ކަނާތުން ވާތަށް: ހުސްނުއްސުއޫދު، މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު. (ފޮޓޯ/ރައީސް އޮފީސް)

އަޒްމިރަލްދާ އާއި މަހާޒުގެ އިތުރު ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ

ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ސުޕްރީމް ކޯޓަށް ހާޒިރުކުރި މައްސަލައިގައި، ސުއޫދުގެ އިތުރުން ބެންޗުގައި ތިއްބެވީ އަޒްމިރަލްދާ އާއި މަހާޒު. ޖޭއެސްސީން މިހާރު ނިންމާފައިވަނީ ތިން ފަނޑިޔާރުންގެ މައްސަލަ ވެސް ބެލުމަށް.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރު ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ކަމުގެ ފެށުން - ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން އަޒްމިރަލްދާ އާއި މަހާޒު އަދި މިދިޔަ ހަފްތާގައި އިސްތިއުފާދެއްވާފައިވާ ހުސްނުއްސުއޫދު މިދިޔަ މަހު ސަސްޕެންޑްކޮށް ސުލޫކީ މައްސަލަތަކެއް ބަލަން ފެށި އެވެ.

ސުއޫދުގެ ބަލަމުން ދަނީ ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް އޭނާއާ މުއާމާލާތްކުރި ގޮތުގެ މައްސަލައެކެވެ.

ވީކިހިނެއް؟ - ޖޭއެސްސީން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އެ މައްސަލައާ ގުޅޭ އިތުރު ނިންމުންތަކެއް ވަނީ ނިންމައިފި އެވެ.

ތަފްސީލް - ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކުރީ ވަކި މައްސަލައަކާ ގުޅިގެންނެވެ. ޖޭއެސްސީން މިހާރު ވަނީ އެ މައްސަލަ ބައްލަވާ ބެންޗުގައި ސުއޫދު ފިޔަވައި ދެން ތިއްބެވި ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ވެސް ނިންމައިފަ އެވެ. އެގޮތުން:

  • ބެންޗުގައި ދެން ތިއްބެވީ މަހާޒާއި އަޒްމިރަލްދާ

  • 'ދައުުރު' އަށް އެކި މަސްދަރުތަކުން ކަށަވަރުކޮށްދިން ގޮތުގައި މައްސަލަ ބަލާނެ ކޮމިޓީއެއް ވަނީ ނަގާފައި

  • މި މައްސަލަ ބަލަން ނިންމިކަމުގެ ނޯޓިސް އަދި ދެ ފަނޑިޔާރުންނަކަށް ނުފޮނުވާ

ފާހަގަކުރެވޭ - އަޒްމިރަލްދާ އާއި މަހާޒު ހިމެނޭ ސުލޫކީ މައްސަލައެއް މިހާރު ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެއީ އަޒްމިރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރަން ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެކެވެ.

އަޒްމިރަލްދާ، މަހާޒު، އަދި ސުއޫދުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ބަލަމުންދާ ކަމަަށް އެ ކޮމިޝަނުންނާއި ޖޭއެސްސީން ވެސް ވަނީ ބުނެފަ އެވެ.

އެނގުން މުހިންމު - މި ފަނޑިޔާރުން ސަސްޕެންޑްކުރީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރުމާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުން ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ. މައްސަލަ ބައްލަވަމުން ގެންދެވީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން، ގާނޫނުއަސާސީގެ މައްސަލަ ކުރިއަށް ނުގޮސް ވަނީ ހުއްޓިފަ އެވެ. ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ.

ސުއޫދު އާއި އަޒްމިރަލްދާ ވިދާޅުވެފައިވަނީ މިއީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން އުފައްދައިގެން އުޅޭ މައްސަލަތަކެއް ކަމަށެވެ.

ކޮމެންޓް (1)

ސިކުނޑި

8 މާރިޗު 2025
ނިކަން ތާހިރުކޮށް އަނގަޔަށް ވަންނާނެ ފޮޑިއެއްހެން ހީވޭ!!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް