ދިވެހި ހައްޖުވެރިއަކު ހައްޖުގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ފުރަން ދަނީ: މިދިޔަ އަހަރު ރާއްޖެއިން 1150 މީހަކު ހައްޖަށް ދިޔަ (ފައިލް ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

ފަސް އަހަރުން ނޫނީ ހައްޖު ތަކުރާރު ނުކުރެވޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފި

އެ އުސޫލުގައި ބުނާގޮތުން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ އަހަރެއްގެ ހައްޖު ކޯޓާ އިން ވަކި އަދަދެއް ހާއްސަ ކުރަން ޖެހޭ

ފަސް އަހަރުން އެއް ފަހަރު ނޫނީ ހައްޖު ތަކުރާރު ނުކުރެވޭ ގޮތަށް ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލު އެކުލަވާލައި މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އަލަށް ހައްޖުވާ މީހުންނަށް އިސްކަން ދޭގޮތަށް އިސްލާމިކް މިނިސްޓްރީ އިން މިއަދު ވަނީ އުސޫލެއް ގެޒެޓުކޮށްފަ އެވެ.

ތަފްސީލް - އެ އުސޫލުގައި ބުނާގޮތުން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ އަހަރެއްގެ ހައްޖު ކޯޓާ އިން ވަކި އަދަދެއް ހާއްސަ ކުރަން ޖެހެ އެވެ. އަދި 75 އަހަރުން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތަށް ބަލާ، އެހީތެރިއަކު ގެންދަން ޖެހޭ މީހުންނަށް އެ ފުރުސަތު ދޭން ޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.

  • އެގޮތަށް ފުރުސަތު ދެވޭނީ އާއިލާގެ މީހެއް ހައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި ހިމެނޭ ނަމަ އެ މީހަކު ގެންދިޔުމަށް

  • އެގޮތަށް ފުރުސަތު ދޭ މީހަކީ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް ވެގެން ނުވާނެ

އަންނަ ހިޖުރީ އަހަރުގެ ކުރިން ހައްޖު ތަރުތީބަށް އުސޫލުގައި ބުނާގޮތަށް ބަދަލު ގެންނަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އާ އުސޫލު އެކުލަވާލީ، އިސްލާމިކް މިނިސްޓްރީ އިން ބުނިގޮތުގައި، ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދާ މީހުންގެ ހައްގުތައް ހިމާޔަތްކޮށްދީ ހައްޖުގެ ހިދުމަތާ ގުޅޭ ކަންކަން ގަވާއިދެއްގެ ދަށުން ބެލެހެއްޓުމަށެވެ. މީގެ އިތުރުން ހައްޖުގެ އަޅުކަން އަދާކުރުމަށް އެދޭ މީހުންނަށް އެކަމުގެ މަގު ތަނަވަސްކޮށްދީ، ފެންވަރު ރަނގަޅު ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ވެސް އެ އުސޫލު އެކުލަވާލުމުގެ މަގުސަދެއް ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ގުޅުންހުރި - އަލަށް ހައްޖުގެ އަޅުކަން އަދާކުރުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ފައިސާ ދެއްކުމަށް ފަހު ދިގު މުއްދަތަކަށް އިންތިޒާރުގައި ތިބި މީހުންނަށް އިސްކަންދޭން ކެބިނެޓުން ވަނީ މިދިޔަ ޖެނުއަރީ މަހު ނިންމައިފަ އެވެ.

ރާއްޖެ އިން މީހުން ހައްޖަށް ގެންދަނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ.

ކޮމެންޓް (1)

ސަލީމް

19 މާރިޗު 2025
10 އަހަރު ކިއު އެއް އޮއްވަ ތިގޮތް ސަކަރާތް. ރަގަޅު ގޮތަކީ ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް ކިއު ދިގުދެމިގެންވާ އަހަރަށް ވުރެ އަވަހަށް ދެވަނަފަހަރަށް ފުރުސަތުނުދިނުން.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް