ކަނާތުން ވާތަށް: ސުއޫދު، މަހާޒު އަލީ ޒާހިރު، އަޒްމިރަލްދާ ޒާހިރު - ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހާޒިރުކޮށް ހުތުރުބަހުން ވާހަކަ ދެއްކި ކަމަށް ތުހުމަތުކޮށް ފަނޑިޔާރުންގެ މައްސަލަ ދަނީ ބަލަމުން (ފޮޓޯ/ ރައީސް އޮފީސް)

ސުއޫދު ހުތުރުބަހުން ވާހަކަ ދެއްކި ކަމަށް އިންކާރުކޮށް، ހަނީފް ހާޒިރުކުރީ އުސޫލުގެ ތެރެއިން ކަމަށް ބަޔާން ދެއްވައިފި

ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކުރި މައްސަލާގައި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ނަގުވާފައި

ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކުރީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ބަޔާން ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރުކޮށް ވާހަކަ ދެއްެކެވި ކަމަށް ބުނާ ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު އިންނެވި ކަމަށް ބުނާ މައްސަލާގައި، މަހާޒާއި އަޒްމިރަލްދާ މިއަދު ޖޭއެސްސީއަށް ހާޒިރުކުރި އެވެ.

ބުނީ ކީކޭ؟ - އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް 'ދައުރު'އަށް ވިދާޅުވީ ކޮމިޝަނުން ކުރާ ތުހުމަތު ސާފުނުވާތީ މިއަދުގެ އަޑުއެހުމުގައި އަޒްމިރަލްދާ އެ ކަން ފާހަގަ ކުރެއްވި ކަމަށެވެ.

ކޮމިޝަނުން ސުވާލު ކުރަމުން ދިޔައީ މައިގަނޑު ގޮތެއްގައި ހައި ކޯޓުގެ މުވައްޒަފަކު ސުޕްރީމް ކޯޓަށް ހާޒިރުކުރުމަށް އޮންނަ އުސޫލުތަކާ ގުޅޭ ގޮތުން ކަމަށް ވަކީލު ވިދާޅުވި އެވެ. ބައްދަލުވުމުގައި ހިނގި ކަންކަމާ ގުޅޭ ސުވާލެއް ނުކުރައްވާ ކަން، ވަކީލު ފާހަގަ ކުރެއްވި އެވެ.

"ސުލޫކާ ހިލާފުވާ ކަމަށް ބުނާ ބުނުމަށް ފަނޑިޔާރު އިންކާރު ކުރެއްވި. ތުހުމަތު ސާފުނުވާ ކަމަށް ވެސް ވިދާޅުވި. އަދި ފަނޑިޔާރު އިންނެވި ބައްދަލުވުމުގައި އެއްވެސް ފަނޑިޔާރަކު ހުތުރުކޮށް ވާހަކަ ނުދައްކަވާ ކަމަށް ފަނޑިޔާރު ވިދާޅުވި،" ވަކީލު ވިދާޅުވި އެވެ.

މަހާޒުގެ ވަކީލު މުހައްމަދު ފައިސަލް ވެސް 'ދައުރު'އަށް ވިދާޅުވީ ބައްދަލުވުމުގައި ހިނގި ކަމަކާ ގުޅޭ ގޮތުންނާއި ފަނޑިޔާރަކު ހުތުރު ބަހުން ވާހަކަ ދެއްކިތޯ، ދެއްކި ވާހަކަތަކާ ގުޅޭ ގޮތުން ކޮމިޝަންގެ ތަހުގީގު ކޮމިޓީން ސުވާލު ނުކުރާ ކަމަށެވެ.

ފައިސަލް ގަބޫލުކުރައްވާ ގޮތުގައި މަހާޒާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާ އާއި މައްސަލަ ބަލަން ނިންމުމަށް ފަހު ކޮމިޝަނުން މަހާޒަށް ފޮނުވި ނޯޓިސްގައި ބުނާ މައްސަލައާ ގުޅޭ ސުވާލެއް ތަހުގީގު ކޮމިޓީން ނުކުރެ އެވެ.

"ނޯޓިސްގައި އޮންނަނީ، އެހެން ފަނޑިޔާރަކު ހުތުރު ބަހުން ވާހަކަ ދެއްކެވި ތަނެއްގައި ފަނޑިޔާރު މަހާޒު އިންނެވުން. ނޯޓިސްގައި އޮތް މައްސަލައަކަށް ނޫން މި ހާޒިރުކުރެވުނީއެއް. ނުކުރެވޭނެ ކަމެއް ކުރުމެއް ނޫން ޝަކުވާއަކީ، ހުތުރު ބަހުން ވާހަކަ ދެއްކި ތަނެއްގައި އިންނެވުން ޝަކުވާއަކީ،" ވަކީލު ވިދާޅުވި އެވެ.

ގުޅުން ހުރި - މިއީ 2022 ވަނަ އަހަރު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކުރުމުން ޖޭއެސްސީއަށް ހުށަހެޅި މައްސަލައެކެވެ. އޭރު ފަނޑިޔާރު މަހާޒުގެ ސެކްޝަނުން ހަނީފާއި ކޯޓުގެ ފަނޑިޔާރުންތަކެއްގެ އެއްބާރުލުން ސުޕްރީމް ކޯޓަށް ނުލިބޭތީ އެ މައްސަލަ ވެސް ހުށަހެޅި އެވެ.

މަހާޒާއި އަޒްމިރަލްދާގެ މައްސަލަ ބަލަން ނިންމީ، ތިން އަހަރެއްހާ ދުވަސް ފަހުން މި މަހު އެވެ. މަހާޒް ހުށަހެޅުއްވި މައްސަލަ ނުބަލަން ވެސް ކޮމިޝަނުން މި މަހު ނިންމި އެވެ.

ފާހަގަކުރެވޭ - މި މައްސަލައިގެ އިތުރުން އަޒްމިރަލްދާގެ ފިރިކަލުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

އެ މައްސަލައިގެ ތުހުމަތު އަޒްމިރަލްދާގެ އިތުރަށް މަހާޒަށް ވެސް ކުރެ އެވެ. އެގޮތުން:

  • އެ މައްސަލާގައި ވެސް މަހާޒާއި އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކޮށް، ބަޔާން ވަނީ ނަގާފައި

  • ކްރިމިނަލް ކޯޓުގެ ތިން ގާޒީން ކަމަށްވާ، ސޮފްއަބް ހަބީބްއާއި އިބްރާހީމް ޒިހުނީއާއި އިސް ގާޒީ އާދަމް މުހައްމަދުގެ ބަޔާން ވެސް ނެގި

  • ތަހުގީގުގެ ފުރަތަމަ ރިޕޯޓް މިހާރު ވަނީ ދެ ފަނޑިޔާރުންނަށް ދޫކޮށްފައި؛ އެއަށް ޖަވާބެއް ދެއްވުމަށް ހަތް ދުވަހުގެ ފުރުސަތެއް ފަނޑިޔާރުންނަށް ލިބޭ

  • ފަނޑިޔާރުންނަށް ލިބޭ މުއްދަތު މާދަމާއަށް ހަމަވާނެ؛ ފައިނަލް ރިޕޯޓް ތައްޔާރުކުރާނީ އޭގެ ފަހުގައި މައްސަލައިގެ ފަހު އަޑުއެހުމުގެ ގޮތުގައި އަޑުއެހުމެއް ވެސް ބާއްވާފައި

މި މައްސަލަތަކުގެ ތަހުގީގުތަކާ ގުޅޭ ގޮތުން އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސް ބަޔާން ނެރުއްވާތީ ވެސް ޖޭއެސްސީން ސުލޫކީ މައްސަލައެއް ގޮތަށް އެ މައްސަލަ ބެލުމަށް އިއްޔެ ބޭއްވި ކޮމިޝަން ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.

އެނގުން މުހިންމު - ކުރިން އޮތް ޖޭއެސްސީއަށް ހުށަހެޅި މައްސަލަތަކެއް ވެސް ހިމެނޭ ގޮތަށް މި ފަނޑިޔާރުންގެ މައްސަލަތައް ބަލަން ނިންމައި ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.

އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ. މިހެންވެ، އެ މައްސަލަ މި ވަގުތަށް ވަނީ ހުއްޓިފަ އެވެ. އެއީ:

  • ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރުން

  • ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް

ކޮމެންޓް (2)

ބުރެކިކި

20 މާރިޗު 2025
ސުއޫދުގެ މަގާމަށް ފަހުން ހައިކޯޓުން އައްޔަން ކުރި ފަނޑިޔާރުވެސް އެހުރީ ފާޑަކަށް ބްލެކްމެއިލްވެފަ. ސުޕްރީމް ކޯޓަށް ލިޔުންތައް ނުދިން މައްސަލަ އެއޮތީ ޖޭއެސްސީގަ އެފަނޑިޔާރާ ދެކޮޅަށް. ހަމަ ކިރިޔާ ސަރުކާރު ނުރުހޭގޮތަކަށް ހުކުމެއް ކޮށްލިޔަސް ސުލޫކީ ވާން ތައްޔާރުގަ! މިކަހަލަ ވާހަކަވެސް އެބަޖެހޭ ނޫސްތަކުގަ ޖަހައި އާމުން ހޭލުންތެރި ކުރުވަން. ސަބަބަކީ މިހުރިހާ ކަމެއް ގުޅިފައޮތީ އާއްމު ރައްޔިތުން ނިކުމެ އެއް ބަޔަކަށް ގާނޫނުއަސާސީއާ ކުޅެވޭވަރަށް މަޖުލީސް ދޭތީ.
0 1

ތެފައާސާ.

19 މާރިޗު 2025
ޜައީސް މުއިއްޒު އިސްވެ ހުންނަވައި ޖުޑިޝަރީއަށް އަތްބާނައި ސުޕްރީމްކޯޓު ހުއްޓުވާފައިއޮތްއޮތުމުން، ރައީސް މުއިއްޒުގެ ބަހާއި އަމަލު ދިމާވުން ހުރިމިންވަރު ރާއްޖޭގެ ކުދިބޮޑު އެންމެންނަށް މިހާރު ސާފުކޮށް އެނގިހާމަވާނެ. އަޅުއްވައިގެން އުޅުއްވި މާސްކު ބޭލި އަސްލު ސިފަ ފާޅުވެއްޖެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް