އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު؛ ޝަމްއާން ވަނީ 15 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފައި - (ފޮޓޯ/ އިމިގްރޭޝަން)

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ޝަމްއާން ވަހީދު އާއި އިމިގްރޭޝަންގެ އިތުރު އޮފިސަރުންތަކެއް ހައްޔަރުކުރީ ބިދޭސީއަކު ދޫކޮށްލަން ރިޝްވަތު ނަގައި ޝަމްއާންގެ ގެއަށް 530،000 ރުފިޔާ ގެންދިޔަ ކަމަށް ބުނާ މައްސަލައެއްގައި

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ނާޖާއިޒު މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައެއްގައި، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ވީކިހިނެއް؟ - ރިޝްވަތުގެ ތުހުމަތުގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކޮށް ހައްޔަރުކުރީ މިދިޔަ މަހު 22ގަ އެވެ. ބަންދަށް ފުރަތަމަ 15 ދުވަސް ކޯޓުން ދިން އިރު އެ މުއްދަތު ހަމަވީ މިއަދަށެވެ.

ފުލުހުން ބުނީ، މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރެއް ކޯޓުން ނެރެފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - މި މައްސަލާގައި ޝަމްއާންގެ އަނބިކަނބަލުން ހިދްފާ ފާއިޒްގެ ފޯނު ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އިތުރު ދެ މީހެއްގެ ޕާސްޕޯޓް ވެސް ހިފެހެއްޓި އެވެ. ޕާސްޕޯޓް ހިފެހެއްޓީ ކޮން ބަޔަކުގެ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

 މި މައްސަލާގައި ޝަމްއާންގެ އިތުރު އިމިގްރޭޝަންގެ ހަތަރު އޮފިސަރަކު ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި:

  • މަގާމުގެ ނުފޫޒުގެ ބޭނުންކޮށް އެ މުވައްޒަފުން ވަނީ، ބިދޭސީން އުޅޭ ގެއެއް ބަލައި ފާސްކޮށް، އެ ގެއިން ބިދޭސީންތަކެއް ހިފަހައްޓާފައި

  • އެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ 530،000ރ.އާ އެކުގައި

  • އޭގެ އެއް ދުވަސް ފަހުން، ޝައްމާންގެ އަމުރަށް، ނަގުދު ފައިސާއާ އެކު ބިދޭސީއަކު ދަންވަރު ވަގުތުގައި ދޫކޮށްލި 

  • މުވައްޒަފުން ވަނީ އެ ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ޝަމްއާންގެ ގެއަށް ގެންގޮސްފައި

  • ޝަމްއާންގެ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި

ކޮމެންޓް (3)

ތެފައާސާ.

7 އޭޕްރީލު 2025
ފަޒުލް ހެދިގޮތަށް، ބަޔަކު މީހުންލައްވާ ބަޔާނެއް ނެރެލިނަމަ، އެ ފައިސާއަކީ ޝަމްއާނު އަތުން ބަތްޕާރިސަލް ގަންނަން ޕްރީ އޯޑާރއަކަށް ދައްކާފައިހުރި ފައިސާއޭ، ކުރިން އަހަރު އޯޑަރުކުރި ބަތްޕާރިސަލްވެސް ވަރަށް މީރޭ... އޭރަށް ފައިސާކޮޅުވެސް އަނބުރާ ލިބުނީސް، ޖަލުންވެސް ސަލާމަތްވީސް ދޯ؟
0 0

ސިކުނޑި

6 އޭޕްރީލު 2025
މި މައްސަލާގައި ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްްޓަންވީ ސަބަބެއް ނުވިސްނުނު!
0 0

އިހު-ސާން

7 އޭޕްރީލު 2025
@ސިކުނޑި އިފް ހީ އިޒް އައުޓް ހީ މައިޓް ސްޕިލް ސަމް ބީންސް އޮން ސަމް ޕަވަރފުލް ޕީޕަލް ލައިކް މީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް