18 ޑިސެމްބަރު 2023: ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ 'ރަސް މާލެ' ސިޓީ މަޝްރޫއު ފެށުން. (ފޮޓޯ/ރައީސް އޮފީސް)

އެޗްޑީސީ

ސީއެމްސީން ހިއްކި 29 ހެކްޓަރަށް 21 މިލިއަން ޑޮލަރު ދޭން ނިންމައިފި

މިކަމާ ގުޅިގެން ސަރުކާރާއި އެޗްޑީސީން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވޭ

'ރަސްމާލެ' ތަރައްގީ ކުރުމަށްޓަކައި ކ. ފުށިދިއްގަރުފަޅު ހިއްކަން ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާ އެކު ހެއްދި އެއްބަސްވުން ބާތިލު ކުރި އިރު އެ ކުންފުނިން ހިއްކާފައިވާ 29 ހެކްޓަރުގެ ބިމަށް 21 މިލިއަން ޑޮލަރު (323.8 މިލިއަން ރުފިޔާ) ދިނުމަށް އެޗްޑީސީން ނިންމާފައިވާކަން 'ދައުރު'އަށް އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - މީގެ އަހަރެއްހާ ދުވަސް ކުރިން ޑިސެމްބަރު 2023ގައި ފުށިދިއްގަރުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް އެޗްޑީސީން ސީއެމްސީސީއާ ހަވާލުކޮށްފައި ވަނީ، މަޝްރޫއޫގެ އަގުގެ ގޮތުގައި ހުޅުމާލެ އާއި ފުށިދިއްގަރުފަޅުން ޖުމްލަ 70 ހެކްޓަރުގެ ބިން ދޭ ގޮތަށެވެ.  އެގޮތުން:

  • ސީއެމްސީއާ މި މަޝްރޫއޫ ހަވާލުކޮށްފައި ވަނީ، އަށް މަސް ތެރޭ ނިންމާ ގޮތަށް؛ ނަމަވެސް އެ ސްޕީޑްގައި މަޝްރޫއު ކުރިއަށް ގޮސްފައެއް ނުވޭ

  • ސީއެމްސީއަށް ދޭން އެއްބަސްވެފައި އޮތީ، 50 އަހަރުދުވަހުގެ މުއްދަތަށް ހުޅުމާލެއިން 10 ހެކްޓަރު އަދި ފުށިދިއްގަރުފަޅުން 60 ހެކްޓަރު ބިން ކަމަށް އޭރު އެޗްޑީސީން ބުނެފައިވޭ

  • މިދިޔަ މެއި މަހު ސަރުކާރުން ވަނީ ސީއެމްސީއާ އެކު ހެދި އެއްބަސްވުން ނިމުމަކަށް ގެނައިކަން ހާމަކޮށްފައި؛ ނަމަވެސް އޭރު އެކަމުގެ މާ ބޮޑު ތަފްސީލު ހާމަކޮށްފައެއް ނުވޭ

  • ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދިއުމުން އެއްބަސްވުން ނިމުމަކަށް ގެނައި އިރު، ސީއެމްސީން ފުށިދިއްގަރުފަޅުން ހިއްކާފައި ވަނީ 29 ހެކްޓަރުގެ ބިން

ތަފްސީލު - އެއްބަސްވުން ބާތިލު ކުރުމާ ގުޅިގެން ބަދަލެއްގެ ގޮތުގައި 21 މިލިއަން ޑޮލަރު ދޭން ސެޓްލްމަންޓް އެއްބަަސްވުމެއް ސީއެމްސީއާ އެކު އެޗްޑީސީން ހަދާފައިވާ ކަމަށް މީގެ ދެތިން ދުވަހެއް ކުރިން ބައެއް މީޑިއާތަކުން ރިޕޯޓުކޮށް އަދި ސޯޝަލް މީޑީއާގައި ބައެއް މީހުން ވާހަކަ ދެއްކި އެވެ. އޭގެ ފަހުން، މިއަދާ ހަމައަށް ވެސް މިކަމާ ގުޅޭ ގޮތުން ސަރުކާރުންނާއި އެޗްޑީސީން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ ބައެއް މަސްދަރުތަކުން ނަން ނުޖަހާ ގޮތަށް 'ދައުރު'އަށް ވިދާޅުވެފައިވާ ގޮތުގައި، އެޗްޑީސީން އެއްބަސްވެފައި ވަނީ ސީއެމްސީން ހިއްކާފައިވާ 29 ހެކްޓަރަށްވާ ފައިސާ ދިނުމަށެވެ. އެއީ 21 މިލިއަން ޑޮލަރެވެ.

"ކުރިން އެއްބަސްވެފައި އޮތީ 70 ހެކްޓަރުގެ ބިން ދޭން. އެކަމަކު އެއްބަސްވެފައިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުދިއުމުން ދެން އެ ބިންތައް ދޭން ނުޖެހޭނެތާ. އެހެންވެ މިހާރު ނިންމާފައި ވަނީ އެ 70 ހެކްޓަރުގެ ބިން ނުދީ، އެ މީހުން ކުރި މަސައްކަތަކަށް އޭގެ އުޖޫރައެއް ދޭން. އެއީ [ހިއްކާފައިވާ] 29 ހެކްޓަރުގެ ބިމަށް 21 މިލިއަން ޑޮލަރު ދިނުމަށް،" މިކަމުގެ މައުލޫމާތު އެނގޭ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

"ނަމަވެސް، މިއީ ދިން ބަދަލެއް ނޫން. އަދި ހެދި ސެޓްލްމަންޓެއް ނޫން. އެ މީހުން ހިއްކި ބިމަށް އެ މީހުންނަށް ފައިސާ ދޭން ނިންމީ."

މިކަމުގެ މައުލޫމާތު އެނގޭ އެހެން އޮފިޝަލަކު ވިދާޅުވި ގޮތުގައި، 29 ހެކްޓަރުގެ ބިމަށް 21 މިލިއަން ޑޮލަރު ދިނުމަށް މިހާރު ސީއެމްސީއާ އެކު އެޗްޑީސީން އެއްބަސްވުމަކަށް ވަނީ އާދެވިފަ އެވެ. އެގިފައިވާ ގޮތުގައި، ދެ ފަރާތުން އެއްބަސްވުމަކަށް އައިސްފައިވަނީ 21 މިލިއަން ޑޮލަރު، 12 މަސްދުވަހަށް ބަހާލައިގެން ސީއެމްސީއަށް ދައްކާ ގޮތަށެވެ.

މިކަމާ ގުޅިގެން އިއްޔެއިން ފެށިގެން އެޗްޑީސީގެ ރަސްމީ ބަހެއް ހޯދާލުމަށް މަސައްކަތް ކުރި ނަމަވެސް އެ ކުންފުނީގެ ބަހެއް އަދި ނުލިބެ އެވެ. އަދި ސީއެމްސީގެ ބަހެއް ވެސް ނުލިބެ އެވެ.

ނަމަވެސް ސީއެމްސީއާ ހަވާލާދީ އިއްޔެ ބައެއް ނޫސްތަކުން ވަނީ ބަދަލު ދިނުމަށް ނިންމި ކަމަށް ބުނެ ރިޕޯޓު ކުރި ހަބަރު ދޮގުކޮށްފަ އެވެ. އެގޮތުން، ސީއެމްސީން ނެރުނު ބަޔާނަކާ ހަވާލާދީ އެ ނޫސްތަކުން ބުނެފައިވަނީ:

  • މަޝްރޫއު ފުރަތަމަ އެއްބަސްވި ގޮތަށް ނުދިއުމުން އެކަމާ ގުޅޭ ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި ދެ ފަރާތުން އެއްބަސްވި ގޮތަށް މަސައްކަތް ވަނީ ނިންމާފައި؛ އެއީ 'ސައިޓް ޖޭ'ގެ ބިން ހިއްކުމާއި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް

  • މަސައްކަތުގެ ބަދަލަށް ދޭން އެއްބަސްވި ބިންތައް ނުދޭ ގޮތަށް އެޗްޑީސީން ނިންމާފައިވާތީ، ރަސްމާލެ 'ސައިޓް ޖޭ'ގެ މަސައްކަތް ކޮށްފައިވަނީ ކޮންޓްރެެކްޓާ ފައިނޭންސިންގެ މޮޑެލްގެ ދަށުން

  • އެޗްޑީސީން ފައިސާ ދޭން ޖެހޭނީ ފަހުން އެއްބަސްވި ގޮތަށް ކުރާ މަސައްކަތްތަކަށް އެކަނި

  • ނަމަވެސް އެޗްޑީސީން އެ މަސައްކަތަށް ދެނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ހާމަކޮށްފައެއް ނުވޭ

ފާހަގަކޮށްލެވޭ ކަމެއް - މި މަޝްރޫއު އެންމެ ފުރަތަމަ ސޮއިކުރިއިރު ވެސް އެކަމާ ގުޅޭ މާ ބޮޑު މައުލޫމާތެއް އެޗްޑީސީ އާއި ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. ސަރުކާރުން ފުރަތަމަ ބުނެފައިވަނީ، މަޝްރޫއު ކުރިއަށް ދަނީ ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ނުދީ އެވެ. އޭރު އެއްބަސްވުމާ ގުޅޭ މައުލޫމާތު ހަމަކޮށްފައިނުވުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ވެސް ފާޅު ކުރި އެވެ.

ކޮމެންޓް (3)

ތެފައާސާ.

29 ޖެނުއަރީ 2025
"ކޮންމެއަކަސް، ރަސްމާލެ މަޝްރޫއު ފެށިގެން މިހާރު އެދަނީ ކުރިއަށް. އެ މަޝްރޫއު ކުރިއަށް އެ ދަނީ ދިވެހި ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ގޮތަށް. އިރާދަކުރެއްވިއްޔާ އެ މަޝްރޫއު އެގޮތުގައި ކުރިއަށް ގެންގޮސް ނިންމައިލާނަން،" ރައީސް މުއިއްޒު، 20 ޑިސެމްބަރ 2023
0 0

ސިކުނޑި

28 ޖެނުއަރީ 2025
ކޮބައިތޯ މިގައުމުގެ ވަލިއްޔުލްއަމްރު؟ ލަދުން ބޯހަލާކު! މިނޫނީ ހެދޭނެހެދޭއެއް ކިޔޭނުކިޔޭއެއް ނޭނގޭ ސަރުކާރެއް ނާދޭ މިގައުމަކަށް!!
0 0

ރާޖޫ

28 ޖެނުއަރީ 2025
29 ހެކްޓަރަކީ 290،000 އަކަ މީޓަރު، އެއީ އެވްރެޖް ބިން ހިއްކާ މިންގަޑުން 1 މިލިއަން ކިއުބިކް މީޓަރު، ބިން ހިއްކުމުގެ މާކެޓް ރޭޓަކީ ކިއުބިކް މީޓަރަކަށް 9 ޑޮލަރު، އެހެންވީމަ 29 ހެކްޓަރު ހިއްކުމަށް ޚަރަދުވާނީ 10 މިލިއަން ޑޮލަރު.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް