އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު؛ ޝަމްއާން ހައްޔަރުކުރީ ޒާތީ މައްސަލައެއް ޖެހިގެން ނޫން ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި - (ފޮޓޯ/ އިމިގްރޭޝަން)

ޝަމްއާނާ ގުޅުން ގޯހެއް ނުވޭ؛ އޭނާއަށް ފިޔަވަޅު އެޅީ ގާނޫނާ ހިލާފުވީމަ: އިހުސާން

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަކިކޮށް ހައްޔަރުކުރީ މިނިސްޓަރު އިހުސާނާ ދެމެދު އޮތް ޒާތީ މައްސަލައަކުންތޯ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ޝަމްހީދު ސުވާލު ކުރެއްވި

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މަގާމުން ވަކިކޮށް ޖިނާއީ ތުހުމަތެއްގައި ހައްޔަރުކުރީ ހޯމް މިނިސްޓަރު އަލީ އިހުސާނާ ދެމެދު ޒާތީ މައްސަލައެއް ޖެހިގެންތޯ ސުވާލުކުރުމުން، ޝަމްއާނާ އެކު އޮތް ގުޅުން ގޯސްވެފައި ނުވާ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރިޝްވަތުގެ ތުހުމަތުގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކޮށް، މިދިޔަ މަހު 22ގައި ވަނީ ހައްޔަރުކޮށްފަ އެވެ. ފުރަތަމަ 15 ދުވަހު ބަންދުކުރުމަށް ފަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މި މަހު ކުރީކޮޅުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު އިހުސާން ހާޒިރުކުރިއިރު، ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ސުވާލުކުރެއްވީ "ޝަމްއާން 'ވާނުވާގައި' ޖަލުގައި ހޭދަކުރަމުން ދަނީ މަނިކުފާނާ ދެ ބޭފުޅުންގެ ޒާތީ މައްސަލައަކުން ކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވޭތީ އެ ގޮތަށް ހިނގާ ކަމެއްތޯ" އެވެ.

ބުނީ ކީކޭ؟ - އެ ސުވާލުގެ ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ ސަރުކާރުގެ ދާހިލީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތް ޝަމްއާންއާ އެކު ކުރަމުން ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އެކަމާ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި އޭގެ ސަބަބުން ޝަމްއާންއާ އެކު އޮތް ގުޅުން ވަރަށް ރަނގަޅު ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

"ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މަސައްކަތުގެ މާހައުލުގައި އަޅުގަނޑުމެން ދެ މީހުންގެ ގުޅުން ވަރަށް ރަނގަޅު. ސިޔާސަތުތައް ތަންފީޒު ކުރުމުގައި އަޅުގަނޑުމެން ދެ މީހުން މަސައްކަތް ކުރީ އެއްކޮށް. ވަރަށް ރަނގަޅަށް،" ޝަމްއާން ހައްޔަރުކުރީ ޖެހުނު ޒާތީ މައްސަލައަކުން ނޫން ކަމުގެ ޔަގީންކަން ދެއްވުމުގެ ގޮތުން އިހުސާން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ރައްޔިތުންގެ މަޖިލީހުގައި، މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. (ފޮޓޯ/ މަޖިލީސް)

މިނިސްޓަރު ވިދާޅުވި ގޮތުގައި، ޝަމްއާން ހައްޔަރުކުރީ "ހަގީގަތުގައި" ވެސް ގާނޫނާ ހިލާފު ކަންކަން ކުރުމުންނެވެ. ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ގާނޫނާ ހިލާފުވުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުލިބޭނެ ކަމަށާއި އެފަދަ ކަމެއް ކުރާ ހިސާބުން ދައުލަތުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދުގެ ސަރުކާރުން އެއްވެސް މީހަކު އެއްވެސް ހިސާބަކުން ގާނޫނާ ތައާރުޒުވާ ހިސާބަކުން އެ ބޭފުޅަކަށް އަޅުގަނޑުމެން އިސްތިސްނާ ހާލަތެއް ނުއެއް ދޭނަން. އެކަން ރައީސް މުއިއްޒު ގެންދަވަނީ ސާބިތުކަމާ އެކު އަޅަމުން،" އިހުސާން ވިދާޅުވި އެވެ.

އެނގުން މުހިންމު - ޝަމްއާންގެ އިތުރު އިމިގްރޭޝަންގެ ހަތަރު އޮފިސަރަކު ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި:

  • މަގާމުގެ ނުފޫޒުގެ ބޭނުންކޮށް އެ މުވައްޒަފުން ވަނީ، ބިދޭސީން އުޅޭ ގެއެއް ބަލައި ފާސްކޮށް، އެ ގެއިން ބިދޭސީންތަކެއް ހިފަހައްޓާފައި

  • އެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ 530،000ރ.އާ އެކުގައި

  • އޭގެ އެއް ދުވަސް ފަހުން، ޝައްމާންގެ އަމުރަށް، ނަގުދު ފައިސާއާ އެކު ބިދޭސީއަކު ދަންވަރު ވަގުތުގައި ދޫކޮށްލި 

  • މުވައްޒަފުން ވަނީ އެ ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ޝަމްއާންގެ ގެއަށް ގެންގޮސްފައި

  • ޝަމްއާންގެ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި

ގުޅުން ހުރި - ޝަމްއާންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު ދެ ބަންދު އަމުރު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ހައި ކޯޓުން މައްސަލަ ބަލައިގަނެ އިސްތިއުނާފުގެ ޝަރީއަތް ވެސް ވަނީ ފަށައިފަ އެވެ.

ކޮމެންޓް (2)

އޮނަރަބަލް އައްޕަތުރޭ

23 އޭޕްރީލު 2025
ގާނޫނޫ ޙިލާފެއް ނުވެވޭނެ އެއްވެސް މީހަކަށް މި ސަރުކާރުގަ. އެކަމަކު މަށަށް ދިވެހިންގެ އައިޑެންޓިޓީން މުއިއްޒު ގާތު ޑިގު އެރުވޭނެ.
2 0

ކެޕްޓަން ޑޮކްޓަރު

23 އޭޕްރީލު 2025
"ޤާނޫނާ ޚިލާފު ވީމާ" އޭނާއަށް ކިޔަނީ ޝައްމާނުތޯ އިހުސާނުތޯ މި ސަރުކާރުން ނުބަލާނެ. ނުރުއްސަވައިފިއްޔާ އެ ނިމުނީ...
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް