ކުއްލި ގޮތަކަށް އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުން ވަކިކުރި ޝަމްއާން (ފައިލް ފޮޓޯ/އިމިގްރޭޝަން)
ނާޖާއިޒް މަންފާ ހޯދުމުގެ ތުހުމަތުގައި ވަކިކުރި ކޮންޓްރޯލަރު ޝަމްއާން ހައްޔަރުކޮށްފި
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ރޭ ކުއްލި ގޮތަކަށް ވަކިކުރި ޝަމްއާން ވަހީދު މިރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ޝަމްއާން ހިމެނޭހެން އިމިގްރޭޝަން އޮފިސަރުންތަކެއް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ނާޖާއިޒް މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
އެ މައްސަލައިގައި މިރޭ ޝައްމާން ހައްޔަރުކުރިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި އެކަމާ ގުޅިގެން ކުރިން ވަނީ ތިން އޮފިސަރަކު ހައްޔަރުކޮށްފަ އެވެ.
ތަފްސީލު - ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނިގޮތުގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދާ، ހިފެހެއްޓުމުގެ ޒިންމާ އާއްމުކޮށް އަދާ ކުރާ ޓާސްކް ފޯހާއި ރިސްކު މެނޭޖްމެންޓް ސެކްޝަނުގެ މުވައްޒަފުން ނޫން، އިމިގްރޭޝަނުގެ އެހެން ސެކްޝަންތަކުގެ މީހުން މި އޮޕަރޭޝަނުގެ ތެރެއަށް ވަދެފައިވާކަން ތަހުގީގަށް ވަނީ އެނގިފަ އެވެ.
ފުލުހުން މި މައްސަލައާ ގުޅޭގޮތުން ބުނިގޮތުގައި:
-
މަގާމުގެ ނުފޫޒުގެ ބޭނުންކޮށް އެ މުވައްޒަފުން ވަނީ، ބިދޭސީން އުޅޭ ގެއެއް ބަލާ ފާސްކޮށް، އެ ގެއިން ބިދޭސީންތަކެއް ހިފަހައްޓާފައި
-
އެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ 530،000 ރުފިޔާއާ އެކުގައި
-
އަދި އޭގެ އެއް ދުވަސް ފަހުން، ޝައްމާންގެ އަމުރަށް، ނަގުދު ފައިސާއާ އެކު ބިދޭސީއަކު ދަންވަރު ވަގުތުގައި ދޫކޮށްލި
-
އަދި މުވައްޒަފުން ވަނީ އެ ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ޝަމްއާންގެ ގެއަށް ގެންގޮސްފައި
-
ފުލުހުން ޝަމްއާންގެ ގެ ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި
ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ފަސް މީހުން ހުއްޓުވައި ބަލާ ފާސްކޮށް، އެ މީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
ކޮމެންޓް (3)
ސިކުނޑި
ގަޓު
ސިކުނޑި