ކަނާތުން ވާތަށް: ސުއޫދު، މަހާޒު އަލީ ޒާހިރު، އަޒްމިރަލްދާ ޒާހިރު - (ފޮޓޯ/ ރައީސް އޮފީސް)

ބަންދު އަމުރަކަށް ނުފޫޒު ފޯރުވި މައްސަލައިގެ ފުރަތަމަ ރިޕޯޓް ފަނޑިޔާރުންނަށް ދީފި

އަޒްމިރަލްދާއި މަހާޒުގެ ވަކީލު ވެސް ވިދާޅުވީ ފުރަތަމަ ރިޕޯޓް ލިބިފައިވާ ކަމަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގުގެ ފުރަތަމަ ރިޕޯޓް އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރަށް ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލައިގެ ތުހުމަތުގައި މަހާޒު ވަނީ މިދިޔަ އާދީއްތަ ދުވަހު އަދި އަޒްމިރަލްދާ ވަނީ މިދިޔަ އަންގާރަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ.

ތަހުގީގުގެ ފުރަތަމަ މަރުހަލާ ނިންމައި ފުރަތަމަ ރިޕޯޓް ފަނޑިޔާރުންނަށް ފޮނުވާފައިވާކަން، ދެ ފަނޑިޔާރުންގެ ވަކީލު ވެސް 'ދައުރު'އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ރިޕޯޓްގެ ތަފުސީލެއް އަދި ނުލިބެ އެވެ. ވަކީލުން ވިދާޅުވި ގޮތުގައި، ރިޕޯޓް ލިބުނީ މީގެ ގަޑިއިރެއްހާއިރު ކުރިންނެވެ. އެހެންވެ، އަދި ރިޕޯޓް ބަލައި ނުނިމޭ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ތަހުގީގުގެ ފުރަތަމަ ރިޕޯޓާ ގުޅޭ ގޮތުން ޖަވާބު ދެއްވުމަށް ފަނޑިޔާރުންނަށް ހަތް ދުވަސް ލިބޭނެ އެވެ. ފައިނަލް ރިޕޯޓް ތައްޔާރުކުރާނީ އޭގެ ފަހުން، އަޑުއެހުމެއްގެ ގޮތުގައި އިތުރު އަޑުއެހުމެއް ވެސް ބާއްވައިފަ އެވެ.

ގުޅުން ހުރި - އަޒްމިރަލްދާ އާއި މަހާޒު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ދަނީ ބަލަމުންނެވެ. އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

ފާހަގަކުރެވޭ - މި މައްސަލައިގެ އިތުރުން ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

އެނގުން މުހިންމު - ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބައްލަވަމުން ގެންދެވީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. 

ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އެ މައްސަލަ ވަނީ ހުއްޓިފަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ ވެސް ގޮނޑި ގެއްލުމުގެ މާއްދާއަށް އަމަލުކުރުން ފަސްކުރަން އަމުރެއް ނެރުމާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.

ކޯޓުތަކުގެ ގާނޫނު ވެސް ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ. މިހާރު ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރެކެވެ.

ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވާ ސުއޫދު ވަނީ މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

13 މާރިޗު 2025
ރިޕޯޓު އާންމު ކުރާނެކަމަށް އުންމީދު ކުރަން. ފަނޑިޔާރުގެއަށް އަތްބާނައި ސުޕްރީމް ކޯޓު ޕެރެލައިޒްކޮށްފައި ބޭއްވުމަށް ސަރުކާރުން މި ކުޅޭ ކުޅިގަނޑު ރައްޔިތުންނަށް ހާމަވެ ސާފުވުމަށް އިތުރު ބާރަކަށް އެކަން ވާނެ.
5 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް