އަލްހާން ފަހުމީ އާއި ކިންގްސް ކެޕިޓަލް ހޯލްޑިންސްގެ ވަކީލުން މިދިޔަ މާޗު މަހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ. (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)
އަލްހާނުގެ ކުންފުނި އެންމެ ފަހުން އިންވެސްޓަރުންނަށް 'ފިލައިފި'
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އިސްކޮށް ހުންނެވި ޕޮންޒީ ސްކީމެއް ކަމަށް ތުހުމަތުކުރެވޭ ސްކީމް ހިންގި އޭނާގެ ހިއްސާ އޮންނަ 'ކިންގްސް ކެޕިޓަލް ހޯލްޑިންގްސް'އިން އިންވެސްޓަރުންނަށް ޖަވާބުދާރީވުން ހުއްޓާލުމަށް ފަހު، އިންވެސްޓަރުންނަށް ފިލާފައިވާ ކަމަށް އިންވެސްޓަރުން ބުނަން ފަށައިފި އެވެ.
މައްސަލައިގެ ފެށުން - ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރުކޮށްގެން ހިންގި އެ ސްކީމާ މެދު ސަމާލުވާން އަންގައި އިދާރާތަކުން މައްސަލަ ބަލަން ފެށީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ. އެއަށް ފަހު:
-
އަލްހާން ވަނީ މިދިޔަ މަހުގެ ތެރޭގައި އެ ސްކީމް ހުއްޓާލިކަން އިއުލާންކުރައްވާފައި
-
އެއާ އެކު، އެ ސްކީމަށް ފައިސާ ލީ އެތައް ބަޔަކު އެ ފައިސާ އަނބުރާ ނުލިބިގެން ފުލުހުންނާއި ސީއެމްޑީއޭއަށް މައްސަލަ ހުށަހެޅި
ތަފްސީލު - 'ކިންގްސް ފޮރެކްސް ޓީ'ގެ ނަމުގައި ހިންގި އެ ސްކީމަށް އިންވެސްޓު ކުރި މީހުންނާ އެ ކުންފުނިން ކުރިން މުއާމަލާތު ކުރަމުންދިޔައީ ޓެލެގްރާމް މެދުވެރިކޮށް އަދި ވަކިވަކި އިންވެސްޓަރުންނާ ފޯނުން ގުޅައިގެންނާއި އެސްއެމްއެސް މެދުވެރިކޮށެވެ.
ނަމަވެސް ސްކީމުގެ މައްސަލަ ބަލަން ފަށައި ޓެލެގްރާމު ގުރޫޕުގައި އިންވެސްޓަރުންގެ ޝަކުވާތައް ފުނިޖެހެން ފެށުމުން އެ ގުރޫޕުގައި ނުލިޔެވޭ ގޮތަށް ކިންގްސް ކުންފުނިން ވަނީ ބަދަލުކޮށްފަ އެވެ. އަދި ފަހުން އެ ސްކީމުގެ އިންވެސްޓަރުން އެކަނި ހިމެނޭ ޗެނަލްއެއް ހެދި އެވެ. އެ ގުރޫޕާއި ޗެނަލްގައި ވެސް ކިންގްސް ކުންފުނިން އެންމެ ފަހުން މެސެޖެއް ލިޔެފައިވަނީ މި މަހުގެ 7ގަ އެވެ.
އޭގެ ފަހުން އެއްގޮތަކަށް ވެސް ކިންގްސް ކުންފުނިން އިންވެސްޓަރުންނަށް ޖަވާބުދާރީ ނުވާ ކަމަށް ބުނެ މިއަދު ބައެއް އިންވެސްޓަރުން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފަ އެވެ. އެގޮތުން:
-
ކިންގްސް ފޮރެކްސް ޓީ ސްކީމް އިޝްތިހާރު ކުރަން ހެދި ފޭސްބުކް ޕޭޖުގައި ކުރިން ގުޅޭނެ ނަންބަރެއް ޖަހާފައި އޮތް ނަމަވެސް، މިހާރު އެ ނަންބަރު ވަނީ ޑިލީޓުކޮށްލާފައި
-
ކުރިން ޖަހާފައި އޮތް ނަންބަރަށް މިހާރު ގުޅުމުން އިވެނީ އޮޓޯ މެސެޖެއް؛ އެ މެސެޖުގައި ބުނަނީ އެ ނަންބަރުގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށް
އެ ނަންބަރަށް މެސެޖުކޮށްގެން ޓެލެގްރާމުން މުއާމަލާތް ކުރަން މަސައްކަތް ކުރި މީހަކު ބުނީ، މެސެޖު ޑެލިވާ ނުވާތާ ވެސް ދެ ހަފުތާއަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި އަލްހާނުގެ އަމިއްލަ ނަންބަރަށް ވެސް އިންވެސްޓަރަކު މެސެޖު ކުރި ކަމަށާއި، ނަމަވެސް އެއްވެސް ޖަވާބެއް ނުދީ "ސީންޒޯން" ކޮށްލާފައިވާ ކަމަށް އޭނާ ބުންޏެވެ.
އެނގުން މުހިންމު - ފުލުހުން ފަށާފައިވާ ތަހުގީގުގައި އަލްހާނާއި ކިންގްސް ކުންފުނީގެ އަނެއް ހިއްސާދާރު ކަމަށްވާ އޭނާގެ ކޮއްކޮ އަދި މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީގެ ބަޔާން ނަގަން މިރޭ 8 ޖަހާއިރު ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ހާޒިރު ކުރާނެ އެވެ.
ފުލުހުން އެ ދެ ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރަނީ އޮޅުވާލައިގެން އާންމުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކުރި ކަމަށެވެ.
އިތުރަށް ކިޔާލަން: