ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ 'ރަސް މާލެ' މަޝްރޫއަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ - (ފޮޓޯ/ރައީސް އޮފީސް)

ރަސްމާލެ ބިން ހިއްކުން މި އަހަރު ނިމެނޭ: ރައީސް

މިއަހަރު ރަސްމާލެ ބިން ހިއްކުން ނިންމައި އަންނަ އަހަރު އަސާސީ ހިދުމަތްތައް ގާއިމްކުރުމާއި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވި
6 ފެބްރުއަރީ 2025

'ރަސްމާލެ' ނަމުގައި މާލެ ސަރަހައްދުގައި އަވަށެއް ތަރައްގީ ކުރުމަށް ކ. ފުށިދިއްގަރުފަޅު ހިއްކުން މަޑުޖެހިގެން ދިޔަ ނަމަވެސް އެ މަސައްކަތް ފަށައިގެން މި އަހަރުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިމެނޭ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ މަޝްރޫއު ފުރަތަމަ ހަވާލުކުރި ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އަށް ބިންތަކެއް ނުދީގެން މަޝްރޫއު ކުރިއަށް ގެންދަން ބޭނުން ނުވެގެން އެއްބަސްވުން އުވާލަން ޖެހުނެވެ.

އެ މަޝްރޫއު މި އަހަރު ބާރު ދުވެލީގައި ގެންގޮސް ބިން ހިއްކުން މި އަހަރުގެ ތެރޭގައި ނިމޭނެ ކަމުގެ ޔަގީން ކަން ރައީސް މުއިއްޒު ދެއްވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި އެ މަނިކުފާނުގެ ރިޔާސީ ދައުރުގެ ދެވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ބުނީ ކީކޭ؟ - "މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރުމަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ދަނީ ކުރިއަށް. ދިމާވި ތަފާތު ދަތިތަކާއެކު ވެސް ސަރުކާރުގެ އަމާޒަކީ، މިއަހަރު ބިން ހިއްކުން ނިންމައި 2026 ވަނަ އަހަރުގައި އަސާސީ ހިދުމަތްތައް ގާއިމްކުރުމާއި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ޢަމަލީ މަސައްކަތް ފެށުން،" ރައީސް ވިދާޅުވި އެވެ.

ފަސްމަންޒަރު - 'ރަސްމާލެ'ގެ ނަމުގައި ފުށިދިއްގަރުފަޅު ތަރައްގީކުރަން ސީއެމްސީއާ ގުޅިގެން އެ ތަން ހިއްކަން ފެށީ 18 ޑިސެމްބަރު 2023ގަ އެވެ.

ކ. ގުޅީ ކައިރީގައި އޮންނަ ފުށިދިއްގަރު ފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި މަސައްކަތް ތާވަލާ އެއްގޮތަށް ދާ ނަމަ، އަށް މަސް ތެރޭ ހިއްކައި ނިމޭނެ ކަމަށް ރައީސް މުއިއްޒު އޭރު ވިދާޅުވި އެވެ.

ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދޭން އަމާޒުކޮށް ރަސްމާލޭގައި އެކަނި ވެސް އެކި ކަހަލަ 30،000 ހައުސިން ޔުނިޓް އަޅާނެ ކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އެނގުން މުހިންމު - މީގެ އަހަރެއްހާ ދުވަސް ކުރިން ޑިސެމްބަރު 2023ގައި ފުށިދިއްގަރުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް އެޗްޑީސީން ސީއެމްސީސީއާ ހަވާލުކޮށްފައި ވަނީ، މަޝްރޫއޫގެ އަގުގެ ގޮތުގައި ހުޅުމާލެ އާއި ފުށިދިއްގަރުފަޅުން ޖުމްލަ 70 ހެކްޓަރުގެ ބިން ދޭ ގޮތަށެވެ.  އެގޮތުން:

  • ސީއެމްސީއާ މި މަޝްރޫއޫ ހަވާލުކޮށްފައި ވަނީ، އަށް މަސް ތެރޭ ނިންމާ ގޮތަށް؛ ނަމަވެސް އެ ސްޕީޑްގައި މަޝްރޫއު ކުރިއަށް ގޮސްފައެއް ނުވޭ

  • ސީއެމްސީއަށް ދޭން އެއްބަސްވެފައި އޮތީ، 50 އަހަރުދުވަހުގެ މުއްދަތަށް ހުޅުމާލެއިން 10 ހެކްޓަރު އަދި ފުށިދިއްގަރުފަޅުން 60 ހެކްޓަރު ބިން ކަމަށް އޭރު އެޗްޑީސީން ބުނެފައިވޭ

  • މިދިޔަ މެއި މަހު ސަރުކާރުން ވަނީ ސީއެމްސީއާ އެކު ހެދި އެއްބަސްވުން ނިމުމަކަށް ގެނައިކަން ހާމަކޮށްފައި؛ ނަމަވެސް އޭރު އެކަމުގެ މާ ބޮޑު ތަފްސީލު ހާމަކޮށްފައެއް ނުވޭ

  • ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދިއުމުން އެއްބަސްވުން ނިމުމަކަށް ގެނައި އިރު، ސީއެމްސީން ފުށިދިއްގަރުފަޅުން ހިއްކާފައި ވަނީ 29 ހެކްޓަރުގެ ބިން

ސަރުކާރުގެ އެކި މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި، އެޗްޑީސީން އެއްބަސްވެފައި ވަނީ ސީއެމްސީން ހިއްކާފައިވާ 29 ހެކްޓަރަށްވާ ފައިސާ ދިނުމަށެވެ. އެއީ 21 މިލިއަން ޑޮލަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް