ކ. ފުށިދިއްގަރު ފަޅު ހިއްކަން ފެށުން. (ދައުރު ފޮޓޯ/އަހްމަދު މިޒްޔާލް)

ރަސްމާލެ ހިއްކުން ހުއްޓިފައިވާ ވާހަކަ އެޗްޑީސީން ދޮގުކޮށްފި

ފުށިދިއްގަރުފަޅު ހިއްކަން ފެށީ މިދިޔަ ޑިސެމްބަރު 18 ގައި، މަސައްކަތް ތާވަލާ އެއްގޮތަށް ދާނަމަ 8 މަސް ތެރޭ ބިން ހިއްކާ ނިމޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައި

ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓިފައި ނުވާ ކަމަށް އެ މަސައްކަތް ކުރާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - 'ރަސްމާލެ' ގެ ނަމުގައި ފުށިދިއްގަރުފަޅު ތަރައްގީކުރަން ނިންމައި، ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ގުޅިގެން އެ ތަން ހިއްކަން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

ތަފްސީލް - މާލެއިން ފުރައިގެން 17 ވަރަކަށް މިނެޓުން ދެވޭ ކ. ގުޅީ ކައިރީގައި އޮންނަ ފުށިދިއްގަރު ފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި މަސައްކަތް ތާވަލާ އެއްގޮތަށް ދާނަމަ 8 މަސް ތެރޭ ބިން ހިއްކާ ނިމޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެ މަޝްރޫއު ހުއްޓިފައިވާ ކަމަށާއި މަސައްކަތް ކުރިއަށް ނުދާކަމަށް ބުނާ ވާހަކަ މަޝްރޫއުގެ މަސައްކަތް ބަލަހައްޓާ އެޗްޑީސީ އިން މިއަދު ވަނީ ދޮގުކޮށްފަ އެވެ.

ފުށިދިއްގަރު ފަޅު ސަރަހައްދުގައި ޑްރެޖަރެއް ވެސް މިހާރަކު ނެތެވެ. އަދި އެ ސަރަހައްދުން އަދި ހިއްކާފައިވަނީ ކުޑަ ތަންކޮޅެކެވެ.

އެކަމާ ގުޅިގެން 'ދައުރު' އިން ސުވާލު ކުރުމުން އެޗްޑީސީގެ އިންފޮމޭޝަން އޮފިސަރު މުހައްމަދު ސިރާޖު މިއަދު ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ނުހުއްޓި ކުރިއަށް އެބަދާ ކަމަށެވެ.

"އެ ސަރަހައްދުގައި ޑްރެޖަރު ނެތުމަކީ އަދި މަސައްކަތް ހުއްޓިފައި އޮތުމެއް ނޫނެއްނޫންތޯ؟ މަސައްކަތް ނުހުއްޓި ކުރިއަށް އެބަދޭ. މައިގަނޑު ގޮތެއްގައި މިހާރު ކުރިއަށް ދަނީ ބަންޑްވޯލް ޖެހުމުގެ މަސައްކަތް،" ސިރާޖު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިއްކަން ޖެހޭ ސަރަހައްދަށް ވެލިއެޅުމުގެ ކުރިން ކުރަންޖެހޭ އިތުރު މަސައްކަތްތައް ވެސް ހުންނާނެ ކަމަށާއި އެ މަސައްކަތްތައް ވެސް ކުރިއަށް އެބަދާ ކަމަށެވެ.

މަސައްކަތް ތާވަލާއެއްގޮތަށް ކުރިއަށްދާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ގުޅުން ހުރި - ދުނިޔެއަށް ނަމޫނާ 'މޯލްޑިވްސް އިކޯ ސިޓީ'ގެ ގޮތުގައި ތަރައްގީ ކުރާ ރަސްމާލެ ތަރައްގީ ކުރަނީ މޫސުމީ ބަދަލުތަކުން ރައްކާތެރިކަން ލިބޭ ގޮތަށް އަރިމައްޗަށް ދެ މީޓަރު އަދި މެދަށް 3 މީޓަރު އުސްކޮށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް