'ރަސް މާލެ' ސިޓީ ތަރައްގީކުރުމަށް ފުށިދިއްގަރު ހިއްކުމުގެ މަޝްރޫ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: ގަވައިދު ބަދަލު ކުރީ އެ މަަޝްރޫއޫ ހަރަދުކުޑަކޮށް ހިންގުމަށް ކޮންޓްރެކްޓަރަށް ލުއިކޮށްދޭން ކަމަށް އެމްޑީޕީން ތުހުމަތު ކުރޭ. (ފޮޓޯ/ރައީސް އޮފީސް)

އެމްޑީޕީ

ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ވެލި ނެގޭ ގޮތަށް ހެދީ 'ރާޖޫ'އަށްޓަކައި: އެމްޑީޕީ

މިއީ ރާއްޖޭގެ ފަތުވެރިކަމާއި މަސްވެރިކަމަށް ފޫނުބެދޭ ވަރުގެ ގެއްލުން ލިބޭނެ ކަމެއް ކަމަށް އެމްޑީޕީން ދެކޭ

ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ވެލި ނެގޭ ގޮތަށް މި ސަރުކާރުން ހެދީ ރަސްމާލެ މަޝްރޫއު ހަރަދު ކުޑަކޮށް ހިއްކުމުގެ ބޭނުމުގައި "ރާޖޫ"އަށްޓަކައި ކަމަށް ތުހުމަތުކޮށް، އެ ނިންމުން ބަދަލުކުރަން އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ރޭ ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހޮނިހިރު ދުވަހު އެންވަޔަރަމަންޓް މިނިސްޓްރީން 'ރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވައިދު'އަށް ގެނައި އިސްލާހާ އެކު ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ވެލި ނެގުން ވަނީ ހުއްދަ ކޮށްފަ އެވެ. އެގޮތުން:

  • މީގެ ކުރިން އެ ގަވައިދު އޮންނަ ވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ނުވަތަ އެންވަޔަރަމެންޓަލީ ސެންސެޓިވް އޭރިއާސްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުން ވެލި ނެގުމަކީ މަނާ ކަމެއް

  • ގަވައިދުގެ އެ މާއްދާ އެގޮތަށް އިސްލާހުކުރުމުން، އެކަމުގެ ކަންބޮޑުވުން އެމްޑީޕީން ފާޅުކޮށްފައި ވަނީ، ރޭ އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލިސް ކެމްޕެއިން ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ 

ބުނީ ކީކޭ؟ - "އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް މި ސަރުކާރުން ކުރައްވައިފި. ހިމާޔަތްކޮށްފައި އޮންނަ ސަރަހައްދުތަކުން ވެލި ނެގުމުގެ ކަންކަން ހުއްޓުވުމަށް ހަދާފައި އޮންނަ ގަވައިދު، ތިޔަ ވިދާޅުވާ ރާޖޫއަށްޓަކައި ބަދަލުކުރައްވައި[ފި]،" މިއީ، ތިމާވެށީގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތައް ވެސް ކަންބޮޑުވާ ކަމެއް ފާހަގަކުރައްވައި، އީސަ ވިދާޅުވި އެވެ.

ތަފްސީލު - އީސަ އެ އިޝާރާތް ކުރެއްވީ ރަސްމާލެ ސިޓީ ތަރައްގީ ކުރުމަށްޓަކައި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ހަވާލުކުރި ކެޕިޓަލް މެރިން އެންޑް އިންވެސްޓްމަންޓް (ސީއެމްސީ)ގެ ވެރިންގެ ތެރޭ ހިމެނޭ ސިވަރާޖަ މަނިވަންނަން (ރާޖޫ) އަށެވެ.

އީސަ ވިދާޅުވި ގޮތުގައި އެ ގަވައިދު އިސްލާހުކޮށްފައި ވަނީ ސީއެމްސީ ކުންފުނިން "ހަރަދު ކުޑަކޮށް އެ ސަރަހައްދާ ކައިރިން ވެލި ނަގައިގެން ރަސްމާލެ ޕްރެޖެކްޓް ހިއްކުމަށް މަގުފަހި ކުރުމުގެ ގޮތުން" ނެވެ.

"އެއީ ޓޫރިޒަމް އާއި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރައްވާ [އަދި] އިންވެސްޓްކުރައްވާފައި ތިބި ބޭފުޅުން ވަރަށް ކަންބޮޑުވާ ކަމެއް،" އީސަ ވިދާޅުވި އެވެ.

 އެމްޑީޕީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސަ ވާހަކަ ދައްކަވަނީ (ދައުރު ފައިލް ފޮޓޯ)

ރަށެއް ވިޔަސް، ފަޅެއް ވިޔަސް އަދި ފަރެއް ވިޔަސް ހިމާޔަތްކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަނީ ވަރަށް ބޮޑަށް ދިރާސާކޮށް، ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް ގަބޫލު ކުރެވިގެން ކަމަށް އީސަ ވިދާޅުވި އެވެ. ގަވައިދުގައި ވެސް އެކަންކަން އެގޮތަށް ބަޔާން ކުރަނީ އެއީ އެކަން އޮންނަން ޖެހޭ އުސޫލު ކަމަށް ގަބޫލުކުރެވޭތީ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އެހެން ނަމަވެސް މިއަދު މި ފެންނަނީ، އެ ގަވައިދު ބަދަލުކޮށް، ވަކި މަޝްރޫއުއަކަށް މަގުފަހިކުރުމަށްޓަކައި އެކަން ކުރެއްވި ތަން،" އީސަ ވިދާޅުވި އެވެ.

"މިކަމުގެ ސަބަބުން މާލެ އަތޮޅުގެ ރިސޯޓުތަކަށް އެކަމުގެ ގެއްލުން ދިގު މުސްތަގުބަލެއްގައި ލިބޭނީ ކިހާ މިންވަރަކަށްކަން އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް."

މަސްވެރިކަމާއި އެންވެރިކަމަށް ވެސް އެކަމުގެ ގެއްލުން ލިބޭނެކަން ފާހަގަކޮށް އޭނާ ވިދާޅުވީ، އެއީ "ފޫނުބެދޭނެ ވަރުގެ ގެއްލުމަކަށް ވުމަކީ އެކަށީގެންވާ" ކަމެއް ކަމަށެވެ.

"އަޅުގަނޑު ސަރުކާރަށް ގޮވާލަން، ރާޖޫއަށްޓަކައި އެ ގަވައިދަށް ގެނައު ބަދަލު މިހާރުން މިހާރަށް ކުރީގައި ގަވައިދު އޮތް ގޮތަށް ރުޖޫއަށްކޮށްދެއްވުމަށް،" ސަރުކާރުން އެފަދަ "ވިޔާނުދާ ކަންކަން" ކުރުން ހުއްޓާލުމަށް އެދިވަޑައިގެން އީސަ ވިދާޅުވި އެވެ.

ކޮމެންޓް (3)

profile-image-placeholder

ޢީސަ

10 އޭޕްރީލު 2024
ތިމީހުން ކުރީމަ އޯކޭ، ނިކަން ބަލާ އައްޑޫ އަށް ދީފައި އޮތް ގެއްލުން

ރޯޒަސް

9 އޭޕްރީލު 2024
ގުދޯ ގުދޯ ނުގޮވާ. މިގައުމަށް ރާޖޫ ގެނައީ އެމްޑީޕީ. ހުޅުމާލޭން ބިންދޭގޮތަށް ހުޅުމާލެ ހިއްކަން ރާޖޫއަށް ދިނީ އެމްޑީޕީ. ތިލަފުށިން ބިންދޭގޮތަށް ތިލަފުށި ހިއްކަން އެއްބަސްވީ އެމްޑީޕީ. ގުޅިފަޅުގެ ޕްރޮޓެކްޓަޑް އޭރިއާ ތެރޭގައި ބިންހިއްކަން ގަވާއިދު ބަދަލުކޮށް ރާޖޫއަށް ފުރުސަތު ދިނީ އެމްޑިޕީން. މިހުރިހާ ހާލެއް ޖެހިގެން މިއުޅެނީ އަތުގަ ފައިސާނެތިގެން. ރާޖޫ ކަހަލަ މީހަކު ތިވަރު ބޮޑުޚަރަދެއް ޖީބުން ކޮށްފަ ބަދަލުގައި ބިން ހޯދުމަކީ އޭނަގެ މޮޔަކަން.

ސައިމާ

9 އޭޕްރީލު 2024
ރާޖޫ އެއީ އިބޫމެން ގެނައި މީހެއްނޫންތަ؟ ރައީސް އިބޫގެ ހޭވިހަޑި އަދިވެސް ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް