ދަ ޑިމޮކްރެޓްސްގެ ފަރާތުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމްތިޔާޒު ފަހުމީ ވާހަކަ ދައްކަވަނީ . (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ދަ ޑިމޮކްރެޓްސް

ޔުމްނު ވެއްޓުމުގެ ހާދިސާ ރައީސް 'ސިޔާސީކުރެއްވުން' ކުށްވެރިކުރަން: ޑިމޮކްރެޓްސް

ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވެފަައި ވަނީ މިހާރު ހިނގައިގެން އުޅޭ ހިތާމަވެރި ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ 'ބިރަކާ ނުލާ މަޖާކުރުން' ޕްރޮމޯޓްކުރި މީހުން ކަމަށް؛ އެއީ ރިޔާސީ އިންތިހާބު 2013ގައި ރައީސް ނަޝީދު ގެންގުޅުއްވި ޝިޔާރެއް

މި މަހު 17 ވަނަ ދުވަހުގެ ރޭ މެންދަމުން އަލިވި ފަހުން ހައްވާ ޔުމްނު ރަޝީދު، 21، ހ. ފެންޓެނޯއީގޭގެގެ ނުވަވަނަ ބުރިން ޖެހިގެން ހުރި ހ. މިޓާޒް ގޭގެ ގުދަނުގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާ ރައީސް މުހައްމަދު މުއިއްޒު "ސިޔާސީ" ކުރައްވާފައިވާ ކަމަށް ބުނެ ޑިމޮކްރެޓްސް ޕާޓީން ރައީސްގެ އެ ވާހަކަފުޅު މިއަދު ކުށްވެރިކޮށްފި އެވެ.

ވީކިހިނެއް؟ - ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، "މިހާރު ހިނގައިގެން އުޅޭ ހިތާމަވެރި ހާދިސާ ވިސްނާލާއިރު ވެސް ޒިންމާ ނަގަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މީގެ އަހަރުތަކެއް ކުރިން ބިރަކާ ނުލާ މަޖާކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ޕްރޮމޯޓު ކުރި މީހުން" ކަމަށެވެ.

ރައީސް އިޝާރާތް އެ ކުރައްވަނީ، ޑިމޮކްރެޓްސް އުފެއްދެވުމުގެ ފަހަތުގައި ހުންނެވި ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ އިންތިހާބު 2013ގައި ނެރުއްވި މެނިފެސްޓޯގައި ހިމެނޭ ޝިޔާރެކެވެ. އެ ޝިޔާރުގެ ދަށުން ގެނެސްދީފައިވަނީ ކުޅިވަރު، މުނިފޫހިފިލުވުން އަދި ފަންނުވެރިކަން ކުރިއަރުވަން ހުރި ސިޔާސަތުތަކެވެ.

ބުނީ ކީކޭ؟ - ޑިމޮކްރެޓްސްއިން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް އިމްތިޔާޒު ފަހުމީ ވިދާޅުވީ ހިނގައިގެން މި އުޅެނީ "ސިޔާސީ" މައްސަލައެކޭ ކިޔާ ވަރަށް ވުރެ ހައްސާސް މައްސަލައެއް ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު އެ ހާދިސާ "ސިޔާސީ" ކުރައްވައި ވާހަކަފުޅު ދެއްކެވުން ކުށްވެރިކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުންގެ މުއައްސަސާގެ އަހަރީ ދުވަހުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅަކުން އަނެއްކާ އިތުރަށް ކަންބޮޑުވާން މި ޖެހެނީ އެ މައްސަލަ ޕޮލިޓިސައިޒްކޮށް ސިޔާސީ ކުރެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައިވާތީވެ. އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި އަދި ނިޔަތް ރަނގަޅު ނޫން ގޮތެއްގައި ދެއްކެވި ވާހަކަފުޅެއް،" އިމްތިޔާޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީގައި މީގެ ކުރިން މަސައްކަތްކުރައްވާފައިވާ އިމްތިޔާޒު ވިދާޅުވީ ރައީސްގެ އެ ވާހަކަފުޅުގެ ސަބަބުން ތަހުގީގަށް އަަސަރުކުރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.

"އިންވެޓިގޭޝަނަށް ނުރަނގަޅު އަސަރުކޮށްފާނެ ކަމެއް. ތަހުގީގާ މެދު އިތުރު ޝައްކުތައް އާންމުންގެ ތެރޭގައި އުފެދުމުގެ ފުރުސަތު ކަމެއް،" ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ތިން ދައުރަކު ކުރެއްވި ގާނޫނީ ވަކީލު އިމްތިޔާޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު 2013ގައި އެމްޑީޕީގައި ސިޔާސީ މަސައްކަތްކުރެއްވި އިމްތިޔާޒު ވިދާޅުވީ ރައީސް މުއިއްޒު އެ ސިޔާސަތުތަކުގެ ހަގީގީ މާނަ އޮޅުވާލައްވާފައިވާ ކަމަށެވެ.

"އޭގެ މަފުހޫމަކީ ޒުވާނުންނާއި އެންމެނަށް ވެސް 'އާޓިސްޓިކް ފްރީޑަމް' އަދި 'ކްރިއޭޓިވް ފްރީޑަމް' ލިބެން ޖެހޭނެ ކަމުގެ ޔަގީންކުރުމާއި ޒުވާނުން ބާރުވެރިކުރުން. އޭރު އެ ހުށަހެޅި ހެށަހެޅުންތަކާ އެކު މެނިފެސްޓޯއަށް 105،000 މީހުންގެ ވޯޓު ވެސް ލިބުނު،" އިމްތިޔާޒު ވިދާޅުވި އެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ހިނގަމުންދާ ގޮތާ މެދު ވެސް އިމްތިޔާޒު ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.

"ތަހުގީގު ރަނގަޅަށް ފުރިހަމަ ނުވަނީސް، ތަހުގީގުގައި ބަލަން ޖެހޭ ގިނަ ކަންކަން އަދި ހުއްޓައި ކޮންކްލިއުޝަންއަކާ ހަމައަށް ފުލުހުން ދިޔުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެއްވެސް ފަރާތެއްގެ ޝާމިލްވުމެއް ނެތި ވެއްޓިފައިނުވާ ކަމަށް ނިންމި ނިންމުން، ތަހުގީގުގެ ނިމުމާ ގާތް ވެސް ނުވަނީސް މި ގޮތަށް ނިންމުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެން ބައިވެރިވެވަޑައިގެންނެވި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވެސް ވިދާޅުވީ، ޔުމްނުއަށް އިންސާފު ހޯދުމަށް ޒުވާނުން ގެންދާ ހަރަކާތްތަކަކީ "ސިޔާސީ" ހަރަކާތްތަކެއް ނޫން ކަމަށެވެ. އެ ހަރަކާތުގެ ތެރެއަށް އެއްވެސް ޕާޓީއަކުން ނުވަދެ އެ ހަރަކާތަށް ހިތްވަރު ދިނުމަށް ވެސް ގޮވާލެއްވި އެވެ.

"ޒުވާނުން ކުރާ މުޒާހަރާއަކީ އެއް ގޮތަކަށް ވެސް ސިޔާސީ ކަމެއް ނޫން. ޑިމޮކްރެޓްސް އިން ވެސް ޒުވާނުން ކުރަމުންދާ މުޒާހަރާގެ ތެރެއަށް ނުވަންނާނަން. އެ ކުދިންނަށް އެއީ ސިޔާސީ ނުފޫޒެއް ނެތި ހިނގަމުންދާ ކަމެއް ގޮތުގައި ބޭއްވުމުގެ ހައްގު ދޭނަން. މި ކަން އެއް ގޮތަކަށް ވެސް ސިޔާސީ ކަމެއް ގޮތުގައި ސިފަކޮށްގެން ނުވާނެ،" އަމީން ވިދާޅުވި އެވެ.

ފާހަގަކުރެވޭ - ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ހިމެނޭ ރައުދު އަހުމަދު ޒިލާލު ހައްޔަރުކޮށް އެ ހާދިސާގެ ކުރިން އެމީހުންނާ އެކު އުޅުނު އިތުރު ހަތް މީހެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.

އެ މީހުންގެ ތެރޭގައި ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އަންޑަ ސެކްރެޓަރީގެ މަގާމުން މިދިޔަ ބުރާސްފަތި ދުވަހު ވަކިކުރި އިޒްދިޔާން މުހައްމަދު މައުމޫން، 28، ވެސް ހިމެނެ އެވެ.

ރައުދުގެ ބޭބެ، ރައީސް އޮފީހުގެ ޑިޖިޓަލް ސްޓެރެޖީގެ އަންޑަސެކްރެޓަރީ ދާއޫދު އަހުމަދު ޒިލާލް މުސާރަ ނުލިބޭ ގޮތަށް އެ މަގާމުން މިއަދު ސަސްޕެންޑްކޮށް، ޔޫތު ކައުންސިލުން ވެސް ވަނީ ވަކިކޮށްފަ އެވެ.

އެނގުން މުހިންމު - މި ހާދިސާގެ މައްސަލާގައި ހައްޔަރުކުރި ރައުދު އަދި ޕާސްޕޯޓް ހިފަހައްޓާފައިވާ އިޔްދިޔާނަކީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ މީހުންނެވެ. ޔުމްނު ވެއްޓުނު އިމާރާތަށް ދިޔުމުގެ ކުރިން އެ ރޭ އަމީންގެ އާއިލީ ގޭގެ އެޕާޓްމަންޓެއްގައި އޮތް ޕާޓީއަކަށް ދިޔަ އެވެ.

މި މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރާފައިވާ ކަމަށް ތުހުމަތު އަމާޒުކޮށްފައިވަނީ އެކަމާ ގުޅުވަ އެވެ. މިނިސްޓަރު އަމީން ވަނީ އެ ތުހުމަތުތައް އިންކާރުކުރައްވައި ޕާޓީ އޮތް އެޕާޓްމަންޓަކީ އޭނާއާ ސިދާ ގުޅުމެއް ނެތް ތަނެއް ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް (2)

ސުހާނާ

26 އޭޕްރީލު 2025
ރައީސް އެހެން ވިދާޅުވީމައި އެކަމަށް ގޮވާލި މީހުންގެ ބައިވެރިން ނުރުހުންވާނެތާދޯ؟އެމީހަކު ބޭނުންވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން އެމީހަކަށް އޮންނަންވާނެ ކަމަށާއި އެއީ އެމީހެއްގެ ޙައްޤެއް ކަމަށް ބުނެ، އެފަދަ ކަންތައްތަކަށް މި ގައުމުގެ މީހުންނަށް ހިތްވަރު ދިނީ އަދި ހިތްވަރުދެމުން ދަނީވެސް އޭގެ ތެރޭގައި އުޅޭ މީހުންވިއްޔަ.
0 0

ޅޮސްދަނޑި

26 އޭޕްރީލު 2025
ޑިމޮކްރެޓްސް ކިންގްމޭކަރ ވެގެން ހޮވި ރައީސް، ރައީސް މުޢިއްޒު. ރައީސުން އަބަދުވެސް ކިންގމޭކަރ އަށް ދެނީ ދޯކާ. އަދިވެސް ތިބޭތި...
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް