އީސީގެ ރައީސްގެ މަގާމަށް އައްޔަންކުރަން ރައީސް ނަން ފޮނުއްވާފައިވާ މުހައްމަދު ޒާހިދު (ކ) އޭސީސީގެ ނައިބަކަށް އައްޔަންކުރަން ފޮނުވާފައިވާ ނާޝިދު (ވ).
އީސީގެ ރައީސާއި ނައިބު ރައީސް އަދި އޭސީސީގެ ނައިބު ރައީސަށް ރުހުން ދީފި
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އާއި ނައިބު ރައީސް އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރަން ފޮނުވި ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ވީ ކިހިނެއް؟ - އީސީ އާއި އޭސީސީގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އައްޔަންކޮށްފައިވަނީ މިދިޔަ މަހުގެ 26ގަ އެވެ.
އީސީގެ ދެ މެންބަރުންގެ މަގާމު ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސް އަލީ ނަޝާތު އަދި މުހައްމަދު އާސިފުގެ މައްޗަށް މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރުމުންނެވެ.
އޭސީސީގެ ނައިބު ރައީސްގެ މަގާމް ހުސްވީ އެ މަގާމުގައި ހުންނެވި އަބްދުއްސަލާމް އަދި ކޮމިޝަންގެ މެމްބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުންނެވެ. އެ ދެ މެންބަރުން އިސްތިއުފާ ދެއްވީ އެ ދެ މެންބަރުންގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން މަޖިލީހުން ތައްޔާރުވެފައި ވަނިކޮށެވެ.
އީސީއަށް އައްޔަންކުރަން ރުހުން ދިނުމަށް ފޮނުވާފައިވާ ނަންތައް:
-
ރައީސްގެ މަގާމަށް މުހައްމަދު ޒާހިދު
-
ނައިބު ރައީސްގެ މަގާމަށް އަބްދުއްރަހުމާން ޞަލާހް ރަޝީދު
އެ ބޭފުޅުންނަށް މަޖިލީހުން ވޯޓު ދިން ގޮތް:
-
މުހައްމަދު ޒާހިދު؛ ރުހުން ދޭން ފެންނަ ކަމަށް 68 މެންބަރުން ވޯޓު ދިން؛ ނުފެންނަ ކަމަށް އެއްވެސް މެންބަރެއް ވޯޓެއް ނުދޭ
-
އަބްދުއްރަހްމާން ޞަލާހް ރަޝީދު؛ ރުހުން ދޭން ފެންނަ ކަމަށް 69 މެންބަރުން ވޯޓު ދިން؛ ނުފެންނަ ކަމަށް އެއްވެސް މެންބަރެއް ވޯޓެއް ނުދޭ
މި ދެ ބޭފުޅުންނަކީ ވެސް އެންމެ ފަހުން އެ ކޮމިޝަނަށް އައްޔަންކުރި ދެ މެންބަރުންނެވެ.
އޭސީސީގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރަން ރުހުން ހޯދަން ރައީސް ފޮނުވާފައިވަނީ ކޮމިޝަންގެ މެންބަރު އަބްދުﷲ ނާޝިދުގެ ނަމެވެ. ނާޝިދަކީ އެންމެ ފަހުން އެ ކޮމިޝަނަށް އައްޔަންކުރި ދެ މެންބަރުންގެ ތެރޭގައި ހިމެނޭ މެންބަރެކެވެ.
ނާޝިދު އެމަގާމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދިނީ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުންނެވެ.
ފާހަގަކޮށްލެވޭ - މިއީ އެ ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ރަައީސަށް ލިބޭ ގޮތަށް އެ ދެ ގާނޫނަށް ގެނައި އިސްލާހަށް ފަހު އެ މަގާމުތަކަށް މީހުން އައްޔަންކުރާ ފުރަތަމަ ފަހަރެވެ.
އެނގުން މުހިއްމު - އީސީގެ މެންބަރުކަމަށް ސޮލާހު އާއި ޒާހިދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.
އީސީގައި މިހާރު ތިއްބަވަނީ:
-
ޑރ. މުހައްމަދު ޒާހިރު
-
ހަސަން ޒަކަރިއްޔާ
-
އަބްދުލް ހަސީބު އިސްމާއިލް
-
މުހައްމަދު ޒާހިދު
-
އަބްދުއްރަހްމާން ޞަލާހް ރަޝީދު
އޭސީސީގެ މިހާރު ތިއްބަވަނީ:
-
އާދަމް ޝާމިލް - ރައީސް
-
ޝިޔާމާ މުހައްމަދު
-
ޝަޒްނާ ހާޝިމް
-
އަބްދުﷲ ނާޝިދު
-
އަހްމަދު ނާޝިދު