ކ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ 'ރަސް މާލެ' ސިޓީ މަޝްރޫއު ފެށުން. (ފޮޓޯ/ރައީސް އޮފީސް)

ރަސްމާލެ ނުހުއްޓޭ؛ ގުޅިފަޅު ނިމުމުން މަސައްކަތް އަވަސްވާނެ: ސަރުކާރު

ކުރިން އޮތީ މަސައްކަތް ފަށައި އިތުރު ވެލި ހޯދަން ކަމަށް ވިޔަސް، މަސައްކަތް ކުރިއަށް ގެންދާ ވަރަށް ފުރަތަމަ ވެލި ނެގި ސަރަހައްދުގައި ވެލި ނެތުމުން، ވެލި ހޯދުން ފުޅާ ކުރަން ބޭނުންވާކަން އަންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި

ރަސްމާލެ ހިއްކުމުގެ މަސައްކަތް ނުހުއްޓޭ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ގުޅުން ހުރި ކަމެއް - އެ މަޝްރޫއު ބަލަހައްޓާ ހައުސިން ޑިވެލޮޕްމެެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެސް މީގެ ކުރިން ވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގުކޮށްފަ އެވެ. އޭރު އެ ކުންފުނިން ބުނީ، ބަންޑު ވޯލް ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

'ރަސްމާލެ'ގެ ނަމުގައި ފުށިދިއްގަރުފަޅު ތަރައްގީކުރަން ނިންމައި ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ގުޅިގެން އެ ތަން ހިއްކަން ފެށީ މިދިޔަ 18 ޑިސެމްބަރުގަ އެވެ.  

މާލެއިން ފުރައިގެން 17 ވަރަކަށް މިނެޓުން ދެވޭ ކ. ގުޅީ ކައިރީގައި އޮންނަ ފުށިދިއްގަރު ފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި މަސައްކަތް ތާވަލާ އެއްގޮތަށް ދާ ނަމަ، 8 މަސް ތެރޭ ބިން ހިއްކައި ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ވީ ކިހިނެއް؟ - މިއަދު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތޮލިބު ވިދާޅުވީ، މިވަގުތު އެ ސަރަހައްދުގެ ބިން ހިއްކުން ކުރިއަށް ނުދާ ކަމަށާއި ނަމަވެސް މަޝްރޫއު ހުއްޓިފައި ކަމަށް ބުނާ ވާހަކަ އަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

"ބަންޑު ވޯލް އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މުއްތޮލިބު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުުގައި ވާހަކަދައްކަވަނީ. (ފޮޓޯ/މިނިސްޓްރީ)

ބުނީ ކީކޭ؟ - އެ މަސައްކަތުގައި މައިގަނޑު ދެ ކަމެއް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން، މުއްތޮލިބު ވިދާޅުވީ:

  • ސީއެމްސީ އާއި ނެދަލެންޑްސްގެ ބޮސްކާލިސްއާ އެކު އެއްބަސްވުންތަކެއް ހުރި؛ ބޮސްކާލިސް އިން ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރާއިރު، އެ މަސައްކަތުގައި ބޭނުން ކުރަނީ އެންމެ ޑްރެޖަރެއް ކަމަށާއި އެ ކުންފުނީގެ ވިސްނުމަކީ ގުޅިފަޅު ހިއްކާ ނިމުމުން ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި އެ ޑްރެޖަރު ބޭނުން ކުރުން 

  • މަސައްކަތް ފެށިއިރު، އެ ސަރަހައްދުން ވެލި ނެގުމަށް މާ ބޮޑު ސަރަހައްދެއް ސްޓަޑީކޮށްފައި ނެތް. ކުރިން އޮތީ މަސައްކަތް ފަށާފައި ވެލި ހޯދުން ކުރިއަށް ގެންދަން ކަމަށާއި ނަމަވެސް މަސައްކަތް ކުރިއަށް ގެންދާ ވަރަށް ފުރަތަމަ ވެލި ނެގި ސަރަހައްދުގައި މަސައްކަތް ކުރިއަށް ގެންދާ މިންވަރަށް ވެލި ނެތުމުން، ވެލި ހޯދުން ފުޅާ ކުރަން ބޭނުންވާކަން އަންގާފައިވޭ

"އޭރުގައި އަޅުގަނޑުމެން ވީހާ ވެސް އަވަހަކަށް މަޝްރޫއު ފެށުމަށް ކުރި މަސައްކަތުގެ ތެރެއިން، އަޅުގަނޑުމެންނަށް މަސައްކަތް ފެށޭނެ ގޮތަކަށް ސޮއިިކޮށްފައި މަސައްކަތް ކުރިއަށް ގެންދިޔައީ. އެ ކޮންޓްރެކްޓަރު ވެސް ވީހާ ވެސް ހަރަދު ކުޑަކޮށް މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާތީ ކަމަށް ބޮޑަށް ގަބޫލު ކުރެވެނީ މިކޮޅުގައި އޮތް ޑްރެޖަރު ބޭނުން ކުރަން ވިސްނާފައި އޮތީ،" މުއްތޮލިބު ވިދާޅުވި އެވެ.

އެނގުން މުހިއްމު - ރަސްމާލެ މަޝްރޫއުގެ ދަށުން ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ގޮތަށެވެ. އެ މަސައްކަތް ކުރާ ސީއެމްސީއަށް ފައިސާގެ ބަދަލުގައި އެ ސަރަހައްދުން 70 ހެކްޓަރުގެ ބިން ދޭނެ އެވެ.

ސީއެމްސީއަށް ދީގެން ފުށިދިއްގަރު ފަޅުން ހިއްކަނީ ޖުމްލަ 1،153 ހެކްޓަރުގެ ބިމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް