ވަގަށް ރާއްޖެ އެތެރެކުރި ތަނުން ކަސްޓަމްސް އިން އަތުލައިގަތް 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު (ފޮޓޯ/ ކަސްޓަމްސް
ވަގަށް އެތެރެކުރި 13 މިލިއަން ސިނގިރޭޓު ހިފަހައްޓައިފި؛ ޑިއުޓީއަށް 122 މިލިއަން ރުފިޔާ އަރާ
ވަގަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސް އިން އިއްޔެ އަތުލައިގެންފި އެވެ. މި ތަކެތީގެ ޑިއުޓީއަށް އެކަނި ވެސް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެ އެވެ.
ވީ ކިހިނެއް؟ - ކަސްޓަމްސްއިން މިއަދު މިކަމާ ގުޅޭ ގޮތުން ނެރުނު ނޫސްބަޔާނުގައި ބުނީ އެ ސިނގިރޭޓްތައް އެތެރެކުރަން އުޅުނީ ކަނޑު މަގުން ޕްލައިވުޑް ޝިޕްމެންޓެއްގެ ތެރޭ ފޮރުވައިގެން ކަމަށެވެ.
ތަފްސީލު - ކަސްޓަމްސްގެ ބަޔާނުގައި ބުނި ގޮތުގައި ފުލައިވުޑް ޝިޕްމެންޓެއްގެ ތެރޭ ސިނގިރޭޓް އެތެރެކުރަން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި އެ ތަކެތި އިއްޔެ ހިފެހެއްޓީ ސީކާގޯ ޓާމިނަލްއިންނެވެ. އެގޮތުން:
-
ބަލައިފާސްކުރުމުގެ ތެރޭގައި މި ޝިޕްމެންޓްގައި ހިމެނޭ 40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ތެރެއިން 1،360 ކޭސް ސިނގިރޭޓް (13.6 މިލިއަން ސިނގިރޭޓް ސްޓިކް) ވަނީ ފެނިފައި.
-
މި ޝިޕްމެންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެކަމަށް ލަފާކުރެވޭ
"މިއީ ޤާނޫނު ނަންބަރު 15/2010 (ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނު)ގެ 3 ވަނަ ބާބު (ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ބަންދުކުރުމާއި ލޭބަލް ޖެހުން)، 8 ވަނަ ބާބު (ހުއްދަ ދޫކުރުން) އާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލެވިފައިވާ ތަކެތިކަމުގައި ވާތީ، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ވާހަކަ ވެސް ދެންނެވީމެވެ،" ކަސްޓަމްސްއިން ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިއީ ވަގަށް އެތެރެކުރަނިކޮށް މި ފަހުގެ ތާރީހެއްގައި އަތުލައިގަތް އެންމެ ބޮޑު ސިނގިރޭޓް ޝިޕްމަންޓެވެ. މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ސިނގިރޭޓުގެ އަގު ސަރުކާރުން ބޮޑުކުރުމާ އެކު އެކި ކަހަލަ ވަގު ބްރޭންޑްތަކުގެ ސިނގިރޭޓާއި އެނޫން ވެސް ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓު ވިއްކުން ވަރަށް ބޮޑަށް ވަނީ އާންމުުވެފަ އެވެ.
ގުޅުން ހުރި
ލައްކައަކަށް ވުރެ ގިނަ ސިނގިރޭޓު ވަގަށް އެތެރެކުރަން އުޅެފި
20 އޭޕްރީލު 2025
ވީއައިއޭއިން ވަގަށް ސިނގިރޭޓް ނެރެން އުޅުނު މައްސަލައެއް ބަލަނީ
25 މާރިޗު 2025
ކަޅު ބާޒާރުގައި ވަގު ސިނގިރޭޓު: ކިހާ ނުރައްކާތެރި އެއްޗެއް؟
8 ފެބްރުއަރީ 2025
ސިނގިރޭޓު އެތެރެ ކުރުން: މިހާތަނަށް 84،000އަށް ވުރެ ގިނަ ފޮށި
28 އޮކްޓޯބަރު 2024