ސީއެމްސީގެ ބިތުފަންގި ނެގުން: ބަނގުރޫޓްވެފައި؛ ދޮވެލީ ދިވެހިންގެ ފައިސާ
މުހިންމު ނުކުތާތައް
އެތައް ބިލިއަން ރުފިޔާއެއްގެ މަސައްކަތް ހިންގާ ކަމަށް ބުނާ ކުންފުނީގައި ހުރީ 2 މިލިއަނެެއްހާ ރުފިޔާ
ކުންފުނީގެ އަގުގެ ގޮތުގައި ބެލެވެނީ 1.9 މިލިއަނެއްހާ ރުފިޔާ؛ ރާއްޖެ ނޫން ގައުމެއްގައި އެ ކުންފުނިން ބޮޑު މަޝްރޫއެއް ހިންގާތީއެއް ނުފެނޭ
އެ ކުންފުންޏަށް އަހަރެއްގެ ތެރޭވެސް ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކަނީ އެވްރެޖްކޮށް މިލިއަނެއްހާ ރުފިޔާ
ރައީސް މުހައްމަދު މުއިއްޒުގެ އެންމެ އުންމީދީ މަޝްރޫއު، ފުށިދިއްގަރުފަޅު ހިއްކައިގެން 'ރަސްމާލެ'ގެ ނަމުގައި މުޅިން އާ ސިޓީއެއްގެ ތަރައްގީކުރުުމުގެ ބިޔަ މަސައްކަތް ފެށީ މިދިޔަ އަހަރުގެ 18 ޑިސެމްބަރުގަ އެވެ. އެ ސިޓީއަށް ބޭނުންވާ ފުރަތަމަ ވެލިކޮޅު އަޅާލުމުގެ މަސައްކަތް އެ ދުވަހު ރައީސް ފައްޓަވައި ދެއްވީ، ކެޕިޓަލް މެރީން އެންޑް އިންވެސްޓްމަންޓް (ސީއެމްސީ) ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.
އެމްޑީޕީ ސަރުކާރުގައި ގުޅިފަޅާއި، ފުށިދިއްގަރުފަޅު ހިއްކުން ފަދަ ބޮޑެތި މަޝްރޫއުތަކާ ހަވާލުވި އެ ކުންފުނިން ފެށި ރަސްމާލެ ހިއްކުމުގެ މަސައްކަތް ވަނީ ދުވަސްކޮޅެއް ނުވެ ބުރަކި ޖެހި އެކީ ހުއްޓިފަ އެވެ. ރާއްޖޭގެ އެންމެ އަގުބޮޑު ބިން އޮތް ހުޅުމާލެ ހިމެނޭ ގޮތުން 70 ހެކްޓަރު އެ ކުންފުންޏަށް ދީގެން ފެށި މަޝްރޫއު ކުރިއަށް ނުކެނޑުމުން، އެ ކުންފުންޏާ އެކު ހެދި އެއްބަސްވުން ނިމުމަކަށް ގެންނަން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.
އެއާ އެކު ސީއެމްސީއާ މެދު އުފެދޭ ސުވާލުތައް ވަނީ ބޮޑުވެފަ އެވެ. މިއީ ކޮން ތާކުން ނުކުމެގެން އުޅޭ، ކޮން ބައެއް ހެއްޔެވެ؟
ސީއެމްސީގެ ހަގީގަތް
ސްރީ ލަންކާ ދަރިކޮޅުގެ އިނގިރޭސި ރައްޔިތެއް ކަމަށްވާ، ސިވަރާޖަ މަނިވަންނަން މަޝްހޫރު ނަމުން ނަމަ، ރާޖޫ ނަމަކަށް ކިޔާ މީހެއްގެ މިލްކެއް ކަމަށްވާ ސީއެމްސީގެ ހިއްސާދާރުންނަކީ އޭނާގެ އިތުރަށް އިނގިރޭސިވިލާތުގައި 6 ޖުލައި 2001ގައި، ރާޖޫގެ %75 އަށް ވުރެ ބޮޑު ހިއްސާއެއް އޮވެގެން ރަޖިސްޓްރީކޮށްފައިވާ ކެޕިޓަލް އިންވެސްޓްމަންޓް ފައިނޭންސް ލިމިޓެޑް (ސީއައިއެފް) އެވެ. ސީއެމްސީގެ މައި ކުންފުންޏަކީ، ރާޖޫ ކޮންޓްރޯލް ކުރާ ސީއައިއެފް އެވެ. އެހެންކަމުން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހިންގި ގުޅީފަޅު މަޝްރޫއާ ހަމައިން ދިވެހި ސަރުކާރުތަކަށް އެނގުނު، 'ސީއެމްސީ'އަކީ ހަގީގަތުގައި ރާޖޫގެ ސީއައިއެފްގެ ސަބްސިޑަރީ ކުންފުންޏެކެވެ. ތަންކޮޅެއް ތިލަކޮށްލާ ނަމަ، ސީއެމްސީއަކީ ރާޖޫގެ ސީއައިއެފްއިން ރާއްޖޭގައި ވިޔަފާރިކުރަން ފަސޭހައަކަށް އުފައްދާފައިވާ ކުންފުންޏެކެވެ.
ރާއްޖޭގެ ބިން ހިއްކުމުގެ މޮނޮޕޮލީއެއްގެ ގޮތުގައި މި އޮތް ސީއައިއެފް ކުންފުނީގެ އަސްލު ހާމަވަނީ، އަދި މި ކުންފުނި މޮނޮޕޮލީއަކަށް ވެގެން މި އުޅޭ ސަބަބުތައް ސާފުވަނީ އިނގިރޭސިވިލާތުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެ ކުންފުނީގެ ރެކޯޑްތަކުގައި ހުރި މާލީ ހިސާބުތައް ދިރާސާކުރުމުންނެވެ. އިމާރާތްކުރުމާއި ރިއަލްއެސްޓޭޓް ވިޔަފާރިކުރާ ގޮތަށް އުފައްދާފައިވާ ސީއައިއެފްގެ އާމްދަނީ ދަށްކަމުން ލާފައި އޮންނަނީ އެންމެ ކުދި އަދި މެދު ފަންތީގެ ކުންފުނިތަކުގެ ތެރެއަށެވެ.
އެ ކުންފުނީގެ މާލީ ހިސާބުތަކަށް ބަލައިލުމުން ފެންނަނީ ވަރަށް ޝައުގުވެރި އަދި ޝައްކު އުފެދޭ ވަރަށް ގިނަ ކަންތައްތަކެވެ. އެ ކުންފުނިން އަސްލު މި ކުރަނީ ކޮން ކަމެއް ކަމާއި ރާއްޖޭގެ ކޮންމެ ސަރުކާރެއްގެ ރަހުމަތްތެރިއަކަށް މި ކުންފުނި ވެގެން އުޅޭ ސަބަބުތައް އެ ހިސާބުތަކަށް ބެލުމުން ލަފާކޮށްލެވެ އެވެ. އަދި ރަސްމާލެ ހިއްކުން އެ ކުންފުންޏަށް ނުވި ސަބަބު ވެސް ބުނެދެނީ އެ ހިސާބުތަކެވެ.
ކުންފުނި ގެއްލުމުގައި އޮންނަތާ އެތައް އަހަރެއް
މާލީ ހިސާބުތަކަށް ބަލާއިރު ސީއައިއެފްއަށް ފުރަތަމަ ތިން އަހަރު އެއްވެސް އާމްދަނީއެއް ލިބިފައެއް ނުވެ އެވެ. ބެލެވެނީ އެ ކުންފުނި އުފައްދާ ތިން އަހަރު ވަންދެން މަސައްކަތް ނުކޮށް ބާއްވާފައި އޮތް ކަމެވެ. އެންމެ ފުރަތަމަ ވެސް އެ ކުންފުންޏަށް އާމްދަނީއެއް ލިބެން ފެށީ 2004ގަ އެވެ. އެއީ ކޮންސަލްޓަންސީ ހިދުމަތްތަކުންނެވެ. އޭގެ ފަހުން ވެސް އާމްދަނީއެއް ނުލިބި އެތައް އަހަރެއް ހޭދަވި އެވެ.
ފެންނަން ހުރި ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުތަކުގައި އެ ކުންފުންޏަށް ލިބުނު ޖުމްލަ އާމްދަނީ އަކީ އެންމެ 1.2 މިލިއަން ޕައުންޑް (24 މިލިއަނެއްހާ ރުފިޔާ) އެވެ. އެއީ ގާތްގަނޑަކަށް އެވްރެޖްކޮށް އަހަރަކަށް މިލިއަނެއްހާ ރުފިޔާ އެވެ. ރާއްޖޭގައި ބިން ހިއްކުމުގެ އެންމެ ބޮޑެތި މަޝްރޫއުތަކާއި ތޮށިލުމާއި ބަނދަރު ހެދުން ފަދަ އެތައް ބިލިއަން ރުފިޔާއެއްގެ މަޝްރޫއު ހިންގާފައިވާ ކަމަށް ރެކޯޑުތަކުން ދައްކާއިރު އެ ކުންފުނި މާލީ ގޮތުން ފެންނަނީ ފަގީރުކޮށެވެ.
ހިސާބުތަކަށް ބަލާއިރު އެއްވެސް ގޮތަކަށް ނުފެނޭ އެ ކުންފުންޏަށް މިވަރުގެ މަޝްރޫއުތައް ރާއްޖެއިން ލިބެން ޖެހޭ ތަނެއް. އެވަރުގެ ޓާންއޯވާއެއް އެ ކުންފުނީގައި ނެތް. އަނެއްކާ ގެއްލުން އެހާ ބޮޑު
އެ ކުންފުންޏަށް މިދިޔަ އަހަރުތަކުގެ ތެރޭގައި މިލިއަނެއްހާ ޕައުންޑް (23.7 މިލިއަން ރުފިޔާ)ގެ ގެއްލުމާ ވަނީ ކުރިމަތިވެފަ އެވެ. ތަކުރާރުކޮށް ގެއްލުންވަމުން ދާ ކުންފުންޏަކަށް ރާއްޖޭން އެތައް ބިލިއަން ރުފިޔާއެއްގެ މަޝްރޫއު ހިންގަން އެކި ސަރުކާރުތަކުގައި ހަވާލުކުރި ސަބަބާ މެދު ބޮޑެތި ސުވާލުތަކެއް އުފެދެ އެވެ.
"ހިސާބުތަކަށް ބަލާއިރު އެއްވެސް ގޮތަކަށް ނުފެނޭ އެ ކުންފުންޏަށް މިވަރުގެ މަޝްރޫއުތައް ރާއްޖެއިން ލިބެން ޖެހޭ ތަނެއް. އެވަރުގެ ޓާންއޯވާއެއް އެ ކުންފުނީގައި ނެތް. އަނެއްކާ ގެއްލުން އެހާ ބޮޑު،" އެ ކުންފުނީގެ ހިސާބުތައް ދިރާސާކުރުމަށް 'ދައުރު'އާ އެހީތެރިވި ރާއްޖޭގެ ތަޖުރިބާކާރު ޗާޓަޑް އެކައުންޓެންޓަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
"ޑިއުޑިލިޖެންސް ހެދި ނަަމަ އެ ކުންފުންޏަކީ އެއްވެސް މެގަޕްރޮޖެކްޓެއް ހިންގޭ ލެވަލްގައި އޮތް ކުންފުންޏެއް ނޫންކަން އެނގޭނެ. ސުވާލަކީ އެކަން ކުރި ބާއޭ؟."
ވޭތުވެދިޔަ ހަތަރު ސަރުކާރުގައި ވެސް ބޮޑެތި މަޝްރޫއުތައް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ މާލީ ގޮތުން ސީއެމްސީ 'ސުމެއް'ގައި އޮއްވަ އެވެ. އެންމެ ގިނަ މަޝްރޫއުތައް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅުގަ އެވެ. ލިބެން ހުރި މައުލޫމާތުތަކަށް ބަލާއިރު މި ދެ ސަރުކާރުގައި ވެސް އެކުންފުންޏަށް 8 މަޝްރޫއެއް ހަވާލުކުރި އެވެ. ގިނަ މަޝްރޫއުތައް އެ ކުންފުންޏާ ހަވާލުކުރި އިރު މިހާރުގެ ރައީސް މުއިއްޒު އަކީ ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރެވެ.
މި ހުރިހާ މަޝްރޫއުތަކެއް ހިންގި ނަމަވެސް އެ ކުންފުނި އުފެއްދި ފަހުން މިއަދާ ހަމައަށް އެ ކުންފުންޏަށް މާލީ ކުރިއެރުންތަކެއް ލިބިފައެއް ނުވެ އެވެ. އެ ކުންފުނި މާ ގާބިލް ކުންފުންޏަކަށް ވާން ޖެހޭ އެއްވެސް ސަބަބެއް އަދި ނިޝާނެއް ވެސް މާލީ ހިސާބުތަކުން ނުދައްކަ އެވެ.
މިސާލަކަށް ބަލާ ނަމަ، އެ ކުންފުނީގެ ބޭންކު އެކައުންޓު ހިމެނޭ ގޮތުން ކުންފުނީގެ ހުރި ފައިސާގެ އަދަދު އުޅެނީ 156،950 ޕައުންޑު (2.4 މިލިއަން ރުފިޔާ)ގައި ކަމަށް އެންމެ ފަހުން ހުށަހެޅި 2022ގެ މާލީ ހިސާބުތަކުން ދައްކަ އެވެ. އެކަމަކު ރަސްމާލެ ހިއްކުމަށް 500-700 މިލިއަނެއްހާ ޑޮލަރު (10 ބިލިއަނެއްހާ ރުފިޔާ) އެ ކުންފުނިން ހަރަދުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެންމެ 2 މިލިއަން ރުފިޔާ ހުރި ކުންފުންޏަކަށް އަދި ވެލިއު އެހާ ދަށް ކުންފުންޏަކަށް 10 ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއެއް ހިންގުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫނެވެ.
ފުށިދިއްގަރުފަޅުގައި ރަސްމާލެ ހެދުމުގެ ބިޔަ މަޝްރޫއުގެ ބިން ހިއްކުން އެ ކުންފުންޏާ މިދިޔަ އަހަރު ހަވާލުކުރިއިރު، 2022ގެ މާލީހިސާބުން ދައްކާ ގޮތުގައި ޑައިރެކްޓަރުން ވެސް ލައިގެން އެ ކުންފުނީގެ މުވައްޒަފުންގެ އަދަދަކީ އެންމެ ހަތަރެކެވެ. އެކަމަކު އެވަރުގެ ބޮޑެތި ޕްރޮޖެކްޓް ހިންގާ ކުންފުންޏެއްގައި މިހާ މަދު މުވައްޒަފުން ތިބުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫނެވެ.
"އެވަރުގެ މަޝްރޫއު ހިންގާވަރު ކުންފުންޏެއްގައި ހުންނާނީ މިއަދަދަކަށް ނޫން ފައިސާ. އަދި މުވައްޒަފުން ވެސް ގިނަވާނެ،" ތަޖުރިބާކާރު ވިދާޅުވި އެވެ.
ރަސްމާލެ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކުރި އިރު ވެސް ކުންފުނީގެ ޖުމްލަ ޝެއާގެ އަގު ނުވަތަ ކެޕިޓަލް ހުރީ 100،000 ޕައުންޑުގަ އެވެ. އެއީ ރަސްމާލެ ކަހަލަ ބޮޑު ޕްރޮޖެކްޓެއް ހިންގާ ކުންފުނީގެ ހިއްސާގެ އަގު އެއަށް ވުރެ ބޮޑުވާން ޖެހޭނެ އެވެ.
ބޮޑު ދަރަންޏާ އެކު ބަނގުރޫޓްވެފައިވާ މަންޒަރު
ސީއެފްއައިއަކީ ކުޑަ ކުންފުންޏަކަށް ވާތީ މިފަހަކަށް އައިސް އެ ކުންފުނިން އިނގިރޭސި އިދާރާތަކަށް ހުށަހަޅާފައިވާ މާލީ ހިސާބުތަކުގައި އާމްދަނީ އާއި ހަރަދުތަކުގެ ތަފްސީލް ހިމެނޭ އިންކަމް ސްޓޭޓްމަންޓް އަދި ޕްރޮފިޓް އެންޑް ލޮސް ސްޓޭޓްމަންޓްތައް ހުށަހަޅަން ނުޖެހޭތީ އެތަކެތި ފެންނާކަށް ނުހުރެ އެވެ. އެހެންވެ، އެ ކުންފުނީގެ ފަހުގެ އާމްދަނީ އާއި ހަރަދުތަކަކީ އެންމެ ސައްހަ ނަމްބަރުތަކެއްކަން ކަށަވަރެއް ނުކުރެވެ އެވެ.
އެންމެ ފަހުން ސީއެފްއައިން ފައިލްކޮށްފައިވާ 2021 އަދި 2022ގެ މާލީ ހިސާބުތަކުން ދައްކާ ގޮތުން ކުންފުނީގެ ހަރުމުދާ ނުވަތަ އެސެޓްތަކަށް ވުރެ ކުންފުނީގެ ލައިބިލިޓީ ނުވަތަ އެކި ފަރާތްތަކަށް ދައްކަން ހުރި ފައިސާގެ އަދަދު 2.1 މިލިއަން ޕައުންޑް އިތުރެވެ. އޭގެ މާނައަކީ ކުންފުނީގެ މިހާރު ހުރި ހަރުމުދާ ވިއްކާލައިގެން ވެސް ކުންފުނީގެ ދަރަނިތައް ދެއްކޭ ވަރަށް ވުރެ ކުންފުނީގެ ހާލަތު ދަށްކަމެވެ. އަދި އެ ދަރަނި ދެއްކޭވަރަށް ކުންފުންޏަށް އާމްދަނީއެއް ވެސް ލިބެމުން ނުދާކަން ހިސާބުތަކުން ހާމަވެ އެވެ.
މާލީ ހިސާބުތައް ދިރާސާކުރުމުގައި އެހީވި ތަޖުރިބާކާރު ވިދާޅުވި ގޮތުގައި އެކަމުން ވެސް ދައްކައިދެނީ ކުންފުނީގައި ޕްރޮޖެކްޓެއް ހިންގޭވަރުގެ މާލީ ގާބިލްކަން އަދި ހަކަތަ ނެތްކަމެވެ. އަދި އެއްވެސް މެގަ ޕްރޮޖެކްޓެއް ހިންގޭ ވަރަށް އެ ކުންފުނީގައި ހަރުމުދަލެއް ވެސް ނެތްކަން ސާބިތުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޒިންމާދާރުކޮށް މިކަން ކުރާ ނަމަ އެ ކުންފުންޏަށް އަދި އެ ކުންފުނީގެ ސަބްސިޑަރީއަކަށް ވެސް ޕްރޮޖެކްޓް ހަވާލެއް ނުކުރާނެ. ފައިނޭންޝަލީ ޕްރޮޖެކްޓެއް ހިންގާވަރުގެ މާލީ އެއްވެސް ގާބިލްކަމެއް ނެތް،" ރަސްމާލެ މަޝްރޫއު ނުހިންގުނު ސަބަބަކީ އެއީ ކަމަށް ވެދާނޭ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވި އެވެ.
"ސުވާލަކީ ކީއްވެތޯ އެވަރު ބަޔަކާ މި މަޝްރޫއު ސަރުކާރުތަކުން ހަވާލުކުރަނީ."
ހިސާބުތަކުގައި އޮޅުވާލުންތައް ހުރިކަމަށް ބެލެވޭ
ސީއައިއެފްގެ 2022ގެ މާލީ ހިސާބުތަކަށް ބަލާއިރު، އެ ކުންފުންޏާ ގުޅުން ހުރި ފަރާތްތަކުން ކުންފުންޏަށް ލިބެން ޖެހޭ 23.6 މިލިއަން ޕައުންޑް ހުރިއިރު ހަމަ އެ ފަރާތްތަކަށް ކުންފުނިން 25.8 މިލިއަން ޕައުންޑުގެ ދައްކަން ޖެހެ އެވެ. ހިސާބުތަކަށް ބެލުމުން އެނގޭ ގޮތުގައި އެ 25.8 މިލިއަން ޕައުންޑް ދައްކަން ޖެހެނީ ޔުނިވާސަލް ޝިޕިން ކިޔާ ކުންފުންޏަކަށެވެ. ނަމަވެސް އެ ކުންފުނި މި އަހަރު އުވާލާފައިވާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ. މީގެ އިތުރަށް އެ ކުންފުނީގެ 2022ގެ ހިސާބުތަކުގައި އެއްވެސް ފައިސާއެއް ސީއައިއެފްއިން ލިބެން ޖެހޭ ކަމަށް ރެކޯޑް ކޮށްފައެއް ނުވެ އެވެ.
މާލީ ހިސާބުތައް ދިރާސާކުރުމުގައި އެހީތެރިވި ތަޖުރިބާކާރު ވިދާޅުވި ގޮތުގައި ހިސާބުތަކުގައި އެ މުއާމަލާތް ހިމަނާފައިވާ ގޮތުން ޝައްކުކުރެވޭ ކަންތައްތަކެއް އެބަ ހުއްޓެވެ. އޭނާ ވިދާޅުވީ އެ ކުންފުނިން ހިންގާފައިވާ ކަމަށް ރިކޯޑްކޮށްފައިވާ މުއާމަލާތްތަކަކީ އެ ކުންފުނިން ހިންގި އަސްލު ވިޔަފާރީގެ މުއާމަލާތްތަކެއް ކަމަށް ބެލުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.
"ވަރަށް ބޮޑަށް ބެލެވޭ އެއީ އޮޅުވާލާފައިވާ ހިސާބުތަކެއް ކަމަށް. އެއީ މިވަރުގެ ފައިސާގެ މުއާމަލާތްތަކެއް ކުރަން ޖެހޭވަރުގެ މަސައްކަތެއް އެ ކުންފުނިން ކޮށްފައިވާ ކަމަށް ހިސާބުތަކުން ރިފްލެކްޓެއް ނުވޭ،" އެބޭފުޅާ ވިދާޅުވި އެވެ.
މީގެ އިތުރަށް ވެސް ހިސާބުތަކުން ފާހަގަވާ އަނެއް ކަމަކީ ނުއުފުލޭ މުދަލުގެ ގޮތުގައި ނުވަތަ ގުޑްވިލްގެ ގޮތުގައި 2009ގެ މާލީ ހިސާބުތަކުގައި ޖުމްލަ 3.6 މިލިއަން ޕައުންޑް ހިމަނާފައިވާއިރު މިއަދަދު ފައިނޭންސް ކޮށްފައި ވަނީ އެހެނިހެން ރިޒާވްސް ނުވަތަ އަދާ ރިޒާވްސްއިންނެވެ.
ތަޖުރިބާކާރު ވިދާޅުވި ގޮތުގައި އެގޮތަށް އަމަލުކޮށްފައިވުމުން އެއީ އަސްލު ހިންގާފައިވާ ވިޔަފާރި ހަރަކާތެއްގެ ގޮތުގައި ހިސާބުތަކުގައި ދައްކާފައިވީ ނަމަވެސް މިއީ ސައްހަ ނުވަތަ އަސްލު މުއާމަލާތެއްކަން ބެލުމުގެ ޖާގަ ވަރަށް ކުޑަ އެވެ.
ގާނޫނީ މައްސަލަތަކުން ބަނދެވިފައިވާ ކުންފުންޏެއް
އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު 2011ގައި ފާހަގަވެފައި ވަނީ ގުޅީފަޅު ޕްރޮޖެކްޓް ހެދި ކުންފުންޏަށް އިންވެސްޓްކޮށްފައިވާ ފައިސާ ހޯދާާފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭ ދައްކާ ގޮތަށް ނުވަތަ ޝޯޓްޓާމް ފައިނޭންސްގެ ގޮތުގައި 5.6 މިލިއަން ޕައުންޑް ކޮންމެވެސް ފަރާތަކުން ދަރަންޏަށް ނަގައިގެން ކަމެވެ.
އެކަމުން ދޭހަކޮށްދެނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ގުޅީފަޅު މަޝްރޫއު ހަވާލުކުރި އިރު ވެސް އެ ކުންފުންޏަކީ އެކަށީގެންވާ މާލީ ގާބިލްކަން ހުރި ކުންފުންޏެއް ނޫން ކަމެވެ. އޭގެ ފަހުން ވެސް ކޮންމެ ސަރުކާރަކުން އެ ކުންފުންޏަށް މަޝްރޫއުތައް ދެނީ ގާބިލްކަން ނެތިކަމެވެ. އެހެންކަމުން ނަތީޖާއަކީ އެ ކުންފުންޏަށް އެ ޕްރޮޖެކްޓް ވެސް ހިންގޭ ގޮތް ނުވުމެވެ. އަދި އެހެން ޕްރޮޖެކްޓްތައް ވެސް އެއްބަސްވާ ގޮތަށް އެކަށީގެންވާ ބާރުމިނުގައި ކުރިއަށް ނުދިޔުމެވެ. ކޮންމެވެސް މައްސަލަތަކެއް ކުރިމަތިވަނީ އެވެ.
ގުޅީފަޅު މަޝްރޫއު ވެސް ހިންގޭ ގޮތް ނުވުމުން އެ ކުންފުނީގެ އަތުން ފައިސާ ހޯދަން އެކި ފަރާތްތަކުން ކޯޓަށް މައްސަލަ ހުށަހަޅާފައި ހުރިކަން އޮޑިޓްކޮށްފައި ހުރި މާލީ ހިސާބުތަކުން އެނގެ އެވެ. އެ ކުންފުނީގެ 2021ގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ގުޅީފަޅު ޕްރޮޖެކްޓް ހުއްޓުމުން އެ ކުންފުންޏަށް 1.8 މިލިއަން ޕައުންޑުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.
ކުންފުނީގެ އޮޑިޓްކޮށްފައިވާ 2014ގެ މާލީ ހިސާބުގެ، ނޯޓް ނަމްބަރު 26 އިން އެނގޭ ގޮތުގައި މަސައްކަތް ވަގުތަށް ނުނިންމުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ގޮތުގައި 2 މިލިއަން ޕައުންޑް (3.1 މިލިއަން ޑޮލަރު) ގުޅީފަޅު ޕްރޮޖެކްޓާ ގުޅިގެން އެކި ފަރާތްތަކަށް ދައްކަން ޖެހުމުގެ ފުރުސަތު އެބަ އޮތެވެ. އަދި ހަމަ އެ ރިޕޯޓުން ފާހަގަވަނީ ގުޅީފަޅު ޕްރޮޖެކްޓާ ގުޅިގެން 2.3 މިލިއަން ޕައުންޑް (56.1 މިލިއަން ރުފިޔާ) ދައްކަން ސަޕްލަޔަރަކު އެ ކުންފުންޏަށް ނޯޓިސް ފޮނުވާފައިވާ ކަމެވެ.
ދިވެހިންގެ ފައިސާ ވަށައި އެނބުރޭ ކުންފުންޏެއް
އެ ކުންފުނީގެ ހިސާބުތަކަށް ބެލުމުން ސާފުވާ އެއް މަންޒަރަކީ ސީއެމްސީއަށް ފައިސާއެއް ވަދެފައިވާ ނަމަ ވަދެފައި ވަނީ ރާއްޖޭގައި ހިންގި މަޝްރޫއަކުން ކަމެވެ. ސީއައިއެފްއިން އެހެން ގައުމުތަކުގައި މަޝްރޫއުތަކެއް ހިންގަމުންނެއް ނުދެ އެވެ. އެފަދަ މަޝްރޫއެއްގެ ވާހަކަ އެ ކުންފުނީގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުގައި ވެސް ފެންނާކަށް ނެތެވެ.
އޮޑިޓުން ފާހަގަވެފައިވާ ގޮތުގައި ގުޅީފަޅުގައި އެޕާޓްމަންޓްތަކެއް ހަދަން 2015ގައި ކަސްޓަމަރުން އަތުން އެޑްވާންސަށް ގިނަ އަދަދަކުން ފައިސާ ނެގި އެވެ. އޮޑިޓަރުން ފާހަގަކޮށްފައިވާ ގޮތުގައި އެ ފްލެޓްތައް ހަދަން 6.6 މިލިއަން ޑޮލަރު (152 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ލަފާކުރާއިރު ކުންފުނީގައި އެވަރުގެ މާލީ ގާބިލްކަމެއް ނެތެވެ.
އެ ކުންފުންޏަށް ފައިސާއެއް ވަދެފައި ހުންނަނީ ރާއްޖޭގައި މަޝްރޫއެއް ހިންގާ ދުވަސްވަރާ ދިމާކޮށެވެ. އެގޮތުން ގުޅީފަޅު މަޝްރޫއު ހިންގަން ފެށި ދުވަސްވަރު ވަރަށް ގިނަ އަދަދަކަށް ފައިސާ ވަދެފައިވެ އެވެ. އެއަށް ފަހު މަޑުމަޑުން ގޮސް ހުލިވީ އެވެ. އެގޮތުން އެ ކުންފުންޏަށް އެންމެ ގިނައިން ވެސް އާމްދަނީ ލިބުނީ 2013ގަ އެވެ. އެގޮތުން އެ އަހަރު 103 މިލިއަން ރުފިޔާ ލިބުނެވެ.
އެކަން ޔަގީން ކުރެވެނީ ކުންފުނީގެ ރައުސްމާލު ގޮތުގައި ނުވަތަ ޝެއާ ކެޕިޓަލްއަށް ބޮޑު ކުރިއެރުމެއް ނުލިބޭތީ އެވެ. އެ ކުންފުނި 2001ގައި އުފައްދާފައި ވަނީ ދެ ޕައުންޑުންނެވެ. އެއަށް ފަހު 2008ގައި 25،000 ޕައުންޑަށް ޝެއާ ކެޕިޓަލް އިތުރުވި އެވެ. އެއަށް ފަހު ގުޅީފަޅު މަޝްރޫއާ އެކު ހިއްސާގެ އަދަދު ވަނީ 100،000 ޕައުންޑަށް އިތުރުކޮށްފަ އެވެ. ބޮޑަށް ބެލެވޭ ގޮތުގައި އެ އަދަދަށް ވެސް ޝެއާކެޕިޓަލް އެރީ އިންފްލޭޓްކުރުމުންނެވެ.
މީގެ އިތުރަށް 2009ގެ ހިސާބުތަކަށް ބަލާއިރު ގޮތް ނޭނގޭ 3.6 މިލިއަންގެ އިންޓެންޖިބުލް އެސެޓް، ކުންފުނީގެ ޖުމްލަ ނެޓްއެސެޓުން ކަނޑާލީމާ ކުންފުނީގެ ޖުމްލަ ނެޓް އެސެޓަކީ ގާތްގަނޑަކަށް 24،000 ޕައުންޑެވެ. މިއިން ވެސް އެނގެނީ މިއީ ބޮޑެތި މަޝްރޫއުތައް ހިންގޭ ވަރުގެ ކުންފުންޏެއް ނޫން ކަމެވެ.
ސީއެމްސީގެ މައި ކުންފުނި ސީއައިއެފްގެ މާލީ ހިސާބުތަކަށް ބެލުމުން ޔަގީންވާ ކަމަކީ އެ ކުންފުންޏަށް ރާއްޖޭގައި އެތައް ބިލިއަން ރުފިޔާއެއްގެ މަޝްރޫއުތައް ހިންގޭނެ ގާބިލް ކުންފުންޏެއް ނޫންކަމެވެ. ކުރީ ސަރުކާރުތަކޭ އެއްގޮތަށް މި ސަރުކާރުން ވެސް ފުށިދިއްގަރުފަޅު ހިއްކުން ފަދަ ބޮޑު މަޝްރޫއެއް ހަވާލުކުރީ ގާބިލް ވެގެންނެއް ނޫނެވެ. ތުހުމަތުކުރެވެނީ ކޮންމެ ސަރުކާރަކަށް ވެސް މި ކުންފުނި މުހިންމުވެގެން އުޅެނީ އެހެން ކަންތައްތަކެއް ހުރީމާ ކަމެވެ.
ބައެއް މީހުން ބުނާ ގޮތުން އެއީ ނެދަލެންޑްސްގެ ބޮސްކާލިސްގެ ރާއްޖޭގެ އެޖެންޓެވެ. ނަމަވެސް އެކަމަށް ބާރު ލިބޭ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ. ބޮޑަށް ބެލެވެނީ އެ ކުންފުންޏަށް މަޝްރޫއުތައް ކޮންޓްރެކްޓްކުރުމުން، ބޮސްކާލިސްއަށް އެ ކުންފުނިން ސަބްކޮންޓްރެކްޓް ކުރަނީ ކަމަށެވެ.
ހިސާބުތައް ގެންގުޅެފައި ހުރި ގޮތާއި ފައިސާގެ ކަންކަން އެ ކުންފުނީގެ ތެރެއިން ހިންގާފައި ހުރި ގޮތުން ސީއެމްސީ އާއި ސީއެފްއައި އަކީ ހަމައެކަނި ނަމަކަށް ވުން ކައިރި އެވެ. އެއީ މަޝްރޫއުތަކުން ވެރިންގެ ޖީބަށް ވަންނަ މާލީ މަންފާ ހޯދަން ބޭނުންކުރާ މެޝިނަކަށް ވެދާނެ އެވެ.
މި ހޯދުންތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ސަރުކާރުން ޖަވާބެއް ނުލިބެ އެވެ. ސީއެމްސީގެ ވެރިޔާ ރާޖޫގެ ބަހެއް ހޯދަން ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވި އެވެ.
ކޮމެންޓް (13)
ބީރުބަލް
އަހަންމަދާ
މުޖާ
އަހަންމަދާ
އައްޒުވީ
އަހަންމަދާ
ބަގަރ
ޙަހަހަހަ
އަހަންމަދާ
ޢައްޓަ
އަހަންމަދާ
ސިކުނޑި
އަހަންމަދާ