އީސީގެ އާ ރައީސް މުހައްމަދު ޒާހިދު (ކ) އަދި އޭސީސީގެ އާ ނައިބު ރައީސް އަބްދުﷲ ނާޝިދު

އީސީގެ ރައީސަށް ޒާހިދު، އޭސީސީގެ ނައިބު ރައީސަކަށް އަބްދުﷲ ނާޝިދު އައްޔަންކޮށްފި

މިއީ އެ ދެ ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނެސް، ރައީސް އިހްތިޔާރު ކުރެއްވި ވެރިން އައްޔަން ކުރި ފުރަތަމަ ފަހަރު

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މުހައްމަދު ޒާހިދު އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްއަކަށް އެ ކޮމިޝަން މެންބަރު އަބްދުﷲ ނާޝިދު  މިއަދު އައްޔަންކޮށްފި އެވެ.

ވީ ކިހިނެއް؟ - އީސީގެ ރައީސްކަމުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އަދި މިހާރު ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާފައިވާ  ސަފީރު ފުއާދު ތައުފީގުގެ ފަސް އަހަރުގެ ދައުރު ހަމަވެގެންނެވެ. އޭސީސީގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުއްސަލާމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ސަލާމް އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އޭނާ ވަކިކުރަން ނިންމާފައި އޮއްވަ އެވެ.

ޒާހިދު އާއި އަބްދުﷲ ނާޝިދު އެ ދެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން އިއްޔެ ވަނީ ފާސް ކޮށްފަ އެވެ.

އެ ދެ ބޭފުޅުންގެ އިތުރުން، އީސީގެ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު އަބްދުއްރަހުމާން ސަލާހް ރަޝީދު އައްޔަން ކުރުމަށް ވެސް އިއްޔެ މަޖިލީހުން ރުހުން ދީފައިވެ އެވެ.

ތަފްސީލު - މި ތިން ބޭފުޅުން އެ މަގާމުތަކަށް އައްޔަންކުރައްވައި، މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، މަގާމުގެ ލިޔުން ރައީސް މުހައްމަދު މުއިއްޒު ވަނީ ހަވާލުކުރައްވައިފަ އެވެ.

ފާހަގަކޮށްލެވޭ - މީގެ ކުރިން އީސީ އާއި އޭސީސީއަށް ރައީސާއި ނައިބު ރައީސުން ހޮވަނީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ނަމަވެސް މި ދެ ކޮމިޝަންގެ ގާނޫނަށް މަޖިލީހުން މިފަހުން ގެނައި އިސްލާހަކާ އެކު، އެ މަގާމުތަކަށް މީހުން އިހްތިޔާރު ކުރުމުގެ ބާރު ދީފައިވަނީ ރައީސަށެވެ. އަދި ރައީސް އެ މަގާމަށް މީހުން އައްޔަން ކުރައްވަނީ މަޖިލީހުގެ ރުހުމާ އެކު އެވެ.

މިއީ ގާނޫނަށް އިސްލާހު ގެނެސްގެން މިގޮތަށް މި ދެ ކޮމިޝަނަށް އިސް ބޭފުޅުން އައްޔަން ކުރި ފުރަތަމަ ފަހަރެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް