ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ޝަރީއަތުގައި
އަޒްމިރަލްދާ ހާޒިރުކޮށް ބާއްވާ ޖޭއެސްސީގެ އަޑުއެހުންތައް އާންމުންނަށް ހުޅުވާލަން އެދިއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުކޮށް ބާއްވާ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ހުށަހަޅުއްވައިފި އެވެ.
ވީ ކިހިނެއް؟ - އަޒްރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ޖޭއެސްސީން ދަނީ ބަލަމުންނެވެ.
އެ މައްސަލާގައި އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުވާން ޖެހެނީ މާދަމާ އެވެ.
ތަފްސީލް - އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް މިއަދު 'ދައުރު'އަށް ވިދާޅުވީ އަޒްމިރަލްދާއާ ގުޅުވައި ޖޭއެސްސީން ތަހުގީގުކުރާ ސުލޫކީ މައްސަލައިގެ ހުރިހާ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
"ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއާ ގުޅިގެން ޖޭއެސްސީން ތަހުގީގުކުރާ ސުލޫކީ މައްސަލައިގެ ހުރިހާ އަޑުއެހުުންތަކެއް އާއްމުކޮށް ހުޅުވާލައިގެން ބާއްވައިދިނުމަށް ފަނޑިޔާރުގެ ފަރާތުން ހުށަހަޅައިފިން،" ވަކީލު ފޮނުއްވި މެސެޖެއްގައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން ޖޭއެސްސީން އަދި ގޮތެއް ނުނިންމަ އެވެ. މިއަދު މެންދުރު ކޮމިޝަނުގެ ބައްދަލުވުމެއް ވެސް ތާވަލުކޮށްފައިވެ އެވެ. ބެލެވޭ ގޮތުގައި އެ ބައްދަލުވުމުގައި އަޒްމިރަލްދާގެ މި ހުށަހެޅުއްވުމާ މެދު ގޮތެއް ނިންމަވާނެ އެވެ.
މި މައްސަލާގައި ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ވެސް ކުރެ އެވެ. މަހާޒު ވެސް ހާޒިރުވުމަށް ޖޭއެސްސީން އަންގާފައިވެ އެވެ. އެއީ މިއަދު މެންދުރު ފަހު 1 ޖަހާއިރަށެވެ.
ފާހަގަކުރެވޭ - މި މައްސަލައިގެ އިތުރުން ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
އެނގުން މުހިންމު - ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބައްލަވަމުން ގެންދެވީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އެ މައްސަލަ ވަނީ ހުއްޓިފަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ ވެސް ގޮނޑި ގެއްލުމުގެ މާއްދާއަށް އަމަލުކުރުން ފަސްކުރަން އަމުރެއް ނެރުމާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.
ކޯޓުތަކުގެ ގާނޫނު ވެސް ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ. މިހާރު ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރެކެވެ.
ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވާ ސުއޫދު ވަނީ މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.