫން ކަމަށް.
-
ސަހުބާން ވެސް ދައުވާތަކަށް އިންކާރު ކުރެއްވި. އަދި ދައުވާތައް ސާފުނުވާ ކަމާއި ޓެކުމުގެ ކުށްކުރަން ސަހުބާން ކުރި ކަމެއް އޭނާއަށް ސާފު ނުވާ ކަމަށް ވިދާޅުވި.
-
ޝަޒުބާން ދައުވާތަކަށް އިންކާރު ކުރަމުން ބުނީ ދައުލަތުން އޭނާ ހިއްސާ އޮތް ކަމަށް ބުނާ ކުންފުނީގެ ނަން ވެސް އެކި ފަހަރު އެކި ގޮތަށް ކިޔާފައިވާ ކަމަށް.
އަލްހާން ހިންގެވި ސްކީމާ ގުޅުން ހުރި ކުރީގެ ހަބަރުތައް
ދައުވާތަކުގެ ހުލާސާ - ދައުލަތުން ތުހުމަތުކޮށްފައިވާ ގޮތުގައި، ކިންގްސްއިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދެއްކުމުން އެކި މީހުން 98 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންވެސްޓް ކުރި އެވެ.
ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ 13 ދައުވާއަކީ، އެ ކުންފުންޏަށް އިންވެސްޓްކުރި 13 މީހަކަށް ފައިސާ ނުދީ، ނުވަތަ އެ ފައިސާއިން ކޮށްދޭނެ ކަމަށް އެއްބަސްވި ކަންކަން ކޮށްނުދީ 'ފައިސާ ޓަކައިގެންފައިވާތީ' ހުށަހަޅާފައިވާ ދައުވާތަކެއްކަން، ޕީޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.
ގުޅުންހުރި - އަލްހާންގެ ސްކީމުގައި ޖެހުނު ދެ މީހަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ ފެބްރުއަރީގައި ހުކުމްކޮށްފައިވެ އެވެ. އަދި އެކަކަށް 90،000 ރުފިޔާ އާއި އިތުރު ތިން މީހަކަށް 700،000 އަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ވެސް މިދިޔަ އަހަރުގެ މެއި އަދި ޑިސެމްބަރުގައި ހުކުމްކޮށްފައިވެ އެވެ.