ދިވެހި ހައްޖުވެރިންތަކެއް ފުރަން ގޮސް އެއާޕޯޓްގައި: ކުރިއަށް އޮތީ ފަސޭހަ ދުވަސްތަކެއް (ފައިލް ފޮޓޯ/ހައްޖު ކޯޕަރޭޝަން)

ހައްޖުވެރިންނަށް ދަތުރުގެ ކަންކަން ފަސޭހަކޮށްދޭ މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައިފި

ޖިއްދާ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން މިހާރު ޖެހޭ ޖެހުމަށް ނިމުން އަންނާނެ. އޭރުން ޖިއްދާ އެއާޕޯޓުގައި މަޑުނުކޮށް ސީދާ ހޮޓަލަށް ދެވޭނެ

ހައްޖު ދަތުރުގެ ކަންކަމަށް ގިނަ ލުއިފަސޭހަތަކެއް ލިބޭ 'މައްކާ ރޫޓް އިނީޝިއޭޓިވް' ރާއްޖެ ހިމަނަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމައިފި އެވެެ.

ވީ ކިހިނެއް؟ - މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. އޭރުން ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރާކަށް ނުޖެހޭނެ އެވެ. ޖިއްދާ އެއާޕޯޓްގައި މަޑުނުކޮށް ސީދާ ހޮޓަލަށް ދެވުމުގެ އިތުރުން ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. 

ތަފްސީލު - މައްކާ ރޫޓް އިނީޝިއޭޓިވްގެ ސަބަބުން ލުއިފަސޭހަކަމާ އެކު ހަމަޖެހިގެންދާނެ ހިދުމަތްތައް:

  • ހައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ހައްޖު ވިސާ ލިބެން މަގުފަހިވާނެ

  • ހައްޖުވެރިންގެ ސިއްހީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުވުން

  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ހައްޖާޖީންގެ ނަމުގައި ފޮށިތައް ރެޖިސްޓާ ކުރޭނެ

  • ބޯޑިން ޕާސް ވަގުތުން ލިބޭނެ

  • މައްކާ ރޫޓް އިނީޝިއޭޓިވްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ސައުދީއަށް އެތެރެވާން ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން ނިންމާލެވޭނެ

  • ޖިއްދާ އަދި މަދީނާއަށް ދިޔުމަށް ފުރާ ޓާމިނަލްއަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ 

  • ހައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާމިނަލްއަށް ދެވުމާ އެކު، ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމް ހަމަޖެހުން

  • ހައްޖުވެރިންގެ ފޮށިތައް އެއަޕޯޓުން ލިބެންދެން އެރައިވަލް ޓާމިނަލްގައި މަޑުކުރުމަކާ ނުލައި، ފޮށިތައް ހައްޖުވެރިން ތިބޭ ހޮޓަލަށް ސީދާ ރައްދުކޮށްދިނުން

ބުނީ ކީކޭ؟ - މައްކާ ރޫޓުގައި ރާއްޖެ ހިމަނާފައިވާކަން ހާމަކޮށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ މިއީ ރާއްޖޭގެ ހައްޖުވެރިންނަށް ލިބޭނެ ތާރީހީ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. ރާއްޖެއަށް މި ފުރުސަތު ލިބުމަކީ ސައޫދީ އަރަބިއްޔާއިން ރާއްޖޭގެ ރައްޔިތުންނާ މެދު ދެކޭ އަޚުވަންތަ ގާތްކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މައްކާ ރޫޓްގައި ރާއްޖެ ހިމަނައި ދިނުމަށް އިސްލާމިކް މިނިސްޓްރީން ރަސްމީކޮށް އެދުނީ މީގެ ދެ މަަސް ކުރިނެވެ. އެއީ މިކަމާ ގުޅޭ ގޮތުން ސައޫދީގެ ހައްޖު މިނިސްޓްރީއާ އެކު ކުރި ގިނަ މަޝްވަރާތަކަށް ފަހުގަ އެވެ. މިކަން ފުރިހަމަކުރުމުގެ މަސައްކަތްތަކުގައި ރާއްޖޭގައި ހުންނަ ސައޫދީގެ އެމްބަސީ އާއި ސައުދީގެ އިސްލާމިކް މިނިސްޓްރީން ދިން އެހީތެރިކަމަށް ޝަހީމް ޝުކުރު އަދާކުރެއްވި އެވެ.

ރާއްޖޭގެ ހައްޖާއި އުމްރާގެ ނިޒާމް ހަރުދަނާކޮށް ރައްޔިތުންނަށް ލުއި ފަސޭހަކަން ހޯދައިދޭން ރައީސް މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމިކް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. 

އެނގުން މުހިންމު - ސައޫދީ އަރަބިއްޔާއިން މި ފުރުސަތު މިހާތަނަށް ދީފައިވަނީ މެލޭޝިއާ، އިންޑޮނޭޝިޔާ، ޕާކިސްތާން ފަދަ ހައްޖުވެރިން އެންމެ ގިނަ ގައުމުތަކަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް