ދިވެހި ހައްޖުވެރިން މިދިޔަ އަހަރު ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ފުރުމުގެ ކުރިން އެއާޕޯޓްގައި: ހައްޖު ކިއުގައި 5،000 އަށް ވުރެ ގިނަ މީހުން އެބަ ތިބި (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

ހައްޖު ކޯޓާ ގަޑުބަޑުކުރުން: ދިގު ކިއު ފަޅާލައި %32 ހާއްސަ ބަޔަކަށް

މިދިޔަ އަހަރަށް އެކަނި ބެލިޔަސް ސަރުކާރުން ހައްޖު ކޯޓާ ރިޒާވްކޮށް 379 މީހުން ހައްޖަށް ފޮނުވި؛ އެހެން ފޮނުވާ ގިނަ މީހުންނަކީ ސިޔާސީ މީހުންނާއި އެ މީހުންނާ ގުޅުން އޮންނަ ފަރާތްތައް

މުހިންމު ނުކުތާތައް

2015 އިން ފެށިގެން ރައީސް ޔާމީން، ސޯލިހު ވެސް ކަންކުރެއްވީ މިހެން

ލިބޭ 1،000 ކޯޓާއިން 300 އަށް ވުރެ ގިނަ ކޯޓާ ސަރުކާރުން ހޮވާލާ ބަޔަކަށް

ފައިސާ ދެއްކުމަށް ފަހު ހައްޖަށް ދާން ކިއުގައި 5،000 އަށް ވުރެ ގިނަ މީހުން

ހައްޖަށް ދާން މިއަހަރު ވެސް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދީފައި ވަނީ 1،000 ކޯޓާ އެވެ. މިދިޔަ އަހަރު 1،151 އެވެ. އެކަމަކު، ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކައި ހައްޖަށް ދެވޭނޭ ކަމުގެ އިންތިޒާރުގައި ތިބި މީހުންގެ އަދަދު 5،000 އަށް ވުރެ ގިނަ އެވެ. މީގެ 11 އަހަރުކުރިން ހައްޖަށް ދާން ފައިސާ ދެއްކި މީހުން ވެސް އެ ތިބީ އެ ފުރުސަތަށް އެދި އެދި އެވެ. 

އެ ބޮޑު ކިއު އެހެން އޮތަސް ތަފާސްހިސާބުތަކަށް ބެލުމުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ހައްޖަށް ދެވޭނޭ ކަމުގެ އިންތިޒާރުގައި ތިބި އެތައް ބަޔަކު ފަހަތަށް ސޮއްސާލާނޭހެން ސަރުކާރުން ކޯޓާތަކެއް ރިޒާވް ކުރަނީ އެވެ. މައްސަލައަކީ ދިގު ކިއުއެއް އޮތްއިރު ސަރުކާރުން ނަގާ އަދަދު ބޮޑުވުމެވެ.

ރިޒާވް ކޯޓާގައި 300އަށް ވުރެ ގިނަ މީހުން

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހައްޖު ކޯޕަރޭޝަނަށް ހުށަހަޅައިގެން ހޯދާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ދިގު ކިއު އޮތް ނަމަވެސް ކޮންމެ އަހަރަކު ވެސް، ލިބޭ ހާހެއްހާ ކޯޓާއިން ކޯޓާތަކެއް ރިޒާވްކުރެ އެވެ. އޭގެ ތެރެއިން ބޮޑު ބައެއް ބޭނުން ކުރަނީ ސަރުކާރުންނެވެ. ރިޒާވް ކޯޓާތަކުގައި ފޮނުވަނީ ސަރުކާރުން އަންގާ ބައެކެވެ. 

މިދިޔަ އަހަރު ދިވެހި ހައްޖުވެރިން މިނާގައި: މިއަހަރު ވެސް ރާއްޖެއިން ހާހެއްހާ މީހުން ހައްޖަށް ދާނެ (ފޮޓޯ/ހައްޖު ކޯޕަރޭޝަން)

އެގޮތުން މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު: 

  • ކިއުގައި ތިބި މީހުންގެ ތެރެއިން ހައްޖަށް ގެންދިޔަ - 683 މީހުން

  • ރިޒާވް ކޯޓާގައި - 379 މީހުން

  • ކޯޕަރޭޝަންގެ އެހީތެރިންގެ ގޮތުގައި - 89 މީހުން 

އެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ރާއްޖެއިން ހައްޖަށް ދިޔަ 1،151 މީހުންގެ ތެރެއިން %32 މީހުންނަކީ ކޯޓާ ރިޒާވްކޮށް ފޮނުވި ހާއްސަ ބައެއް ކަމަށް ބުނެވިދާނެ އެވެ. އޭގެ ތެރޭގައި ރައީސް މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މިދިޔަ އަހަރު ހައްޖަށް ފޮނުވި 50 ފަގީރުން ވެސް ހިމެނެ އެވެ. އެކަމަކު، އެއީ ރިޒާވް ކުރި ކޯޓާގެ މަދު މިންވަރެކެވެ. 

މިއަހަރު އަދި ހައްޖަށް ދާ މީހުންގެ ތަފާސްހިސާބުތައް ލިބިފައެއް ނުވެ އެވެ. 

ދައުރު ގްރެފިކްސް: އަހުމަދު ނާއިފް

'ދައުރު'އިން ބެލިއިރު އާންމުކޮށް ސަރުކާރުން ރިޒާވްކުރާ ކޯޓާތަކުގައި ހައްޖަށް ދަނީ ރައީސް ނިންމަވާ ފަރާތްތަކެކެވެ. އެ ލިސްޓް ތައްޔާރު ކުރަނީ ރައީސް އޮފީހުންނެވެ. ދެން މިނިސްޓްރީން އެ ލިސްޓް ހައްޖު ކޯޕަރޭޝަނަށް ފޮނުވަނީ އެވެ.

ހާއްސަ ކޯޓާއަށް ހޮވާލާ މީހުންގެ ތެރޭގައި ގިނައީ ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި ކުންފުނިތަކުގެ ވެރިން އަދި ރައީސް އާއި އާއިލާއާ ގާތް ގުޅުންތައް އޮންނަ ފަރާތްތަކެވެ. ރިޒާވް ކޯޓާގެ ތެރޭގައި ބައެއް ފަހަރު ކުންފުނިތަކުން ހައްޖަށް ފޮނުވާ މުވައްޒަފުން ހިމަނަ އެވެ. އަދި ބަލި މީހުންގެ އެހީތެރިންނަށް ވެސް ފުރުސަތުތަކެއްދެ އެވެ. އެކަމަކު، ރިޒާވް ކޯޓާގައި ގިނައީ 'ސަރުކާރު ލިސްޓެއް'ގައި ދާމީހުންނެވެ. 

ސުވާލަކީ ހައްޖަށް ދިޔުމުގެ އިންތިޒާރުގައި އާންމު އެތައްހާސް ބަޔަކު ތިބިއިރު ސަރުކާރުން މިހާ ގިނަ ކޯޓާތަކެއް ރިޒާވް ކުރަން ޖެހޭ ހެއްޔެވެ؟ މިދިޔަ އަހަރު ސަރުކާރުން 300އާ ގާތްކުރާ އަދަދެއްގެ ހައްޖު ކޯޓާ ނުނަގައި ކިއުގައި ތިބި އާންމުން ފޮނުވުން މާ މުހިންމުވީހެވެ. އެކަމަކު ވަނީ އެހެން ނޫނެވެ. 

މިދިޔަ އަހަރު ދިވެހި ހައްޖުވެރިއަކު ފުރަން އެއާޕޯޓްގައި: ހައްޖަށް ދިޔުމުގެ އިންތިޒާރުގައި 5،000 އަށް ވުރެ ގިނަ މީހުން އެބަތިބި (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

މިދިޔަ އަހަރު ހައްޖު ކިއުން ޖާގަ ލިބުނު އަދަދުތައް:

  • 327 މީހުން - 2018ގައި ފައިސާ ދެއްކި 

  • 79 މީހުން - 2017ގައި ފައިސާ ދެއްކި 

  • 38 މީހުން - 2016ގައި ފައިސާ ދެއްކި 

  • 31 މީހުން - 2015ގައި ފައިސާ ދެއްކި 

  • 34 މީހުން - 2014ގައި ފައިސާ ދެއްކި 

ކޯޕަރޭޝަނުން އެހީތެރިންގެ ގޮތުގައި ވެސް އެކަށީގެންވާ އަދަދަށް މީހުން ދާއިރު ސަރުކާރުން ހައްޖު ކޯޓާ ރިޒާވްކޮށް ހައްޖަށް އެތައް ސަތޭކަ ބަޔަކު ފޮނުވަން ޖެހޭ ސަބަބެއް ނެތެވެ.

އެ އުސޫލާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ ސުވާލުކުރުމުން އޭނާގެ ބަހެއް އަދި ނެތެވެ. 

ހައްޖު ކޯޓާ ގަޑުބަޑު ކުރުމުގެ ސަގާފަތެއް

ހައްޖު ކޯޓާތަކެއް ސަރުކާރުން ރިޒާވްކުރުމަކީ މި ސަރުކާރުން އެކަނި ކުރިކަމެއް ނޫނެވެ. ކޮންމެ ސަރުކާރެއްގައި ވެސް އެކަން ކުރަނީ އެގޮތަށެވެ. ސަރުކާރުތަކުން އެކަން ވަނީ ސަގާފަތަކަށް ހަދައިފި އެވެ. މި ސަރުކާރުން ވެސް އެ ބޭއިންސާފު އުސޫލު ދަމަހައްޓަނީ އެވެ. 

ހައްޖު ކޯޕަރޭޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު 2015 ވަނަ އަހަރުގެ ފަހުން މުޅިން ވެސް ސަރުކާރުން އަންނަނީ ހައްޖު ކޯޓާ ރިޒާވްކޮށް މީހުން ފޮނުވަމުންނެވެ. މީގެ ކުރީ ސަރުކާރުތަކުން ރިޒާވް ކޯޓާ ކަނޑައަޅަނީ އަމިއްލަ ކުންފުނިތަކަށް އެއްބައި ދިނުމުގެ ނަމުގަ އެވެ. އެކަމަކު، އޭގެ ތެރެއިން ދެނީ 200 އެއްހާ ކޯޓާ ދެ ކުންފުންޏެއް ވަރަށެވެ. 

ދިވެހި ހައްޖާޖީންތަކެއް ސައުދީއަށް ދަތުރުފަށަން ފްލައިޓަށް އަރަނީ (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ އެންމެ ފަހު އަހަރު، 2023ގެ ހައްޖުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ އަހަރު ލިބުނު ހައްޖު ކޯޓާއިން 592 ރިޒާވްކުރި އެވެ. އޭގެ ތެރެއިން އޭރު 200 އެއްހާ ކޯޓާ ހާއްސަ ކުރަނީ އަމިއްލަ ކުންފުނިތަކަށެވެ. އެއަށް ފަހު ބާކީ އޮންނަނީ ސަރުކާރުން ބޭނުން ގޮތެއް ހަދަން އޮންނަ ކޯޓާ އެވެ. އެގޮތުން: 

  • ކިއުއިން ހައްޖަށް ދިޔަ މީހުން - 509 މީހުން 

  • ސަރުކާރުން ރިޒާވްކުރި - 392 މީހުން 

  • އެހީތެރިންގެ ގޮތުގައި - 70 މީހުން 

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަހު އަހަރު، 2018ގައި ވެސް ރާއްޖެއަށް ލިބުނު ޖުމްލަ ހައްޖު ކޯޓާގެ ތެރެއިން 200 އެއްހާ ކޯޓާ ސަރުކާރަށް ރިޒާވްކޮށްފައިވެ އެވެ. އެއީ ގާތްގަނޑަކަށް އާންމު އުސޫލުން ކިއު ތަރުތީބުން ހައްޖަށް ދިޔަ މީހުންގެ ދެބައިކުޅަ އެއްބަ އެގޮތުން: 

  • ކިއުއިން ހައްޖަށް ދިޔަ - 492 މީހުން

  • ސަރުކާރުގެ ރިޒާވް ކޯޓާގެ ދަށުން - 404 މީހުން

  • އެހީތެރިންގެ ގޮތުގައި - 50 މީހުން 

ކޮންމެ އަހަރެއްގެ ހައްޖު މޫސުމާ ދިމާކޮށް ކޮންމެ ސަރުކާރެއްގައި ވެސް ހައްޖު ކޯޓާއަށް އޮޅުވާލާ ކަމުގެ ޝަކުވާ އާންމުންގެ މެދުގައި ބޮޑުވަނީ މިހެންވެ އެވެ. ލިބޭ ހާހެއްހާ ކޯޓާގެ ތެރެއަށް ވެސް ސަރުކާރުން އަތް ބޭނުމެވެ. މި ސަރުކާރުން ވެސް އެ ސަގާފަތް ދަމަހައްޓަނީ އެވެ. އެކަމަކު، މިއީ 5000އަށް ވުރެ ގިނަ ރައްޔިތުންނަށް ކިހާ ބޮޑު ބޭއިންސާފެއް ހެއްޔެވެ. އަދި މިއީ ޒާތެއްގެ ކޮރަޕްޝަނެކެވެ. 

ކޮމެންޓް (13)

ތެދު

29 މޭ 2025
މިއީ 100% ތެދު ވާހަކަ. ވަރަށް ދެރަ ކަންކަން. ކޮރަޕްޝަނަށް މަގުފަހިވަނީ ރައްޔިދުންގެވެސް ބައެއް އޮވެގެން.
0 0

ބަރާބަރު

20 މޭ 2025
👏🏾👏🏾👏🏾👌👏🏽👏🏽👏🏽
1 0

ޖަވިޔަނި

19 މޭ 2025
ޙުސްވަގުން، މީގެންވެސް ވައްކަން. ތިގޮތަށް ހައްޖްއްގޮސްގެން ހައްކު ކަމުދާނެހެނެއްވެސް ހިޔެއް ނުވޭ.
2 1

އޭދަފުށި

19 މޭ 2025
ރެޑް ވޭވް ސަލީމް މިފަހަރު ހައްޖަށް ދަނީ ކޮން އިރަކު ފައިސާ ދައްކައިގެންތޯ ؟ އޭނާއާއެކު އޭދަފުށީ ބަޔަކު އެދަނީ ކޮންއިރަކު ފައިސާ ދައްކައިގެންތޯ ؟ ހަމަ އަހާލީ
7 0

އިސްމާއީލު ހަމީދު

19 މޭ 2025
ހައްޖު ކޯޕަރޭޝަންގައި އިހަކަށްދުވަހާ ހަމައަށް ތިބީ ގާތްގަނޑަކަށް 24 ވަރަކަށް މުވައްޒަފުން. މި ސަރުކާރު އައިފަހުން އެ ޢަދަދު 40 އިން މަތިވީ ވަކި ކޮން ޚިދުމަތެއް ދޭތީ ނުވަތަ ފުޅާވެގެންތޯ؟
6 0

އަާމި

19 މޭ 2025
ހައްޖު ކޯޓާ މިދިޔަ އަހަރާ ހަމައަށް ހައްޖުކޯޕަރޭޝަނަށް ލިބެނީ ވަކި އިންސައްތަ އަކަށް؛ ބާކީ ބައި ލިބެނީ ހައްޖު ކުންފުނިތަކަށް. ނާއިފުގެ ރިޕޯޓުގައި މިބައި ނުހިމަނާ އޮތުމުން ހަޤީޤަތް އޮޅޭ.
3 2

ނާނީ

19 މޭ 2025
މިނިސްޓަރު ދޮގު ކުރެއްވިޔަސް މި އާޓިކަލް އަކީ ހަމަ ސައްހަ އާޓިކަލް އެކެވެ. މީގައި ފަރުދީ މައްސަލަވެސް އެބަ އޮތެވެ. ކިއުގައި އެތައް ސަތޭކަ ހައްޖު ވާޖިބުވާ މީހުން ތިއްބާ ކިއު ފަޅާލާފައި ސަރުކާރުގަ އެދިގެން އެދާ އެންމެން އަމިއްލަ ނަފްސާއި ސުވާލު ކޮށް ނުގޮސް ނިކަން ކެރިގެން ކިއުއަށް އިސްކަން ދީބަލާށެވެ. އަޅުގަނޑު ދަންނަ ދުރުތާ ތިމާގެ ދެމީހަކު އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސަރުކާރު ކޯޓާއިން ދިޔައެވެ. ގޮސް އައިސް ބުނީ އަހަރެންވެސް މިއައީ ތިޔަތަން ބަލާލަން ގޮސްފައެވެ. ލިޔަން ރީތިވަހަކައެއްވެސް ނޫނެވެ. އެހެނަސް އޭނަ އަކީ މާލޭގައިވެސް ނަމާދުކުރާ މީހެއް ނޫނެވެ. ހަމައެކަނި ދަނީ ހުކުރަށެވެ. ހިތާމައަކީ އެ މާތް ބިމުގައި ކިއުފަޅާލާފައި ގޮސްވެސް އޭނަ އައީ ޤަވައިދުން ނަމާދަށްވެސް ނުގޮސް ނަމާދު ނުކޮށެވެ. މާލޭގައިވެސް ރޭގަނޑު ލެއްވިހައި ނުބައި ކަމެއް ކުރެއެވެ. ހަރާމް ބުއިން ބޮއެވެ. މިއީ ސަރުކާރު މައްސަލައެއް ތޯއެވެ؟ ނުވަތަ ފަރުދީ މައްސަލައެއް ތޯއެވެ؟ އަޅުގަނޑު ގާތްތިމާގެ މީހަކަސް މިއީ ހަޤީޤަތެކެވެ.
7 0

ތިމަންނަ

18 މޭ 2025
މިވެރިން ވައްކަން ނުކުރާނެ ކަމެއް ނޯންނާނެ... މިކަމުގެ ބަދަލު މި މީހުނާ ކުރިމަތި ވާނެ ބަލަން ތިބޭ.........
7 0

ފާތިން

18 މޭ 2025
ކުރީގެ ސަރުކާރުތަކުން ޙައްޖުގެ ޖާގަތަކާއި ނުކުޅޭ މިންވަރަށް މި ސަރުކާރުން ކުޅެނީ، ހައްޖަށް ފައިސާދެއްކި މީހުންގެ ފައިސާއިން އެބުނާ ފަކީރުން ހައްޖަށް އެފޮނުވަނީ، މައްކާގައި ތިބޭ ދުވަސް މަދުކޮށްގެން
7 6

ކޮރަޕްޓް

18 މޭ 2025
ޒާތެއްގެއެއްނޫން. ހަމަ ސީދާ ކޮރަޕްޝަން.
13 3

ތެފައާސާ.

18 މޭ 2025
ކީކޭ ދެން ބުނާނީ. ކިތައް ސަތޭކަ އިލްމުވެރިން ކަމެއް ނޭގެ މުއިއްޒު ވެރިކަމަށް ގެންނަން އަހުދުނާމާގައި ސޮއިކޮށް މީސްތަކުންގެ މައްޗަށް އިލްތިމާސް ގޮވާލީ. ހައްޖުގެ އަޅުކަމުން މިވަރުގެ ގަޑުބަޑު ހަދަމުން، އެތައް އަހަރެއް ކުރިން ފައިސާ ދައްކައިގެން ހައްޖުގެ އަޅުކަމުގެ އިންތިޒާރުގައތިބި އެތައްބައެއްގެ ހައްގުތަކަކަށް މިހާ ފާޅުގައި އަރައިގަނެ ގާތްތިމާގެ ރައްޓެހިންނަށް ކިޔު ފަޅާލައިގެން ފުރުސަތު ދެމުންދާއިރު އެކަމާއިމެދު ބަހެއް ބުނެލާނޭ މީހަކު ނެތްތާނގައި ހިރުވާތަން ކަހާލާނޭ މިހަކުވެސް ހަމަ ނެތީ؟
13 3

މޫއްޖޫ

18 މޭ 2025
މީ އެކަމަކު 100 އިލްމު ވެރިން ބައިއަތު ހިފައިގެން އައި ސަރުކާރެކޯ
11 4

ކޮސް

18 މޭ 2025
މިސަރުކާރު އުޅެނީ ކުރީ ސަރުކާރުތަކަށްވުރެ ކުރީގައި ކަރަޕުޝަނުގެ ރޮނގުން. މިސަރުކާރުގެ ތަރައްޤީ ހުރީ ކުރީ ސަރުކާރުތަކަށްވުރެ 80% ދަށުގަ.
19 9

އިތުރު އާޓިކަލް

އިތުރު އާޓިކަލް