އެންމެ ވައަތް ފަރާތުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ހަސަން ޒަކަރިއްޔާ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރަކު އެހީތެރިއެއްގެ ގޮތުގައި ހައްޖަށް

ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި އެހީތެރިން ނަގަނީ އާންމުކޮށް ހުޅުވާލައިގެން ކަމަށްވުމާ އެކު ވަކި މަގާމެއްގައި ހުރި މީހަކަށް ވިޔަސް ތަފާތެއް ނުކުރެވޭނެ

މި އަހަރު ހައްޖަށް ދާ ދިވެހިން ހައްޖުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މިއަދު ފުރި ހައްޖު ކޯޕަރޭޝަންގެ ޓީމުގައި އެހީތެރިއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ހަސަން ޒަކަރިއްޔާ ހިމެނިވަޑައިގެންފި އެވެ.

ތަފްސީލު - ދިވެހި ހައްޖާޖީން މި މަހު 26ގައި ފުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި މައްކާއަށް ދިޔަ ހައްޖު މިޝަން އާއި ހައްޖު ކޯޕަރޭޝަންގެ އެޑްވާންސް ޓީމުގައި އެހީތެރިއެއްގެ ގޮތުގައި ޒަކަރިއްޔާ ހިމެނޭކަން އެ ކޯޕަރޭޝަންގެ އެއް މަސްދަރަށް ވުރެ ގިނަ މަސްދަރުތަކުން 'ދައުރު'އަށް ވަނީ ޔަގީންކޮށްދީފަ އެވެ.

ޕީއެސްއެމްއިން އެޑްވާންސް ޓީމާ އެކު ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތައްޔާރުކުރި ވީޑިއޯ ރިޕޯޓެއްގައި ވެސް ޒަކަރިއްޔާ އެ ތަނުގައި އިހުރާމު ބަނދެގެން ހުންނަވާތަން ފެނެ އެވެ.

ޒަކަރިއްޔާއަށް ގުޅޭތޯ މަސައްކަތް ކުރި ނަމަވެސް، ފޯނު ނިއްވާލާފައި އޮތުމުން އޭނާގެ ބަހެއް ނުލިބެ އެވެ.

މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން ހައްޖު ކޯޕަރޭޝަން މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް 'ދައުރު'އަށް ވިދާޅުވީ މިއަދު ފުރި އެޑްވާންސް ޓީމުގައި ޑޮކްޓަރުންނާއި ނަރުހުންނާއި އެހީތެރިން އަދި ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ހިމެނޭ ގޮތަށް 17 މީހަކު ފުރި ކަމަށެވެ.

"އެހީތެރިން ނަގަނީ އާންމުކޮށް އިއުލާންކޮށްގެން އަދި އިންޓަވިއު ޕްރޮސެސްއަކުން،" އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރަކު އެހީތެރިންގެ ޓީމުގައި ހިމެނޭތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އާންމުކޮށް އިއުލާންކުރުމުން ކޮންމެ މަގާމެއްގައި ހުރި ކޮންމެ މީހަކަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ.

"ފުލުހުންގެ އޮފިސަރު ލެވެލްގެ ބޭފުޅުން ވެސް ހިމެނޭ. އާންމުކޮށް ކުރާ އިއުލާނެއްގައި ވަކި މަގާމެއްގައި ހުރި މީހެއް ތަފާތެއް ނުކުރެވޭނެ،" ޝަކީލް ވިދާޅުވި އެވެ.


ކޮމެންޓް (4)

ވޮއިޑް އެބްއިނިޝިއޯ

19 މޭ 2025
ކޮރަޕްޝަން މެދުވެރިކޮށް ހައްޖަށް ގޮސްްފިނަމަ ހައްޖު ސައްހަ ވާނެބާ
1 0

ޙަމްޒަތު

17 މޭ 2025
މިނިވަން މުއައްސަސާއެއްގެ މެންބަރެއް ދިއުމަކީ ގާނޫނާ ޚިލާފު ކަމެއް.
4 1

އެހީތެރިޔާ

17 މޭ 2025
އަސްލު ހައްޖު ކޯޕަރޭޝަން އޮތީ ވަރަށް ބޮޑަށް ކޮރަޕްޓް ވެފަ. ނަމަކަށް އިއުލާން ކޮށްފަ މީހުން އޮންނަނީ ނަގާނިންމާފަ.
13 0

ސީނު

16 މޭ 2025
ޤާޟީއަކު ވެސް ތި ގޮތަށް އެހީތެރިންގެ ގޮތުގައި ގޮއްސި. މިއީ މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ގެއްލޭނެ ކަމެއް.
15 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް