ކަނާތުން ވާތަށް: ހުސްނުއްސުއޫދު، މަހާޒު އަލީ ޒާހިރު، އަޒްމިރަލްދާ ޒާހިރު - (ފޮޓޯ/ ރައީސް އޮފީސް)

ހައި ކޯޓުގެ ލިޔުންތައް ސުޕްރީމް ކޯޓަށް ނުދިން މައްސަލަ ނުބަލަން ޖޭއެސްސީން ނިންމައިފި

ހައި ކޯޓުގެ ތިން ފަނޑިޔާރަކާއި އެސިސެންޓް ރަޖިސްޓްރާ ހަނީފްގެ މައްސަލަ ހުށަހެޅުއްވީ ފަނޑިޔާރު މަހާޒުގެ ސެކްޝަނުން 2022 ވަނަ އަހަރު؛ އެ މައްސަލަ ނުބަލަން ޖޭއެސްސީން ނިންމި އިރު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކުރި މައްސަލާގައި މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ވަނީ ސަސްޕެންޑްކޮށްފައި

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތުކުރާ އަރުޝަދު ހާލިދު ބަންދުކޮށްގެން ހައި ކޯޓަށް ހާޒިރުކުރަން އެ ކޯޓުން އަމުރު ނެރުނު މައްސަލައިގެ ލިޔުންތައް ދޭން އެންގުމުން ސުޕްރީމް ކޯޓަށް ލިޔުންތައް ނުދިން ކަމަށް ބުނާ މައްސަލަ ނުބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ. 

ވީކިހިނެއް؟ - ހައި ކޯޓާއި ސުޕްރީމް ކޯޓާ ދެމެދު ހިޔާލުތަފާތުވުން އުފެދުނީ ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސޮއިކުރައްވައި ވަކި އަމުރެއް ނެރެދިނުމުން މެނުވީ ސުޕްރީމް ކޯޓުން އެދުނު ލިޔެކިޔުންތައް ފޯރުކޮށް ނުދެވޭނެ ފަދަ މޭރުމަކުން ސިޓީއެއް ފޮނުވި ހިސާބުންނެވެ.

މި މައްސަލާގައި ހަނީފާއި ހައި ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ބަލަން ޖޭއެސްސީއަށް ހުށަހެޅުއްވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ސެކްޝަނުން، 2022 ވަނަ އަހަރުގަ އެވެ. އެ ގޮތުން މައްސަލަ ރައްދުވާ ފަނޑިޔާރުންނަކީ:

  • މުހައްމަދު ނިޔާޒު

  • ހުސައިން ޝަހީދު (އިސް ފަނޑިޔާރު)

  • މުހައްމަދު ފައިސަލް

ތަފްސީލް - މައްސަލަ ބެލުމާ މެދު ގޮތެއް ނިންމަން ކޮމިޝަނުން މިއަދު މެންދުރުފަހު ބޭއްވި އަޑުއެހުމަށް އެޖެންޑާކުރި އެވެ. ކުރިން ވެސް މައްސަލަ ބެލުމާ މެދު ގޮތެއް ނިންމަން ދިރާސާކުރި ނަމަވެސް ގޮތެއް ނިންމާފައި ނުވާ މައްސަލަައަކަށް ވާތީ ކަމަށް ބުނެ އެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނަށް އަށް މެންބަރުން ހާޒިރުވި އެވެ. މައްސަލަ ބަލަން ނުފެންނަ ކަމަށް ކޮމިޝަނުން ފާސްކުރީ ހަ މެންބަރުންގެ ވޯޓުންނެވެ. ވޯޓުގައި ބައިވެރިވީ ވެސް އެ ހަ މެންބަރުންނެވެ.

ފާހަގަކޮށްލެވޭ - މައްސަލަ ރައްދުވާ ފަނޑިޔާރުންގެ ތެރެއިން ހައި ކޯޓުގެ އިސް ފަނޑިޔާރު ޝަހީދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފަ އެވެ.

އެނގުން މުހިންމު - މައްސަލައިގެ ލިޔުންތައް ނުލިބިގެން ހަނީފް ސުޕްރީމް ކޯޓަށް ހާޒިރު ކުރި މައްސަލަ ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެ ގޮތުން:

  • ޖޭއެސްސީން ފުރަތަމަ ބަލަން ނިންމީ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހަނީފަށް ހުތުރު ބަހުން ވާހަކަ ދެއްކި ކަމަށް ބުނާ މައްސަލައެއް

  • ސުއޫދު މަގާމުން އިސްތިއުފާ ދެއްވުމުން، ސުއޫދު ހުތުރުބަހުން ވާހަކަ ދެއްކި ބައްދަލުވުމުގައި މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އިންނެވި މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުން

ސުއޫދު މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު މަހާޒާއި އަޒްމިރަލްދާ ތިއްބެވީ ސަސްޕެންޝަނުގަ އެވެ. 

ކުރިން އޮތް ޖޭއެސްސީއަށް ހުށަހެޅި މައްސަލަތަކެއް ވެސް ހިމެނޭ ގޮތަށް މި ފަނޑިޔާރުންގެ މައްސަލަތައް ބަލަން ނިންމައި ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.

އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ.

  • ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރުން

  • ޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް

ކޮމެންޓް (2)

ސިކުނޑި

15 މާރިޗު 2025
މީވަރަށް ނުރައްކާތެރި ޕްރިސިޑެންސެއް ގާއިމު ކުރެވުނީ! ސުޕްރީމް ކޯޓަށް ލިޔުންތައް ނުދޭންވީ ސަބަބެއްނެތް! އަދުލުވެރިކަމާއި އިންސާފުވެރިކަމާ އެއްކޮށް ކޮށްފައި އޮތް ހުކުމެއްނަމަ ލިޔުންތައް ދޭންވާނެ! މިގަމުގެ އެއްވެސް މިސްރާބެއް މިހާރަކުނެތް އޮޔާދާ ކަނދު ގަނޑެއް ކަހަލަ ސަރުކާރެއްމީ!!
3 0

ގޗބ ހބނ

15 މާރިޗު 2025
ހެހެހެ ކިހާ އިންސާފުވެރިދޯ. ނުރުހުނީމަ ނުގޮތަކަށް ވައެއް ލައިފިޔޭ ކިޔާފަވެސް ޖޭއެސްސީއަށް ހުށަހެޅީމަ ބަލާނެ. އެކަމް އަސްލު މައްސަލަ މައްސަލައަކަށްނުވި
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް