ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން މިއަދު ހައި ކޯޓުގެ ޝަރީއަތުގައި --

އޭސީސީއާ ނުލާ ކޮރަޕްޝަންގެ ތުހުމަތުގައި ބަންދެއް ނުކުރެވޭނެ: ޝަމްއާންގެ ވަކީލު

ޝަމްއާންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅަން މައިގަނޑު ނުކުތާއަކަށް ފާހަގަ ކުރި ކަމަކީ ވެސް ކޮރަޕްޝަންގެ ތުހުމަތުތަކުގައި ބަންދުކުރަން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރާއިރުު ފުލުހުންނާއެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވެސް ބައިވެރިވާން ޖެހޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގުގައި ބައިވެރިކުރުމެއް ނެތި، ކޮރަޕްޝަންގެ ތުހުމަތުގައި ފުލުހުންނަށް އެކަނި ގޮސް ބަންދެއް ނުކުރެވޭނެ ކަމަށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ވަކީލު ނޫރުއްސަލާމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ރިޝްވަތުގެ ތުހުމަތުގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކޮށް، މިދިޔަ މަހު 22ގައި ވަނީ ހައްޔަރުކޮށްފަ އެވެ. ފުރަތަމަ 15 ދުވަހު ބަންދުކުރުމަށް ފަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މި މަހު ކުރީކޮޅުގަ އެވެ.

ބަންދު ދެ އަމުރު ވެސް ނެރުނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ޝަމްއާންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. ހައި ކޯޓުން ދެ އަމުރުގެ މައްސަލަ އެކުގައި ބަލާ ގޮތަށް ތާވަލުކުރި ނަމަވެސް މިއަދު ކުރިއަށް ގެންދެވުނީ ފުރަތަމަ ބަންދު އަމުރުގެ ބައި އެކަންޏެވެ.

ތަފްސީލް - މިއަދުގެ އަޑުއެހުމުގައި ޝަމްއާންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅަން މައިގަނޑު ނުކުތާއަކަށް ފާހަގަ ކުރި ކަމަކީ ވެސް ކޮރަޕްޝަންގެ ތުހުމަތުތަކުގައި ބަންދުކުރަން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރާއިރުު ފުލުހުންނާ އެކު އެ ތަހުގީގުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވެސް ބައިވެރިވާން ޖެހޭނެ ކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ. 

ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތުހުމަތު އޮންނަ އިރު އާންމުކޮށް ކުރިއަށް ގެންދާނީ ޖޮއިންޓް އިންވެސްޓިގޭޝަނެއް ގޮތަށް ކަން ދިފާއީ ވަކީލު ނޫރުއްސަލާމް ފާހަގަ ކުރެއްވި އެވެ. ނަމަވެސް ޝަމްއާންގެ މައްސަލާގައި ފުލުހުން އަމަލުކުރީ ތަފާތުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށޭ ތުހުމަތަކީ. އެއީ ކޮރަޕްޝަންގެ ތުހުމަތެކޭ. ކޮރަޕްޝަންގެ މައްސަލަ ބެލުމުގެ އިހުތިސޯސް މި އޮންނަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށޭ، ކޮރަޕްޝަންގެ ތުހުމަތުކޮށްފައި ދެން މި ކުރަނީ ވައްކަމުގެ ތުހުމަތު. އެއީ ދުވަހަކު ވެސް ފުލުހުން ކަން ކުރި ގޮތެއް ނޫން،" ދިފާއީ ވަކީލު ވިދާޅުވި އެވެ.

ދިފާއީ ވަކީލުގެ އެ ނުކުތާއަށް ރައްދު ދެއްވަމުން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ މަނީ ލޯންޑަރިންގެ ތަހުގީގަކީ ފުލުހުންގެ އިހުތިސޯސްގައި އޮންނަ ކަމަށްވާއިރު އެ ކަމަށް ފުލުހުންނަށް އެކަނި ވެސް ކޯޓަށް ހާޒިރުވެ، އެ ތަހުގީގުގެ ބޭނުމަށް ބަންދު ކުރުމަށް ކޯޓުގައި އެދެވިދާނެ ކަމަށެވެ.

"މަނީ ލޯންޑަރިންގެ ކުށް ބަޔާން ކުރާއިރުގައި ކޮރަޕްޝަންގެ ތުހުމަތު އޮތް ނަމަވެސް، މަނީ ލޯންޑަރިންގެ ކުށުގެ ތަހުގީގަށް ފުލުހަށް ކޯޓަށް ހާޒިރުވެ ބަންދު ކުރަން އެދެވޭނެ. ފުލުހުންގެ އިހުތިސޯސުގައި ނެތް ކުށަކަށް ނޫނޭ ބަންދު ކުރަން މި އެދެނީއެއް،" ނައުފަލް ވިދާޅުވި އެވެ.

ނައުފަލް ވިދާޅުވީ ފުލުހުންނަށް އޭގައި އޮންނާނީ އޭސީސީއަށް މައުލޫމާތު ފޮނުވުން ކަމަށެވެ. ކޮރަޕްޝަންގެ މައްސަލަ ބެލުމަކީ ކޮމިޝަނުން ނިންމަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

އެނގުން މުހިންމު - މި މައްސަލާގައި ޝަމްއާންގެ އިތުރު އިމިގްރޭޝަންގެ ހަތަރު އޮފިސަރަކު ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި:

  • މަގާމުގެ ނުފޫޒުގެ ބޭނުންކޮށް އެ މުވައްޒަފުން ވަނީ، ބިދޭސީން އުޅޭ ގެއެއް ބަލައި ފާސްކޮށް، އެ ގެއިން ބިދޭސީންތަކެއް ހިފަހައްޓާފައި

  • އެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ 530،000ރ.އާ އެކުގައި

  • އޭގެ އެއް ދުވަސް ފަހުން، ޝައްމާންގެ އަމުރަށް، ނަގުދު ފައިސާއާ އެކު ބިދޭސީއަކު ދަންވަރު ވަގުތުގައި ދޫކޮށްލި 

  • މުވައްޒަފުން ވަނީ އެ ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ޝަމްއާންގެ ގެއަށް ގެންގޮސްފައި

  • ޝަމްއާންގެ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި

ކޮމެންޓް (1)

ާދުރުމި

22 އޭޕްރީލު 2025
ޤަނޫނެއް އޮތަސް ދެކޮޅެއް ނުޖެހޭ . ކޮންމެ ކަމަކުންވެސް ސަލާމަތް ވާނެ ލޫޕު ހޯލް ލާފަ ޤއ ހަދާފައި . ރެފްރީންނާއި ފިލްމުކުޅޭ މީހުން ލައިގެން ޤއ ހެދީމަ ވާގޮތް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް