ދިވެހި ހައްޖުވެރިން މިނާގައި (ފޮޓޯ/ހައްޖު ކޯޕަރޭޝަން)
އަލަށް ހައްޖުވާ މީހުންނަށް އިސްކަންދޭން ކެބިނެޓުން ނިންމައިފި
އަލަށް ހައްޖުގެ އަޅުކަން އަދާކުރުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ފައިސާ ދެއްކުމަށް ފަހު ވެސް ދިގު އިންތިޒާރުގައި ތިބި މީހުންނަށް އިސްކަންދޭން ކެބިނެޓުން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން ބުނީ، ކެބިނެޓުން ނިންމާފައިވަނީ ހައްޖު ކޯޕަރޭޝަނަށް ފައިސާ ދެއްކުމަށް ފަހު ވެސް އަލަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ އިންތިޒާރުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބި މީހުންނަށް އިސްކަންދޭ ގޮތަށް އަންނަ އަހަރުން ފެށިގެން އުސޫލަށް ބަދަލު ގެނައުމަށް ކަމަށެވެ.
ތަފްސީލް - އިސްލާމިކް މިނިސްޓްރީން ކެބިނެޓަށް ހުށަހެޅި ކަރުދާހަށް ކެބިނެޓުގައި މަޝްވަރާ ކުރުމަށް ފަހު މިއަދު ނިންމާފައިވަނީ، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖުގެ އަޅުކަން އަދާކުރަންދާ މީހުންނަށް ފައިސާ ދައްކާ ތަރުތީބުން ފުރުސަތު ދިނުމުގައި ވަކި ގޮތްތަކަކަށް އަމަލު ކުރުމަށް ކަމަށެވެ. އެގޮތުން:
-
އަލަށް ހައްޖަށް ދާން އެދޭ މީހުންނަށް އިސްކަން ދިނުން
-
ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނަށް ހައްޖު ކޯޕަރޭޝަނުގެ ކޯޓާގެ ވަކި ޕަސެންޓެއް ހާއްސަކުރުން
-
އަލަށް ވެސް ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ 75 އަހަރުން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތަށް ބަލާ އެހީތެރިއަކު ގެންދަން ޖެހޭ މީހުންނަށް އެހީތެރިން ހަމަޖައްސަން ފުރުސަތު ދިނުން
-
އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ މީހެއް؛ ހައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި އާއިލާގެ މީހަކު ހިމެނޭ ނަމަ، އެ މީހަކު ގެންދެވޭނީ ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތެއް އޭނާއަށް ލިބެން ނެތް ހާލަތުގައި
-
ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ހައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ގޮތުން ފަސް އަހަރު ވުމުން
ރައީސް އޮފީހުން ބުނީ، ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކައިގެން ހައްޖު ކިއު ލިސްޓުން ޖާގަ ކަށަވަރުވީ ނަމަވެސް ފަރުލު ހައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ހައްލެއް ހޯދައިދިނުމަށް ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާ އިތުރުކުރުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
ފާހަގަ ކުރެވޭ - މިދިޔަ އަހަރުން ފެށިގެން ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ކޯޓާ ދެނީ ހަމައެކަނި ހައްޖު ކޯޕަރޭޝަނަށެވެ.