އޭސީސީގެ ރައީސް އާދަމް ޝާމިލް: ކްރިމިނަލް ކޯޓުގެ ބައެއް ގާޒީން ހާޒިރުކޮށް މިހާރު ވަނީ ބަޔާން ނަގާފައި. (ދައުރު ފޮޓޯ/މުހައްމަދު އަމާން)
ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ކްރިމިނަލް ކޯޓުގެ ގާޒީންގެ ބަޔާން ނަގަން ފަށައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދުނުކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި އެ ކޯޓުގެ ބައެއް ގާޒީންގެ ބަޔާން ނަގަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލާގައި ތުހުމަތުކުރަނީ އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލާއިރު، އޭސީސީން ވެސް ބަލަނީ ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަނުގެ އަމަލެއް ހިނގި ކަމަށް ބުނާ މައްސަލައެކެވެ.
ތަފްސީލް - އޭސީސީން ހިންގާ ތަހުގީގުގެ ތަފްސީލްތަކެއް ކޮމިޝަނުން ނުދިން ނަމަވެސް، ކްރިމިނަލް ކޯޓުގެ ބައެއް ގާޒީން މިހާރު ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ނަގާފައިވާކަން ވަނީ އެނގިފަ އެވެ. ރޭގެ ވަގުތެއްގައި ވެސް ގާޒީންގެ ބަޔާންތަކުގައި ސޮއިކުރަން އޭސީސީއަށް ހާޒިރުކުރި ކަމަށް މައުލޫމާތު ލިބެ އެވެ.
އޭގެ ތެރޭގައި ހިމެނޭ ގާޒީންނަކީ:
-
ސޮފްއަތު ހަބީބް
-
އިބްރާހީމް ޒިހުނީ
-
އާދަމް މުހައްމަދު (އިސް ގާޒީ)
އިތުރު މީހުންނާ ވެސް ސުވާލުކޮށް، ބަޔާން ނަގަން ހަމަޖެހިފައިވާ ކަމަށް އެނގިފައިވެ އެވެ.
އޭސީސީން މި ކަމުގައި އަދި ރަސްމީ ބަހެއް ނުބުނެ އެވެ. އެ ކޮމިޝަނުން ހަމައެކަނި ބުނެފައި ވަނީ އަޒްމިރަލްދާ އާއި މަހާޒާ ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފާހަގަކޮށްލެވޭ - އަޒްމިރަލްދާ އާއި މަހާޒު ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ. އެ ދެ ފަނޑިޔާރުންނާއި ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު މިދިޔަ މަހު 26ގައި ސަސްޕެންޑްކުރީ ވެސް އޭސީސީން ތަހުގީގެއް ހިންގާ ކަން ޖޭއެސްސީއަށް އެންގުމުން ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.
މި މައްސަލައިގެ އިތުރުން ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
އެނގުން މުހިންމު - ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބައްލަވަމުން ގެންދެވީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އެ މައްސަލަ ވަނީ ހުއްޓިފަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ ވެސް ގޮނޑި ގެއްލުމުގެ މާއްދާއަށް އަމަލުކުރުން ފަސްކުރަން އަމުރެއް ނެރުމާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.
ކޯޓުތަކުގެ ގާނޫނު ވެސް ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ. މިހާރު ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރެކެވެ.
ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވާ ސުއޫދު ވަނީ މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ކޮމެންޓް (1)
ސިކުނޑި