އީސީގެ ރައީސްގެ މަގާމަށް އައްޔަންކުރަން ރައީސް ނަން ފޮނުއްވާފައިވާ މުހައްމަދު ޒާހިދު (ކ) އޭސީސީގެ ނައިބަކަށް އައްޔަންކުރަން ފޮނުވާފައިވާ ނާޝިދު (ވ).

އީސީގެ ރައީސަކަށް ޒާހިދު؛ އޭސީސީގެ ނައިބު ރައީސަކަށް އަހްމަދު ނާޝިދުގެ ނަން ރައީސް ފޮނުވައިފި

މިއީ އެ ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ރަައީސަށް ލިބޭ ގޮތަށް އެ ދެ ގާނޫނަށް ގެނައި އިސްލާހަށް ފަހު އެ މަގާމުތަކަށް މީހުން އައްޔަންކުރާ ފުރަތަމަ ފަހަރު
10 ފެބްރުއަރީ 2025

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އާއި ނައިބު ރައީސް އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރާނެ ފަރާތްތަކުގެ ނަންތައް ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ވީ ކިހިނެއް؟ - އީސީ އާއި އޭސީސީގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އައްޔަންކޮށްފައިވަނީ މިދިޔަ މަހުގެ 26ގަ އެވެ.

އީސީގެ ދެ މެންބަރުންގެ މަގާމު ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސް އަލީ ނަޝާތު އަދި މުހައްމަދު އާސިފުގެ މައްޗަށް މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކުރުމުންނެވެ.

އޭސީސީގެ ނައިބު ރައީސްގެ މަގާމް ހުސްވީ އެ މަގާމުގައި ހުންނެވި އަބްދުއްސަލާމް އަދި ކޮމިޝަންގެ މެމްބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުންނެވެ. އެ ދެ މެންބަރުން އިސްތިއުފާ ދެއްވީ އެ ދެ މެންބަރުންގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން މަޖިލީހުން ތައްޔާރުވެފައި ވަނިކޮށެވެ.

ތަފްސީލް - އީސީއަށް އައްޔަންކުރަން ރައީސް މިއަދު ފޮނުއްވާފައިވާ ނަންތަކަކީ:

  • މުހައްމަދު ޒާހިދު، ދަފްތަރު ނަންބަރު ރސ. 1548 - ރައީސްގެ މަގާމަށް

  • އަބްދުއްރަހުމާން ސޮލާހު ރަޝީދު، ރޯޒް/ކ. ހުރާ - ނައިބު ރައީސްގެ މަގާމަށް

އީސީގެ ރައީސަކަށް އައްޔަން ކުރަން ފޮނުވާފައިވާ ޒާހިދު އަދި ނައިބަކަށް އައްޔަންކުރަން ފޮނުވާފައިވާ ސޮލާހު އީސީގެ މެންބަރު ކަމުގެ ހުވާ ކުރައްވަނީ (ފޮޓޯ / ރައީސް އޮފީސް)

މި ދެ ބޭފުޅުންނަކީ ވެސް އެންމެ ފަހުން އެ ކޮމިޝަނަށް އައްޔަންކުރި ދެ މެންބަރުންނެވެ.

އޭސީސީގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރަން ރައީސް ފޮނުއްވާފައިވާ ނަމަކީ:

  • އަހުމަދު ނާޝިދު، މއ. ގޯލްޑަންމޫން

ފާހަގަކޮށްލެވޭ - މިއީ އެ ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ރަައީސަށް ލިބޭ ގޮތަށް އެ ދެ ގާނޫނަށް ގެނައި އިސްލާހަށް ފަހު އެ މަގާމުތަކަށް މީހުން އައްޔަންކުރާ ފުރަތަމަ ފަހަރެވެ.

އެނގުން މުހިއްމު - އީސީގެ މެންބަރުކަމަށް ސޮލާހު އާއި ޒާހިދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.

 އީސީގައި މިހާރު ތިއްބަވަނީ:

  • ޑރ. މުހައްމަދު ޒާހިރު 

  • ހަސަން ޒަކަރިއްޔާ

  • އަބްދުލް ހަސީބު އިސްމާއިލް

  • ޒާހިދު

  • އަބްދުއްރަހްމާން ސޮލާހު

 އޭސީސީގެ މިހާރު ތިއްބަވަނީ:

  • އާދަމް ޝާމިލް - ރައީސް

  • ޝިޔާމާ މުހައްމަދު

  • ޝަޒްނާ ހާޝިމް

  • އަބްދުﷲ ނާޝިދު

  • އަހްމަދު ނާޝިދު

އިތުރު އާޓިކަލް

އިތުރު އާޓިކަލް