އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ހައްޖު ކޯޓާއާމެދު ކުރެވޭ ތުހުމަތުތައް މިނިސްޓަރު ދޮގުކޮށްފި

ަރައީސް އޮފީހުން ލިސްޓު ހަދާ ވާހަކަ އާއި ސިޔާސީ ފަރާތްތަކާއި ގާތް މީހުންނަށް ކިއޫ ފަޅާލާފައި ޖާގަ ދޭ ވާހަކައަކީ ދޮގެއް ކަމަށް ވެސް އިސްލާމިކް މިނިސްޓަރު ޝަހީމް މިރޭ ވިދާޅުވި

ހައްޖަށް ދެވޭނޭ ކަމުގެ އިންތިޒާރުގައި ކިއޫގައި ތިބި އެތައް ބަޔަކު ފަހަތަށް ސޮއްސާލާނޭހެން ސަރުކާރުން ކޯޓާތަކެއް ރިޒާވުކުރާ ކަމަށް ކުރެވޭ ތުހުމަތުތައް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ދޮގުކުރައްވައިފި އެވެ.

ވީ ކިިހިނެއް؟ - މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހައްޖު ކޯޕަރޭޝަނަށް ހުށަހަޅައިގެން ހޯދާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ދިގު ކިއު އޮތް ނަމަވެސް ކޮންމެ އަހަރަކު ވެސް، ލިބޭ ހާހެއްހާ ކޯޓާއިން ކޯޓާތަކެއް ރިޒާވްކުރެ އެވެ. އޭގެ ތެރެއިން ބޮޑު ބައެއް ބޭނުން ކުރަނީ ސަރުކާރުންނެވެ. 

އެގޮތުން މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު: 

  • ކިއުގައި ތިބި މީހުންގެ ތެރެއިން ހައްޖަށް ގެންދިޔަ - 683 މީހުން

  • ރިޒާވް ކޯޓާގައި - 379 މީހުން

  • ކޯޕަރޭޝަންގެ އެހީތެރިންގެ ގޮތުގައި - 89 މީހުން 

ރިޒާވް ކޯޓާތަކުގައި ފޮނުވަނީ ސަރުކާރުން އަންގާ ވަކި ބަޔަކު ކަމުގެ ޝަކުވާ ބޮޑެވެ. އެކަން ޝަހީމް ދޮގުކުރެއްވީ މި ޝަކުވާތަކާ ގުޅޭގޮތުން 'ދައުރު' އިން މިއަދު ރިޕޯޓެއް ޝާއިއުކޮށްފައި ވަނިކޮށެވެ.

ބުނީ ކީކޭ؟ - ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ރާއްޖެއިން ހައްޖަށް ދިޔަ 1،151 މީހުންގެ ތެރެއިން %32 މީހުންނަކީ ކޯޓާ ރިޒާވްކޮށް ފޮނުވި މީހުން ކަމަށް އެ ރިޕޯޓުގައި ބުނެފައިވާތީ ޝަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އެއީ ރަނގަޅު ވާހަކައެއް ނޫން" ކަމަށެވެ.

ސަރުކާރުން ކޯޓާ ރިޒާވް ކުރާ ގޮތާގުޅޭގޮތުން ޝަހީމް މިރޭ ވިދާޅުވީ:

  • ހައްޖު ކޯޓާ މިދިޔަ އަހަރާ ހަމައަށް ހައްޖުކޯޕަރޭޝަނަށް ލިބެނީ ވަކި އިންސައްތަ އަކަށް؛ ބާކީ ބައި ލިބެނީ ހައްޖު ކުންފުނިތަކަށް

  • މިދިޔަ އަހަރާ ހަމަަޔަށް ބޮޑެތި ބަލިތަކުގެ މީހުންނަށް ސަރުކާރުތަކުން ވަކި އިންސައްތައެއް ރަސްމީކޮށް ރިޒާވް ކޮށްފައި އޮވޭ

  • އުމުރުން 75 އަހަރުން މަތީ މީހުންނާއި ބަލި މީހުންނަށް އެހީތެރިން ރިޒާވް ކުރޭ

  • ކޮވިޑާ ގުޅިގެން ތިން އަހަރު މީހުން ހައްޖު ނުވޭ؛ ނަތީޖާއަކީ މަދުވެގެން 3000 މީހުން ކިއޫއަށް އިތުރުވެގެން ދިއުން

  • ރިޒާވް ކޯޓާ ވަރަށް ބޮޑަށް މަދުކޮށް، މިއަހަރު ހައްޖަށް ދެވޭނެ ކަމަށް ކިއޫގައި ތިބި އެންމެންނަށް މިހާރު ވަނީ ޖާގަދީފައި

  • ހައްޖު ކޯޕަރޭޝަނަށް ހުރިހާ ކޯޓާއެއް ދޭން މި ސަރުކާރުން ނިންމީ ވެސް ކިއޫގެ މައްސަލަ ހައްލުކުރަން

ހާއްސަ ކޯޓާއަށް ހޮވާލާ މީހުންގެ ތެރޭގައި ގިނައީ ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި ކުންފުނިތަކުގެ ވެރިން އަދި ރައީސް އާއި އާއިލާއާ ގާތް ގުޅުންތައް އޮންނަ ފަރާތްތަކަށް ކުރެވޭ ތުހުމަތުތައް ވެސް ޝަހީމް މިރޭ ދޮގުކުރެއްވި އެވެ.

"ރައީސް އޮފީހުން ލިސްޓު ހަދާ ވާހަކަ އާއި ސިޔާސީ ފަރާތްތަކާއި ގާތް މީހުންނަށް ކިއޫ ފަޅާލާފައި ޖާގަ ދޭ ވާހަކައަކީ ދޮގެއް. ރައީސް އޮފީހުން ލިސްޓެއް ނުދޭ،" ޝަހީމްގެ ޕޯސްޓުގައި ވެއެވެ.

ފާހަގަކޮށްލެވޭ ކަމެއް - އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފައިވާ ގޮތުގައި، ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ގޮތައް މި އަހަރު ހައްޖަށް ދެވޭނެ ކަމަށް ކިއުގައި ޖެހިފައިވާ އެންމެނަށް މިހާރު ވަނީ ޖާގަ ދީފަ އެވެ. އެކަމަކު ޖާގަދިން މީހުންގެ އަދަދުތަކުގެ ތަފްސީލެއް މިއަދު ހާމައެއް ނުކުރެ އެވެ.

 މިނިސްޓްރީން ބުނީ، މިއަހަރުގެ ހައްޖު ކޯޓާގެ ތަފްސީލު އިއުލާންކުރާނީ މިމަހުގެ 26ވަނަ ދުވަހު ކަމަށެވެ. އަދި، ކޮންމެ އަހަރަކު ވެސް ކޯޓާ ބޭނުން ކުރާ ގޮތުގެ ތަފްސީލު އެ މިނިސްޓްރީން ހާމަކުރާނެ ކަމަށް ބުންޏެވެ.

ކޮމެންޓް (3)

މަބުނީ

19 މޭ 2025
ކޮންމެގޮތަކުންވިޔަސް ކިއުފަޅާފަ ވަންނަމީހާގެ އިހުލާސްތެރިކަންނެތީ. މެންބަރުމެދުވެރިކޮށް ޖާގަލިބުނަސް ހައްޖުވަނީ ތިމާކަންދަނެ މަބްރޫރުހައްޖަކަށް އެދޭމީހާ ކިއުފަޅާފަވަންނަން ބިރުވެތިވާނެ.
1 0

އަލިބެ...

19 މޭ 2025
މޮޅުވާހަކަ ދެއްކިއަސް ކަންކުރާގޮތް ހުރީ ފެންނަން. މިއަދު ފައިސާ ދައްކާ މެމްބަރާއި ގުޅުން އޮތް ރަޙްމަތްތެރިޔާ މިއަހަރު ޙައްޖައް އެބަދޭ! ހެއްދެވި ފަރާތައްވެސް އޮޅުވާލަން މިހާ ދީނީ ކަމަށް ދަޢުވާކުރާ ބޭފުޅުން ދޮގު ހައްދަވާތީ ހަމަ ޙައިރާންވެފަ މިހުންނަނީ!
3 1

ސިކުނޑި

19 މޭ 2025
ހައްޖަކީ އަޅުކަމެއް! ނުފޫޒުގެ ބޭނުންކޮށްގެން ހައްޖަށްދާން އިންސާނުން ލަދުގަންނަންޖެހޭނެ!
7 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް