ފުލުހުންގެ އަހަރީ ޖަލްސާގައި ރައީސް މިރޭ ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

މިހާރު ހިނގައިގެން އުޅޭ ހިތާމަވެރި ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ ބިރަކާ ނުލާ މަޖާކުރެވެން ޖެހޭނެ ކަމަށް ޕްރޮމޯޓު ކުރި މީހުން: ރައީސް

އިސްލާމް ދީނުގައި ކަނޑައެޅިފައި ހުރި އުސޫލުތަކާއި ހަމަތަަކަކީ މުހިއްމު ކަމެއް ނޫން ކަމަށާއި ޒުވާންކަމުގައި ބޭނުން ގޮތަކަށް އުޅެން ހިތްވަރުދިން މީހުން މިއަދު ވެސް ސިޔާސީ ބޭނުމެއްގައި ޒުވާނުން ބޭނުންކުރާ ވިދާޅުވި

މިހާރު ހިނގައިގެން އުޅޭ ހިތާމަވެރި ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ "ބިރަކާ ނުލާ މަޖާކުރެވެން ޖެހޭނެ ކަމަށް ޕްރޮމޯޓުކުރި މީހުން" ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުންގެ 92 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ ގޮތުން އެކި ކަހަލަ ކަންކަން ހިންގަން އުޅޭ މީހުންނަށް ފުރުސަތު ދިނުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ބުނީ ކީކޭ؟ - ހެންވޭރުގައި ހުންނަ ގެއެއްގެ ކުޑަދޮރަކުން އަންހެނަކު ވެއްޓުނު ހާދިސާ އާއި އެ ހާދިސާއާ ގުޅުން ހުރި ކަންތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ހިނގައިގެން އުޅެނީ ވަރަށް ހިތާމަވެރި ކަމެއް ކަމަށެވެ.

"މިހާރު ހިނގައިގެން މިއުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިސާއެއް. ވިސްނާލާއިރު ވެސް މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދި އިންސާފަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ގަބޫލުކުރާނެ ގޮތުގައި ބިރަކާ ނުލާ މަޖާކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ޕްރޮމޯޓު ކުރި މީހުން މީގެ އަހަރުތަކެއް ކުރިން،" ރައީސް ވިދާޅުވި އެވެ.

އިސްލާމް ދީނުގައި ކަނޑައެޅިފައި ހުރި އުސޫލުތަކާއި ހަމަތަަކަކީ މުހިއްމު ކަމެއް ނޫން ކަމަށާއި ޒުވާންކަމުގައި ބޭނުން ގޮތަކަށް އުޅުމަށް ހިތްވަރު ދިން މީހުން މިއަދު ވެސް ސިޔާސީ ބޭނުމެއްގައި ޒުވާނުންގެ ބޭނުން ކުރަމުން ދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ކުދިން އެ މަގުން ދިޔައީ ސިޔާސީ އޮއިވަރެއްގައި ޖައްސައިގެން. މި ގައުމުގައި އޮތް މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތަކާއި އަޅުގަނޑުމެންގެ ތެރޭގައި އޮތް ރީތި އާދަތަކުން ބޭރަށް މި ގައުމު ނެރެ އެހެން މަގަކުން ގެންދަން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އޭގެ ވިކްޓިމައިޒް ވެފައި ތިބި ޒުވާނުންތަކެއްގެ ބޭނުން ކޮށްގެން ސިޔާސީ ފައިދާ ނަގަން އުޅޭ އުޅުމުގެ ތެރެއަށް ދިވެހި ލޮބުވެތި ރައްޔިތުން ވަނުމަކީ ކޮށްގެންވާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ތެދާއި ދޮގު ވަކިކުރަން އެނގޭ ބަޔަކަށް ވާން ޖެހޭ ކަމަށާއި ޖަޒުބާތުގައި ޖެހި ބަޔަކު ދައްކާހާ ވާހަކައަކަށް ސިކުނޑި ދޫކޮށްލައިގެން ނުވާނެ ކަމަށާއި އަމިއްލަ ސިކުނޑިން ވިސްނައިގެން އަމިއްލައަށް ތެދު ދޮގު ބެލޭ ބަޔަކަށް ވާން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ކާކުކަން ނޭނގޭ މީހުން ފަތުރާ އެކި ކަހަލަ ދޮގު ވާހަކަތަކުގައި ޖެހި އެ ދޮގުތަކުގެ އަޅުންގެ ގޮތުގައި އަޅުގަނޑުމެން ވެގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވިސްނުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ އޮޕްޝަނެއް ނޫން ކަމަށާއި އެއީ ޒިންމާއަކާއި ވާޖިބެއް ކަމަށެވެ.

ފާހަގަކުރެވޭ - މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ހ. ފެންޓެނޯއީގޭގެ ކުޑަދޮރުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ހިމެނޭ ރައުދު އަހުމަދު ޒިލާލު ހައްޔަރުކޮށް އެ ހާދިސާގެ ކުރިން އެމީހުންނާ އެކު އުޅުނު އިތުރު ހަތް މީހެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.

އެ މީހުންގެ ތެރޭގައި ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އަންޑަ ސެކްރެޓަރީގެ މަގާމުން މިއަދު ވަކިކުރި އިޒްދިޔާން މުހައްމަދު މައުމޫން، 28، ވެސް ހިމެނެ އެވެ.

އެ ހާދިސާއާ ގުޅިގެން ހައްޔަރުކުރި ރައުދުގެ ބޭބެ، ރައީސް އޮފީހުގެ ޑިޖިޓަލް ސްޓެރެޖީގެ އަންޑަސެކްރެޓަރީ ދާއޫދު އަހުމަދު ޒިލާލް މުސާރަ ނުލިބޭ ގޮތަށް އެ މަގާމުން މިއަދު ސަސްޕެންޑްކޮށް، ޔޫތު ކައުންސިލުން ވެސް ވަނީ ވަކިކޮށްފަ އެވެ.

ކޮމެންޓް (5)

ބެރީ

26 އޭޕްރީލު 2025
ކަނދި ކަމަނާގެ މަސްތެލުލުން ނޫސްކިޔާ ކުދިންނަށް އެނގޭތަ؟ އެނގޭނަމަ، ވިސްނާލަބަލަ! މުއިއްޒުއާ ކަނދިކަމަނާއާ ކޮންތަފާތެއް ހުރީ؟
0 0

މަށޭ

25 އޭޕްރީލު 2025
ގައުމުގައި މިހާރު މިއޮތް ހާލަތުގެ ޒިންމާ ނަގަންޖެހޭނީ ހަމަ މުއިއްޒު. އެއީ ގައުމެއްގެ އެއްވެސް ވެރިއަކު މިހާތަނަށް މާ "ކުލް" ކަމަކަށް ވެގެން ޒުވާނުންނާއެކީ ސޯފާއަށް ފައި ނަގައިގެން، ދެފައި ވައްކޮށްލައިގެން، ފައ ތަޅުވަތަޅުވާ، ޖެންޒީ ބަހުރުވައިން ސައްލާކޮށެއް ނަހަދާ. ޖޯލި ފަތީގައި އޮންނަ ޒުވާނާއަށް ގޮވާފަ، އާދޭ ދާން ބުނެ، މިހާ ކޫލުވާން މަސައްކަތެއް ނުކުރޭ. ކޫލް ވޔަސް އަހަރެމެންގެ މައިންބަފައިގެން ދަސްކޮށްދިނީ ވެރިންނަށް އިހުތިރާމުކޮށް އަދަބުވެރިކަމާއެކު އުޅެން. ޚާއްސަކޮށް ގައުމުގެ ރައީސްއަކީ ޚާއްސަ ޕްރޮޓޯކޯލްއެއްގެ ދަށުން އުޅެންޖެހޭ އަދި އެންމެ އާދައިގެ ގޮތަށް ހޮޅުއަށީގައި މީހުން އުޅޭހެން އުޅެންޖެހޭ މީހެއްނޫން. މުއިއްޒު ވެރިކަމަށް އައިސް ފުރަތަމަވެސް އިހުސާސް ކޮށްދިނީ ކިޔެވުމަކީ ބޭކާރުކަމެއްކަން. މީހާރު މިނިސްޓަރުކަމުން ފެށިގެން މަތީ ފަންތީގެ އެއްވެސް މަގާމެއްގެ އަގެއް ނެތް. އަދި ޒަމާނުއްސުރެ ވެރިންނަށް ކުރަންމުން އައި އިހުތިރާމް އެއީ ކުރަންޖެހޭ ަމެއް ނޫންކަން މުއިއްޒު ޒުވާނުންނަށް ދަސްކޮށްދީފި.
1 0

ކޮސް

25 އޭޕްރީލު 2025
މުއިއްޒު ވެރިކަމަށް ފިޓުނޫންކަން މިކަހަލަ ވާހަކަތަކުންވެސް ސާބިތުވޭ. އެވިދާޅުވާ ވާހަކައެއް ދެކެވުނު އިރު މައްސަލަ ޖެހިގެން އުޅޭ ކުދިންގެ އުމުރުން 4 އަހަރު. ޤައުމުގެ ރައީސް އަކީ މިއަށްވުރެ ހަރުދަނާ ފަރާތަކަށް ވާންޖެހޭނޫންތޯ!!!
11 1

ވޮޗްމޭން

24 އޭޕްރީލު 2025
ޒިންމާ ނަގަންޖެހޭ ފަރާތް ކުރިޔަށް އޮތް އިންތިހާބުން ވަރަށް ސާފުވާނެ
12 2

ދެފަހަރޭއަށް

24 އޭޕްރީލު 2025
ވެރިކަމަށް އަރާ ތިހިރީ މަދަހަ ސަނާ އާއި ޤުރުއާން ކިޔާގެންތަ.
12 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް