މަރިޔަމް ނިޝާ އެމްޑީޕީގެ އެއްވުމުގައި ވާހަކަދައްކަނީ. (ފޮޓޯ/އެމްޑީޕީ)

ބޯހިޔާވަހިކަން

'މިއީ މަރިޔަމް ނިޝާ؛ 93 ޕޮއިންޓާ އެކު މިހިރީ ބޭކާރު މީހަކަށް ވެފައި'

ނިޝާ ބުނި ގޮތުގައި، މިދިޔަ ސަރުކާރުގެ ފްލެޓް ލިސްޓަށް ޝަރުތު ހަމަވިޔަސް މި ސަރުކާރުން ވަނީ އެ ފުރުސަތު 'ގެއްލުވާލާފައި'

"އަޅުގަނޑުގެ ނަމަކީ މަރިޔަމް ނިޝާ، އަޅުގަނޑުގެ އުމުރަކީ 45 އަހަރު،" މައިކު އަތަށްލައި ތައާރަފްވެލަމުން، ކުރީގެ ފިލްމީތަރި ބުނެލި އެވެ.

އޭނާ ހުއްޓިގެން ހުރީ، ސަރުކާރާ ދެކޮޅަށް އެމްޑީޕީއިން މިހާރު ކުރަމުން އަންނަ ސިލްސިލާ މުޒާހަރާގެ ތެރެއިން، އިއްޔެ ރޭ ބޭއްވި އެއްވުމުގެ ތެރޭގަ އެވެ. އެ ތަނުގައި ތިބި މީހުން، ފަހަރަކު މީހަކު ޝުއޫރު ފާޅުކުރަމުން ގޮސް ނިޝާގެ އަތަށް މައިކު އެރުމުން، ފުރަތަމަ ވެސް އޮއްސާލީ ޝަކުވާތަކެވެ. އޭނާގެ ހަމައެކަނި ކަންބޮޑުވުމަކަށް ވީ، މިދިޔަ ސަރުކާރުން ބޯހިޔާވަހިކަން ދޭން ކަނޑައެޅި މީހުންގެ ލިސްޓުގައި ހިމެނި، މި ސަރުކާރުން އޭނާއަށް އެ ފުރުސަތު ނުދިނުމުންނެވެ.

"އަޅުގަނޑު މާލޭގައި އުޅޭތާ މިވީ 40 އަހަރު. އަޅުގަނޑުގެ ގާތުގައި ހަ ކުދިން އެބަ ތިބި. އަޅުގަނޑުގެ ގާތުގައި ލޭ އަޅާ ކުދިން އެބަ ތިބި. ހިތުގެ ބަލީގެ ކުދިން އެބަ ތިބި. އޯޓިސްޓިކް ކުދިން އެބަ ތިބި،" ފިލްމު އިންޑަސްޓްރީގައި އެންމެ ކުރީ ސަފުގައި ގުނާލެވޭ ފަންނާނު ބުންޏެވެ.

އޭނާ ބުނި ގޮތުގައި، އޭނާގެ ހަ ކުދިންގެ ތެރެއިން ކުދިން ބޮޑުކުރީ، ވަރަށް ހާލުގައި 'ގަނަތެޅިގެން'ނެވެ. އޭނާގެ ބޯހިޔާވަހިކަމެއް ނެތެވެ. ދިރިއުޅެނީ 9 ފޫޓު، 9 ފޫޓުގެ 'ގޮޅިއެއް'ގަ އެވެ. މަންމަ ބަލަން ބޭނުން ވިޔަސް، ޖާގަ ނެތުމުގެ ސަބަބުން މަންމަ މިހާރު ބަހައްޓަން ޖެހިފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ގުރައިދޫގައި ހުންނަ ހާއްސަ މަރުކަޒުގައި ކަމަށް ބުންޏެވެ.

ނިޝާ ބުނި ގޮތުގައި، އޭނާއަކީ އެއްވެސް އިރެއްގައި، އެއްވެސް ސަރުކާރަކާ ދެކޮޅަށް ނުކުތް މީހެއް ނޫނެވެ. އެކަމަކު މިހާރު މަގުމައްޗަށް ނުކުންނަން ޖެހުނީ މަގުމަތިވެ، މަޖުބޫރުވެގެން ކަމަށް ބުންޏެވެ.

ނިޝާ އޭނާ ސިފަކުރީ "93 ޕޮއިންޓް ލިބި، ބޭކާރުވެފައިވާ މީހެއް"ގެ ގޮތުގަ އެވެ.

"އަޅުގަނޑު މި ވާހަކަ ދައްކަނީ އެއްވެސް ހާލެއްގައި ފިލްމްސްޓާރެއްގެ ހައިސިއްޔަތަކުން ނޫން. މަންމައަކަށް ވީމައި ދަރިންނަށްޓަކައި. އަދި ދަރިއަކަށް ވީމައި މަންމައަށްޓަކައި،" އޭނާ ބުންޏެވެ.

އެ އެއްވުމުގައި ވާހަކަ ދައްކަމުން ނިޝާ ވަނީ، އޭނާގެ ބޯހިޔާވަހިކަމުގެ ހައްގު ސަރުކާރުން ނިގުޅައިގެންފައިވާތީ، އެ ހާލަތުގައި ތިބި އެހެން މީހުން ވެސް ނުކުމެ އަޑުއުފުލަން ގޮވާލާފަ އެވެ. އޭނާ ފަދަ އެކަނިވެރިމައިންނާއި ބޯހިޔާވަހިކަން ނެތިގެން، މުސްކުޅިވެފައިވާ މައިންބަފައިން ބެލުމަށް ނުކުދިފައިވާ މީހުން އަޑުއުފުލުމަށް ގޮވާލި އެވެ.

އެ ރޭގެ އެއްވުމުގައި އެހެން މީހުން ވެސް ވަނީ، ސަރުކާރުން އެ މީހުންގެ ބޯހިޔާވަހިކަމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ބުނެ ވާހަކަ ދައްކާފަ އެވެ.

މިދިޔަ ސަރުކާރުގައި ކުރިއަށް ގެންދިޔަ 'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ހުޅުމާލޭ ފޭސް 2ގައި އަޅާ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު ވެރިފައި ކުރުމަށް ފަހު މިދިޔަ މަހުގެ 27ގައި ވަނީ އާންމުކޮށްފަ އެވެ. އިދިކޮޅު އެމްޑީޕީގެ ވެރިކަމުގެ ފަހުކޮޅު އާންމު ކުރި ލިސްޓު އިވެލުއޭޓުކޮށް އަލުން އިއުލާނު ކުރި އިރު ލިސްޓުން އެތައް ބަޔަކު ވަނީ އުނިވެފަ އެވެ.

އެކަމަކު އެކަމަށް ރައްދު ދީ ހައުސިން މިނިސްޓްރީން ބުނެފައިވަނީ، މާލޭގައި ރަށްވެހިވެފައިވާތާ 15 އަހަރު ވީ އެއްވެސް މީހަކު ޑިސްކޮލިފައި ކޮށްފައިނުވާނެ ކަމަށެވެ. އަދި ފްލެޓު ލިބިފައިވާ އެއްވެސް މީހަކަށް ކަނޑައާޅާފައިވާ ފްލެޓު މިހާތަނަށް އެހެން މީހަކަށް ހަމަޖައްސާފައި ނުވާނެ ކަމަށާއި މިހާރު އާންމުކޮށްފައިވާ ލިސްޓަށް ހުށަހަޅާ ޝަކުވާތަކަށް ބަލައި ގޮތެއް ނިންމުމަށް ފަހު ނޫނީ އެއްވެސް މީހަކަށް ދީފައިވާ ފްލެޓު އެހެން މީހަކަށް ދޭން ކަނޑަނާޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ފްލެޓު ލިބޭ މީހުންގެ ލިސްޓުގެ ވެރިފިކޭޝަނަށް ފަހު އާންމު ކުރި ލިސްޓުގައިވާ ގޮތުން، ފްލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވީ 1،820 މީހުންނެވެ. މިދިޔަ ސަރުކާރުން ގެޒެޓުކުރި ލިސްޓުގައި 8،660 މީހުން ޝަރުތު ހަމަވި އެވެ.

ކޮމެންޓް (2)

ތެފައާސާ.

13 މާރިޗު 2025
އެއްވެސް މީހަކަށް ލިބިފައިހުރި ފްލެޓެއް ނާތުލާނަމޭ ކިޔައިގެން ދޮގު ވައުދު ވެގެން އައި ވެރިކަމަކުން ތިޔަކަހަލަ ކިތަންމެ ކަމެއް ކުރާނެ. ކުރިއަށް ހުރި އިންތިޚާބު ތަކުގައި ރައްޔިތުންގެ އަޑާއި ބާރު ދައްކަން ތައްޔާރުވާންވީ.
0 0

ރަދުން

13 މާރިޗު 2025
އިބޫ ސަރުކާރު ވިއްކަން ޑްރާމާ ކުޅޭ މީހެއްތީ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް