އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ވިދާޅުވީ ފުށިދިއްގަރު ހިއްކަން ހެދި އެއްބަސްވުމުން ގެއްލުމެއް ނެތް ކަމަށް - ދައުރު ފޮޓޯ/އިފާޒު

ފުށިދިއްގަރު ހިއްކަން ސީއެމްސީސީއަށް 70 ހެކްޓަރުގެ ބިން؛ ހުޅުމާލޭން 10 ހެކްޓަރު

ފަޒުލް ވިދާޅުވި ގޮތުގައި، ރަސް މާލެއަށް ބިން ހިއްކުމަކީ ސަރުކާރުން އެއްވެސް ޒިންމާއެއް ނަަގަން ޖެހޭ މަސައްކަތެއް ނޫން؛ އެ ކަމަށް ދޭން ޖެހޭ ކޯޕަރޭޓް ގެރެންޓީ ދިނީ އާބަންކޯއިން
21 ޑިސެމްބަރު 2023

ރައީސް މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު، 'ރަސް މާލެ' ތަރައްގީ ކުރުމަށް ކ. ފުށިދިއްގަރު ފަޅު ހިއްކަން ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާ ހަވާލުކޮށްފައި ވަނީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ގޮތަށް ކަމަށް ރައީސް ވިދާޅުވެފައި ވާއިރު، އެ ކުންފުންޏަށް ފައިސާގެ ބަދަލުގައި ދެނީ ޖުމްލަ 70 ހެކްޓަރުގެ ބިން ކަމަށް، އެ މަޝްރޫއު ހިންގާ އާބަންކޯއިން މިއަދު ބުނެފި އެވެ.

އެނގުން މުހިންމު - ސީއެމްސީއަށް ދީގެން ފުށިދިއްގަރު ފަޅުން ހިއްކަނީ ޖުމްލަ 1،153 ހެކްޓަރުގެ ބިމެވެ. އެ މަސައްކަތް ވަނީ މިދިޔަ ހޯމަ ދުވަހު ފަށައިފަ އެވެ. 

ވީ ކިހިނެއް؟ - ހިއްކުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް އެކަން ފެށި ނަމަވެސް، އެ އެއްބަސްވުމުގެ މައުލޫމާތު ހާމަނުކުރާތީ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އާބަންކޯގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވަނީ އެ މަޝްރޫއުގެ ތަފްސީލްތައް ހާމަކުރައްވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ: 

  • އެ މަސައްކަތަށް އަގު އަދާކުރުމުގެ ގޮތުން ސީއެމްސީއަށް ދެނީ ހުޅުމާލެއިން 10 ހެކްޓަރު އަދި ރަސް މާލެއަށް މިހާރު ހިއްކަން ފަށާފައިވާ ބިމުން 60 ހެކްޓަރު

  • އެ ވަރަށް ބިން ދެނީ ރަސް މާލެ ތަރައްގީކުރަން ހިނގާނޭ ކަމަށް ބެލެވޭ 50 އަހަރުގެ މުއްދަތަަށް

  • އެ ކުންފުންޏަށް ދޭ ބިންތައް އެ ކުންފުނިން ބޭނުން އަގެއްގައި ބޭނުން ބަޔަކަށް ވިއްކޭނެ؛ ނަމަވެސް، ވިއްކޭނީ އާބަންކޯގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް 

"ހުޅުމާލެ އާއި ރަސް މާލެ އިން [ސީއެމްސީއަސް] ދޫކުރި 70 ހެކްޓަރުގެ ބަދަލުގައި އާބަންކޯއަށް ލިބެނީ ރަސްމާލޭގެ 1،093 ހެކްޓަރު ބިން. އެއީ އާބަންކޯގެ އެސެޓަށް އިތުރުވެގެންދާ ބޮޑު ބިމެއް، އެސެޓެއް،" ފަޒުލް ވިދާޅުވި އެވެ. 

ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ 'ރަސް މާލެ' ސިޓީ މަޝްރޫއު ފެށުން. (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލް - ފަޒުލް ވިދާޅުވި ގޮތުގައި، ރަސް މާލެއަށް ބިން ހިއްކުމަކީ ސަރުކާރުން އެއްވެސް ޒިންމާއެއް ނަަގަން ޖެހޭ މަސައްކަތެއް ނޫނެވެ. އެ މަސައްކަތަށް ސީއެމްސީސީއަށް ދޭން ޖެހޭ ގެރެންޓީ އާއި ހުރިހާ ޔަގީން ކަމެއް ވެސް ދިނީ ސީދާ އާބަންކޯއިން ކަމަށް ފަޒުލް ވިދާޅުވި އެވެ. އެ އެގްރިމަންޓުގެ ސަބަބުން އާބަންކޯގެ އާމްދަނީއަށް ވެސް ތިޔާގިކަން އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އިތުރުވާ ބިމާ އެކު އަޅުގަނޑުމެންނަށް ބޭރުން ލޯނު ވެސް ނެގޭނެ،" ފަޒުލް ވިދާޅުވި އެވެ.

ބިން ދެނީ ގިނަވެގެން 99 އަހަރަށް؛ ވިއްކޭނީ މާސްޓަ ޕްލޭންއާ އެއްގޮތަށް

ރަސް މާލެ ހިއްކުމުގެ ބަދަލުގައި ހުޅުމާލެ އާއި ރަސް މާލެއިން ޖުމްލަ 70 ހެކްޓަރުގެ ބިން ކޮންޓްރެކްޓަރަށް ދިނުމަށް ނިންމާފައި ވާއިރު، އެ ބިން ދޭނީ، ފަޒުލް ވިދާޅުވި ގޮތުގައި، މަޝްރޫއުގެ މުއްދަތަށެވެ.

"ޑިވެލޮޕްމަންޓް ޕީރިއަޑަށް ދޭނީ، އެ ކުންފުނީގެ އަތް މަތީގައި އޮންނަ ކަމެއް އޭތި ޑިސައިޑް ކުރުމަކީ، 49 އަހަރު[ތޯ ނުވަތަ އޭގެ ފަހުން ވެސް އިތުރު] 50 އަހަރު[އަށްތޯ]،" ފަޒުލް ވިދާޅުވި އެވެ.

ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު އިފްތިތާހު ކުރުމުގެ ޖަލްސާގައި ފަޒުލް ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒު)

އޭގެ އިތުރުން، ފަޒުލް ވިދާޅުވީ ކޮންޓްރެކްޓަރަށް ދޫކުރާ ބިން ވިއްކޭނީ ނުވަތަ ތަރައްގީ ކުރެވޭނީ އެ ބިމެއް އޮތް ތަނަކަށް ހާއްސަ މާސްޓަ ޕްލޭންއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

"[ރަސް މާލެއިން] 60 ހެކްޓަރު ދޭއިރު ވެސް އެ ކުންފުންޏަށް އެ 60 ހެކްޓަރު ވިއްކޭނީ އެ ތަނުގައި ހަދާ މާސްޓަ ޕްލޭނެއްގެ އަލީގައި، ކަނޑައަޅާފައި ހުންނަ ކަމަކަށް. އެ ވެދާނެ ޓޫރިޒަމް ޒޯނަކަށް، ކޮމާޝަލް ޒޯނަކަށް، އިންޑަސްޓްރިއަލް ޒޯނަކަށް، ފްލެޓުތަކަކަށް [އާންމުންނަށް ދޭ]،" ފަޒުލް ވިދާޅުވި އެވެ.

"މި ތަނުން [ހުޅުމާލެއިން] މި ދޭ 10 ހެކްޓަރު، [މިހާރުު] ހަދާފައި އޮތް މާސްޓަ ޕްލޭންގައި ކަނޑައަޅާފައި ހުރި ކަމަކަށް އެ ކުންފުންޏަށް ވިއްކޭނީ."

ހުޅުމާލެއަށް މާސްޓަ ޕްލޭނެއް އޮތް ނަމަވެސް، ފަޒުލް ވިދާޅުވީ ރަސް މާލެއަށް މާސްޓަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އަދި ފެށީ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް