11 މާޗް 2025: ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކުރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ގާޒީންގެ ބަޔާންތަކުން ވެސް ނުފޫޒު ފޯރުވި ކަމުގެ ހެއްކެއް ޖޭއެސްސީއަކަށް ނުލިބޭ: އަޒްމިރަލްދާ

ކްރިމިނަލް ކޯޓުގެ ތިން ގާޒީއެއްގެ ބަޔާން ނަގައި އޭގެ ޓްރާންސްކްރިޕްޓް ޖޭއެސްސީގެ ތަހުގީގު ރިޕޯޓްގައި ހިމަނާފައިވާ ކަމަށް ޑރ. އަޒްމިރަލްދާ ޒާހިރުގެ ވަކީލު އިބްރާހީމް ޝަމީލް ނެރުއްވި ބަޔާނުގައި ފާހަގަ ކުރައްވާފައިވޭ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ސާބިތުކޮށްދެވޭނެ ހެއްކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގުގެ ފުރަތަމަ ރިޕޯޓްގައި ނެތް ކަމަށް އަޒްމިރަލްދާ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި މައްސަލައިގެ ތުހުމަތުގައި އަޒްމިރަލްދާ ވަނީ އެ ހަފުތާގެ އަންގާރަ ދުވަހު ޖޭއެސްސީއަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ތަހުގީގުގެ ފުރަތަމަ ރިޕޯޓް ދޫކުރި އެވެ.

ތަހުގީގު ރިޕޯޓާ ގުޅޭ ގޮތުން އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ބަޔާނެއް ނެރުއްވި އެވެ.

ބުނީ ކީކޭ؟ - އަޒްމިރަލްދާގެ ވަކީލު ނެރުއްވި ބަޔާނުގައިވާ ގޮތުގައި، ކްރިމިނަލް ކޯޓުގެ ތިން ގާޒީއެއް ޖޭއެސްސީއަށް ދެއްވި ބަޔާނުގެ ޓްރާންސްކްރިޕްޓް ކޮމިޝަނުގެ ރިޕޯޓްގައި ވަނީ ހިމަނައިފަ އެވެ. އަޒްމިރަލްދާ ބަންދު އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކުރެވޭ ފަދަ އެއްވެސް ވާހަކައެއް އެ ބަޔާންތަކުގައި ނެތް ކަމަށް ވަކީލު ވިދާޅުވި އެވެ.

"ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުއްވި ކަމަށް ބުނެ ތުހުމަތެއް ކުރުމުގެ އަސާސެއް ނެތް ކަމާއި، އޮތް ނަމަ އޮތީ ދައުލަތުގެ ބައެއް އިދާރާތަކުގެ ވަހުމެއް ކަމުގައި ދެކެމެވެ،" ވަކީލުގެ ބަޔާނުގައިވެ އެވެ.

ނަމަވެސް އެއިން ގާޒީއެއްގެ ބަޔާންތަކުން ފާހަގަނުވާ ބައެއް ވާހަކަތައް ގާޒީއަކު ވިދާޅުވި ކަމަށް ބުނެ ޖޭއެސްސީގެ ތަހުގީގު ރިޕޯޓްގައި ހިމަނާފައިވާ ކަމަށާއި އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވަކީލު ވިދާޅުވި އެވެ. ކޮމިޝަނުން މައްސަލަ ބަލަމުން ދަނީ ގާނޫނުގައި ބުނާ އުސޫލުތަކާ ހިލާފަށް އިންސާފުވެރިކަމެއް ނެތި ކަމަށް ވެސް ވަކީލުގެ ބަޔާނުގައިވެ އެވެ.

ބަޔާން ނެގި ތިން ގާޒީންގެ ނަންތައް ވަކީލު ނެރުއްވި ބަޔާނުގައި ނެތެވެ. ނަމަވެސް ޖޭއެސްސީގެ އިތުރަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުކުރި ގާޒީން އެނގިފައިވެ އެވެ. އެއީ:

  • ސޮފްއަތު ހަބީބް

  • އިބްރާހީމް ޒިހުނީ

  • އާދަމް މުހައްމަދު (އިސް ގާޒީ)

ފާހަގަކޮށްލެވޭ - އަޒްމިރަލްދާގެ އިތުރަށް މި މައްސަލައިގެ ތުހުމަތު ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ވެސް ކުރެ އެވެ.

ތަހުގީގުގެ ފުރަތަމަ ރިޕޯޓާ ގުޅޭ ގޮތުން ޖަވާބު ދެއްވުމަށް ފަނޑިޔާރުންނަށް ހަތް ދުވަސް ލިބޭނެ އެވެ. އެ މުއްދަތު ހަމަވާނީ މި އަންނަ ބުރާސްފަތި ދުވަހަށެވެ. ފައިނަލް ރިޕޯޓް ތައްޔާރުކުރާނީ އޭގެ ފަހުން، އަޑުއެހުމެއްގެ ގޮތުގައި އިތުރު އަޑުއެހުމެއް ވެސް ބާއްވައިފަ އެވެ.

އަޒްމިރަލްދާއާއި މަހާޒު ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ. އެ ދެ ފަނޑިޔާރުންނާއި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު މިދިޔަ މަހު 26ގައި ސަސްޕެންޑްކުރީ ވެސް އޭސީސީން ތަހުގީގެއް ހިންގާ ކަން ޖޭއެސްސީއަށް އެންގުމުން ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ. ސުއޫދު ވަނީ މި މަހުގެ 4 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

އެނގުން މުހިންމު - ކުރިން އޮތް ޖޭއެސްސީއަށް ހުށަހެޅި މައްސަލަތަކެއް ވެސް ހިމެނޭ ގޮތަށް މި ފަނޑިޔާރުންގެ މައްސަލަތައް ބަލަން ނިންމައި ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.

އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ. ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން، އެ މައްސަލަ މި ވަގުތަށް ވަނީ ހުއްޓިފަ އެވެ. އެއީ:

  • ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރުން

  • ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް

ކޮމެންޓް (2)

ކޮސް

18 މާރިޗު 2025
މުއިއްޒުއަށް ރައްޔިތުން ކުރަމުން އައި އުއްމީދު ގެއްލިފައިވަނިކޮށް އަމިއްލަ ޕާޓީއާއި ރާއްޖޭގެ ހުރިހާ މުވައްޞަޞާތަކުންވެސް ގެއްލުނީ ދެއްތޯ. އެންމެ ބޮޑަށް ވަގުހިންޏެއް އަންނާނީ އަދުރޭ ގާތަށް.
6 0

ތެފައާސާ.

18 މާރިޗު 2025
ފަނޑިޔާރުން ނުހައްގުން ފްރޭމްކޮށްގެން ސަސްޕެންޑުކޮށް، ސުޕްރީމް ކޯޓުން ބަލަމުން އައި ދުސްތޫރީ މައްސަލައެއް ހުއްޓުވާލައި ސުޕްރީމް ކޯޓު ޕެރެލައިޒުކުރި މައްސަލަ ބަލައި ތަހުގީގުކޮށް މި އަމަލުގައި ސީދާގޮތުންނާއި ނުސީދާގޮތުން ބައިވެރިވި އެންމެންނަށް ހައްގުވާ އަދަބެއް ދޭންވާނެ.
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް