ޝަމްއާން ވަހީދު އިމިގްރޭޝަންގެ ބައްދަލުވުމެއްގައި (ފައިލް ފޮޓޯ/ އިމިގްރޭޝަން)
ފުލުހުންގެ ތަހުގީގު: ބިދޭސީންގެ އަތުން ރިޝްވަތު ނެންގެވިކަމުގެ ތުހުމަތު ޝަމްއާންއަށް ވެސް ކުރޭ
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ރޭ ކުއްލި ގޮތަކަށް ވަކިކުރި ޝަމްއާން ވަހީދުގެ މައްޗަށް ބިދޭސީންގެ އަތުން ރިޝްވަތު ނެންގެވިކަމުގެ ތުހުމަތު ފުލުހުން ކުރާކަން 'ދައުރު'އަށް އެނގިއްޖެ އެވެ.
ވީ ކިހިނެއް؟ - ޝަމްއާން މަގާމުން ވަކިކުރިކަން ރޭ ދަންވަރު މީޑިއާތަކުން ރިޕޯޓު ކުރުމާ އެކު، ފުލުހުން ޝޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން ދާކަމުގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގެ މާ ބޮޑު ތަފްސީލެއް ފުލުހުންނާއި ސަރުކާރުން ވެސް ހާމަކޮށްފައެއް ނުވެ އެވެ.
ތަފްސީލު - ފުލުހުންގެ މަސްދަރަކުން 'ދައުރު'އަށް މިއަދު ކަށަވަރުކޮށްދެއްވި ގޮތުގައި ފުލުހުން އަންނަނީ ޝަމްއާންއާ ގުޅޭ ގޮތުން ވެސް ތަހުގީގުކުރަމުންނެވެ. ޝަމްއާންއަށް ވެސް ކުރެވެނީ، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރައްވައިގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯއްދެވިކަމުގެ ތުހުމަތު ކަމަށް، އެނގިފައިވެ އެވެ.
މި ތުހުމަތުތަކާ ގުޅޭ ގޮތުން ޝަމްއާންގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް ފޯނު ނިއްވާލާފައި އޮތުމުން އޭނާގެ ފަރާތުން ވެސް އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ.
ޝަމްއާން އުޅުއްވާ ގެއަށް ފުލުހުން ވަދެ ބަލާފާސްކުރިކަން ބައެއް މީޑިއާތަކުން ރިޕޯޓު ކުރި އެވެ. ނަމަވެސް އެކަން ވެސް ފުލުހުން ކަށަވަރުކޮށެއް ނުދެ އެވެ.
ފުލުހުން ރޭ ޝޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ:
-
އިއްޔެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލާ ފާސްކޮށްފައިވޭ
-
ނަމަވެސް އެއީ ކާކާ ގުޅުން އޮތް އަދި ކޮން ތަނެއްކަން ވެސް ފުލުހުން ނުބުނޭ
-
މިހާތަނަށް މި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވޭ
ޝަމްއާން ހިމެނޭ ގޮތަށް އިމިގްރޭޝަން އޮފިސަރުންތަކެއް ބިދޭސީންގެ އަތުން ރިޝްވަތު ނެގި ކަމަށް ބުނާ މައްސަލަ ކުރިމަތި މިވީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން ވެސް ގިނަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަނިކޮށެވެ. މި އޮޕަރޭޝަންތަކުގައި އަތުލައިގަނެވޭ ބައެއް މީހުން ޑީޕޯޓު ވެސް ކުރި އެވެ. އެމީހުންގެ ފޮޓޯތައް އިމިގްރޭޝަންގެ ޝޯޝަލް މީޑިއާ އެކައުންޓުތަކުގައި އާންމު ވެސް ކުރެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ޝަމްއާންގެ ބަދަލުގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހް އައްޔަން ކުރިކަން ރޭ ދަންވަރު 3:35ގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހާމަކުރައްވައިފަ އެވެ.
ޝަމްއާން މަގާމުން ވަކިކުރި ސަބަބާ ގުޅޭ ގޮތުން ހީނާއާ ސުވާލު ކުރި ނަމަވެސް އަދި ޖަވާބެއް ނުދެއްވަ އެވެ.