ރައީސް މުއިއްޒު (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

އެންމެންގެ މައްޗަށް ގާނޫނު ހިނގާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ރައީސް މުހައްމަދު މުއިއްޒު މި ޔަގީންކަން ދެއްވީ، މިދިޔަ ހުކުރު ދުވަހުގެ ފަތިހު މާލޭގެ އިމާރާތަކުން ވެއްޓި ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގައި ނުފޫޒު ފޯރާފައިވާ ކަމަށް ތުހުމަތު އަމާޒުވެފައިވަނިކޮށް

އެ މީހެއްގެ މަގާމަކަށް އަދި އާއިލާ އާއި ނަސަބަކަށް ނުބަލައި އެންމެންގެ މައްޗަށް ވެސް ގާނޫނު ހިނގާނެ ކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހުކުރު ދުވަހުގެ ފަތިހު މާލޭގެ އިމާރާތަކުން ވެއްޓި ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގައި އެ ޒުވާނާ އެކު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޮއަކު އެ އިމާރާތަށް މަސްތުގެ ހާލަތުގައި ގޮސް އުޅުނު ކަމަށް ފުލުހުން ބުންޏެވެ.

ފުރާޅު މައްޗަށް ވެއްޓި އަނިޔާވި ހައްވާ ޔުމްނު ރަޝީދު، 21، ވެންޓިލޭޓަރަށް ލީ ކަމަށް އައިޖީއެމްއެޗުން މިދިޔަ ހޮނިހިރު ދުވަހު ބުނެފައިވެ އެވެ. ފަހުން ވެންޓިލޭޓަރުން ނެގުމަށް ފަހު މިހާރު ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

މި މައްސަލާގައި ޔުމްނުއާ އެކު ދިޔަ ފިރިހެން ޒުވާނާ ރައުދު އަހުމަދު ޒަލީލް އާއި ރައީސް އޮފީހުގެ މަގާމެއްގައި ހުންނެވި، އަމީނަށް ބޮޑުބޭބެ ވިދާޅުވާ އިޒްދިޔާން މުހައްމަދު މައުމޫން ވެސް ހިމެނޭ ގޮތަށް އަށް މީހުންނާ އެކު އުފަންދުވަހުގެ ޕާޓީއަކަށް ބުރާސްފަތި ދުވަހުގެ ރޭ، އަމީން ވެސް ދިރިއުޅުއްވާ ގޭގެ އެޕާޓްމަންޓަކަށް ދިޔަ އެވެ.

މި މައްސާލަގައި ފުލުހުން ހިންގާ ތަހުގީގަށް ނުފޫޒު ފޯރާފައިވާ ކަމަށް ތުހުމަތު އަމާޒުވީ އެކަމާ ގުޅުވަ އެވެ. ނަމަވެސް ވަކި މީހަކަށް ނުބަލައި ގާނޫނު ހިނގާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ބުނީ ކީކޭ؟ - "ގާނޫނުއަސާސީ އާއި ގާނޫނުތައް ތަންފީޒުކުރުމުގައި، ގާނޫނުގެ ވެރިކަން މި ގައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރަން، ނުވެސް ކުރާނަން. އެ މީހެއްގެ ހަސަބަކަށް، ނަސަބަކަށް، މަގާމަކަށް، މުއްސަނދިކަަމަކަށް، ރަހުމަތްތެރިކަމަކަށް، އާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް އަދި އެ ނޫން ވެސް ކަމަކަށް ބަލައި މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނުއޮންނާނެ،" ރައީސްގެ ޕޯސްޓްގައި ލިއުއްވާފައިވެ އެވެ.

އެނގުން މުހިންމު - މި މައްސަލާގައި ފުލުހުން ތަފާތު ގޮތަކަށް އަމަލުކުރާކަން ފާހަގަވާތީ ގިނަ އަދަދެއްގެ ޒުވާނުން ރޭ ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ކުރިމަތީ މުޒާހަރާކޮށް ނުރުހުން ފާޅުކޮށްފައި ވަނިކޮށް، ޕާޓީއަށް ދިޔަ މީހުންގެ ޕާސްޕޯޓްތައް މިހާރު ވަނީ ހިފަހައްޓައިފަ އެވެ.

ރައުދާއި އިޒްދިޔާން ހިމެނޭ ގޮތަށް ޕާސްޕޯޓް ހިފެހެއްޓި މީހުންގެ ވަނަވަރު ވެސް ފުލުހުން މިއަދު ހާމަކުރި އެވެ. އެއީ:

  • ރައުދު އަހުމަދު ޒިލާލް، 21، ގ. އެރިޔަދޫ

  • އައިޝަތު ލަޔާލީ އިގުބާލް، 22، ގ. ނޯތުބްރީޒް

  • އިޒްދިޔާން މުހައްމަދު މައުމޫން، 28، މއ. މާންދޫގެދެކުނުގެ (ޓްރާންސްޕޯޓް މިނިސްޓަރު އަމީނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޮއެއް؛ މިއަދާ ހަމައަށް ހުންނެވީ ރައީސް އޮފީހުގެ މަގާމެއްގައި)

  • ޔޫސުފް އަހްމަދު އަކްރަމް، 22، މއ. މާންދޫގެދެކުނުގެ (އަމީނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޮއެއް)

  • ޔޫސުފް ޔައްސާރު އަބްދުއްގަފޫރު، 28، ހ. މީނާޒް

  • އާމިނަތު ޖުނައިދާ ޖަމްޝީދު، 24، މ. ތިލަފަޅު

  • ހުސައިން ހަމީސް އަލީ، 28، އަލި/ނ. ވެލިދޫ

  • އިޖާޒު ޖާއިޒު، 24، މާތޮޑާއަވަށް އޭޕްރީލް/ގދ. ފަރެސްމާތޮޑާ

ގުޅުން ހުރި - ރައީސް އޮފީހުގެ މަގާމުތަކުގައި ތިބި އަދި އަމީނަށް ބޮބުބޭބެ ވިދާޅުވާ ދެ ބޭފުޅަކަށް މިއަދު ފިޔަވަޅު އެޅި އެވެ. އެގޮތުން:

  • ރައީސް އޮފީހުގެ ޑިޖިޓަލް ސްޓެރެޖީގެ އަންޑަސެކްރެޓަރީ ދާއޫދު އަހުމަދު ޒިލާލް މުސާރަ ނުލިބޭ ގޮތަށް އެ މަގާމުން ސަސްޕެންޑްކުރި

  • ރައީސް މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް އެކުލަވާލި ޔޫތު އެޑްވައިޒަރީ ކައުންސިލްގެ ރައީސް ކަމުން ދާއޫދު ވަކިކުރި

  • ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އަންޑަސެކްރެޓަރީގެ މަގާމުން އިޒްދިޔާން މުހައްމަދު މައުމޫން

ފާހަގަކުރެވޭ - ފުލުހުންގެ ތަހުގީގަށް ނުފޫޒު ފޯރާފައިވާ ތުހުމަތުތައް އަމާޒުވުމުން، ޓްރާންސްޕޯޓް މިނިސްޓަރު އަމީން ރޭ ވަނީ ޕޯސްޓެއް ކުރައްވައިފަ އެވެ. އެގޮތުން:

  • އެ ގެއަކީ އަމީންގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ އިތުރު ތިން މީހުންގެ ވެސް މިލްކުގައިވާ ތަނެއް

  • ޒުވާނުންގެ ހަރަކާތް އޮތީ އަމީން ދިރިއުޅޭ އެޕާޓްމަންޓަކު ނޫން ކަމަށް ވިދާޅުވެ އޭގައި އޭނާއަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ލިއުއްވި

  • އެ ހަރަކާތުގައި އޭނާއަށް ބޮޑުބޭބެ ކިޔާ ދެ ކޮއްކޮއަކު ބައިވެރިވި؛ ހާދިސާއަށް ފަހު އެ މީހުންނާ ސުވާލުކުރަން ވެސް ފުލުހުން ގެންދިޔަ

  • އެ ހުރިހާ ކަމެއް އެނގިވަޑައިގަތީ ހުކުރު ދުވަހުގެ ހަވީރު؛ ތަހުގީގަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވި

ކޮމެންޓް (2)

ފީލިންގ

24 އޭޕްރީލު 2025
[ "ގާނޫނުއަސާސީ އާއި ގާނޫނުތައް ތަންފީޒުކުރުމުގައި، ގާނޫނުގެ ވެރިކަން މި ގައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރަން، ނުވެސް ކުރާނަން. އެ މީހެއްގެ ހަސަބަކަށް، ނަސަބަކަށް، މަގާމަކަށް، މުއްސަނދިކަަމަކަށް، ރަހުމަތްތެރިކަމަކަށް، އާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް އަދި އެ ނޫން ވެސް ކަމަކަށް ބަލައި މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނުއޮންނާނެ،" ރައީސްގެ ޕޯސްޓްގައި ލިއުއްވާފައިވެ އެވެ. ] ރައީސްގެ މި ޕޯސްޓު ކިޔާފައި އެޗްޑީސީ ފަޒުލް އާ އިމިގްރޭޝަން ޝަމްއާން ކީކޭބާ ހިތަށްއަރާނީ؟
1 0

ތެފައާސާ.

24 އޭޕްރީލު 2025
އެންމެންގެ މައްޗަށް ގާނޫނު ހިނގާނެކަން ކިތަންމެ ރަނގަޅަކަށްވެސް ފެނިއްޖެ. ކަން ހިނގިތާ ހަފްތާވެގެން ދިޔައިރުވެސް ހިރުވާތަން ކަހާނުލައި ތިބެފައި ޓުވިޓަރުގައި ޕްރެޝަރު ބޮޑުވެގެން "ކްލޯޒްޑް ޑޯރ" ނޫސް ކޮންފަރެންސް ބާއްވައި އަނިޔާވީ ފަރާތުގެ ވަނަވަރު އެކަނި ހާމަކޮށްލައި މާލޭގެ މެދުގައި ހުރި (ނަމެއް ނެތް) ގެއެކޭ ކިޔައި ވާހަކައެއް ދައްކާލައި ކުޑަގޮތެއް ހަދާލީމާ އެކަން ނިމިދާނޭކަމަށް ބަލައިގެން ތިއްބައި ޖެންޒީ ގުރޫޕު މަގުތަކަށް ނިކުމެ މުޒާހަރާކުރަން ފެށީމާ ތެޅިގަނެގެން ވަނަވަރާއި ފޮޓޯއާއި ހާމަކޮށް ޕާސްޕޯޓާއި މަޑިސީލަވެސް ހިފަހައްޓައި 7 ދުވަސް ފަހުން "ކްރައިމް ސީން" ބަލައި ފާސްކުރާނޭކަން އަންގައި އިއުލާންކުރަންފެށީމާ، މަނިކުފާނުތީ މޫނަކަށް ކަނދުރާއަކަށް ނުބަލައި ހަމަހަމަކަމާއެކު އެންމެންގެ މައްޗަށް ގާނޫނުހިންގުމުގެ ލާމަސީލު ނަމޫނާ ކަން ސާބިތުވެއްޖެ އިނގޭތޯ؟ މަރުހަބާ
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް