15 މާޗު 2022ގައި މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ކިންގްސް ލައުންޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޕޮންޒީ ސްކީމުގެ މައްސަލައިގައި އެންމެ ފަހުން އަލްހާން ފުލުހަށް ހާޒިރުކުރަނީ

އަލްހާންގެ މައްޗަށް ތުހުމަތުކުރަނީ ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެ ފައިސާ ލޯންޑާ ކުރި ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާނު ފަހުމީ އިސްވެ ހުންނަވައި ފޮރެކްސް ޓްރޭޑް ކުރުމުގެ ނަމުގައި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގެވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުސް އޮފީހަށް ހާޒިރުވާން އަންގައި އޭނާއަށް ޗިޓު ފޮނުވައިފި އެވެ.

މައްސަލައިގެ ފެށުން - ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށް ފޭސްބުކް އާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސްކީމެއްގެ މައުލޫމާތު މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ލިބި، އެ ސްކީމާ މެދު ސަމާލުވާން 10 މާޗްގައި ބަޔާނެއް ނެރެ އާންމުންގެ ކިބައިން އެމްއެމްއޭއިން އެދުނެވެ.

އެމްއެމްއޭގެ ބަޔާނާ އެކު އަލްހާން އާއި އޭނާގެ ކޮއްކޮ އަދި މީޑިއާ ކައުންސިލްގެ މިހާރުގެ ރައީސް ޝަހުބާން ފަހުމީ ހިއްސާދާރުންގެ ގޮތުގައި ތިއްބެވި 'ކިންގްސް ކެޕިޓަލް ހޯލްޑިންސް'ގެ އެކައުންޓް ބީއެމްއެލްއިން ފްރީޒް ކުރި އެވެ.

އެ ސްކީމާ ގުޅޭ މައްސަލަތަކެއް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފެށީ 15 މާޗުގަ އެވެ.

ނަމަވެސް މައްސަލައިގެ ތަހުގީގު ނުނިމެނީސް ކިންގްސް ކުންފުނީގެ އެކައުންޓް އަންފްރީޒް ކުރުމާ އެކު، ވަރަށް ފަހަކާ ޖެހެންދެން އަލުން އެ ސްކީމް ކުރިއަށްގެންދިޔަ ނަމަވެސް ކުރިން އިންވެސްޓު ކުރި ގިނަ އިންވެސްޓަރުންނަށް ފައިސާ ރައްދުކޮށްދީފައެއް ނުވެ އެވެ.

ވީ ކިހިނެއް؟ - އެ ސްކީމުގެ މައްސަލައިގައި ފުލުސް އޮފީހަށް ހާޒިރުވާން އެންގިކަން، ޗިޓުގެ ފޮޓޯއަކާ އެކު އަލްހާނު ވަނީ މިރޭ ޓުވިޓެއް ހިއްސާކުރައްވައިފަ އެވެ.

ތަފްސީލު - ފުލުހުން ފޮނުވި ޗިޓުގައި އަލްހާންގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމަށެވެ.

"ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި، މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގައި ސުވާލުކޮށް ބަޔާން ނެގުމަށް،"، އަލްހާން ހާޒިރުކުރާ ސަބަބު ބަޔާންކޮށް އެ ޗިޓުގައި ބުނެފައިވެ އެވެ.

އަލްހާން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި އޮތީ 17 މެއިގެ ރޭގަނޑު 8 ޖަހާއިރަށެވެ.

ބުނީ ކީކޭ؟ - ފުލުހުންގެ ޗިޓާ އެކު އަލްހާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފުލުހުން މެދުވެރިކޮށް ޖިނާއީ ތަހުގީގެއް ހިންގަން ކުރާ މަސައްކަތަކީ، އެއްވެސް އަސާސެއް ނެތި އޭނާގެ ވިޔަފާރި ހުއްޓުވަން، ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގާ ޖަރީމާއެއް ކަމަށެވެ.

"މިކަމުގައި އެއްވެސް ޖިނާއީ ގާނޫނާ ހިލާފު އަމަލެއް ހިންގާފައި ނުވާނެ ވާހަކަ ކަމާ ބެހޭ ފަރާތްތަކާއި ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،"އަލްހާން ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް