އެމްޑީޕީއިން ބޭއްވި 'މުޅި ހުޅުމާލެ ތަރާވީސް ޖަލްސާ'ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/އެމްޑީޕީ ކެމްޕޭން ޓީމް)

ރޯހިތު ހޯދަން އުޅުނު މީހުން ރާޖޫއަށް ބޮޑެތި ބިންތައް ދީފި: ސޯލިހު

ސޯލިހު ވިދާޅުވީ ބޭރު ބައެއްގެ އަތް ދަށުގައި ރާއްޖެ އޮތް ކަމަށާއި އެކަމުން ރާއްޖެ ސަލާމަތް ކުރާނެ ކަމަށް ބުނަމުން ވެރިކަމަށް އައިސް މި ސަރުކާރުން ބޭރު ކުންފުންޏަކަށް ބޮޑެތި ބިންތަކެއް ދީފައިވާ ކަމަށް

ރާއްޖެ އޮތީ ބޭރު ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ ދޮގު ވާހަކަތަކެއް ދެއްކުމަށް ފަހު ވެރިކަމަށް އައިސް މި ސަރުކާރުން މާލެ ސަރަހައްދުން ބޮޑެތި ބިންތަކެއް ބޭރު ބަޔަކަށް ދީފައިވާ ކަމަށާއި އެއީ އެއްވެސް ޕްލޭނެއް ނެތި ކުރި ކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭގައި އެމްޑީޕީއިން ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ސޯލިހު ވަނީ މި ސަރުކާރުން ވެރިކަމަށް އައުމަށް ދެއްކި ބައެއް ވާހަކަތަކަކީ ދޮގުތަކެއް ކަމަށް ވިދާޅުވެ، އޭގެ ތަފްސީލު ދެއްވައިފަ އެވެ.

އެއް ކަމެއްގެ ގޮތުގައި ސޯލިހު ފާހަގަކުރެއްވީ މުޅި ރާއްޖޭގައި އިންޑިއާ ސިފައިން ހާހުން ތިބި ކަމަށް އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް-ޕީއެންސީ އިން ދެއްކި ވާހަކަތަކެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި އަޑުއިވުނު އަޅުގަނޑުމެންނާ އިދިކޮޅު ބައެއް ކެންޑިޑޭޓުން ވިދާޅުވި، ހިނގައިނުގަނެވިގެންނޭ މި އުޅެނީ ރަށްރަށުގައި، އިންޑިއާ ސިފައިންނާ ހެދި. އަޅައިގަނެފައި ވެއްޓެނީއޭ. އޭހާ ބައިވަރު އިންޑިއާ ސިފައިން ތިބި ވާހަކަ ދެއްކީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް، ސޯލިހު ވިދާޅުވީ، އެއީ ދޮގު ވާހަކަތަކެއް ކަން މިއަދު ރައްޔިތުންނަށް ހާމަވެފައިވާ ކަމަށެވެ.

އެމްޑީޕީއިން ބޭއްވި 'މުޅި ހުޅުމާލެ ތަރާވީސް ޖަލްސާ'ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/އެމްޑީޕީ ކެމްޕޭން ޓީމް)

ބުނީ ކީކޭ؟ - "އުތުރު ތިލަފަޅުގައި ހަތިޔާރު އެޅި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ، އެ 'ރޯހިތު' ހޯދަން، ލޯންޗުގައި ވީޑިއޯ ކެމެރާ އާއި ސްޓިލް ކެމެރާ ހިފައިގެން ދިޔައީ. އެކަމަކު ދިޔައިރު ރޯހިތު ފިލައިފި ކަމަށްވަނީ. ރޯހިތެއް ނެތް އެތާނގައި. އެތާ ހުރީ ސިފައިންގެ ބޭކަލެއް،" ސޯލިހު ވިދާޅުވި އެވެ.

"އެހެން އުޅެނިކޮށް މި ދިމާވީ ރާޖޫ ކިޔާ މީހަކާ. ދިމާވެގެން ރައީސް މުއިއްޒު މި ވިދާޅުވީ ތިމަންނާ ވީ ވައުދެއް އެބައޮތޭ، ކޮންމެހެން ކޮށްދޭން އެބަޖެހެއޭ. މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމުގެ ވައުދެއް ތިމަންނާ ވެފައި އޮންނާނޭ. އެހެންވީމަ ކޮންމެވެސް ގޮތަކުން ފުށިދިއްގަރަށް ފަސްކޮޅެއް އަޅާލަދޭށޭ. މިކަމަށްޓަކައި މި ރާޖޫއަށް ހުޅުމާލެއިންނާއި ފުށިދިއްގަރުފަޅުން 80 ހެކްޓަރަށް ވުރެ ބޮޑު ބިން ދީފި."

ސޯލިހު ވިދާޅުވީ އެއީ މިސާލަކަށް މާލޭގެ މާފަންނު އެއްކޮށް ދިނުން ފަދަ ކަމެއް ކަމަށެވެ.

އެމްޑީޕީއިން ބޭއްވި 'މުޅި ހުޅުމާލެ ތަރާވީސް ޖަލްސާ'ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/އެމްޑީޕީ ކެމްޕޭން ޓީމް)

ރޯހިތު އާއި ރާޖޫ އަކީ ކޮން ބައެއް؟

  • އުތުރުތިލަފަޅުގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ ފޮޓޯ އާއި ވީޑިއޯ ނަގަން ރިޔާސީ އިންތިހާބުގެ ދުވަސްވަރުގައި، ބަޔަކު ޑިންގީއެއްގައި އެތަނަށް ދިޔަ

  • އެ މީހުން ހުއްޓުވީ އެމްއެންޑީއެފް މީހެއް؛ އެ މީހުން އާންމުކުރި ވީޑިއޯއެއްގައި އެ ސިފައިންގެ މީހާ، ރޯހިތު ކޮބާތޯ ސުވާލުކުރާ އަޑު އިވޭ

  • ރާޖޫ (ފުރިހަމަ ނަމުން ނަމަ ސިވަރާޖަ މަނިވަންނަން) އަކީ ފުށިދިއްގަރު ފަޅު ހިއްކަން ހަވާލުކުރި ކެޕިޓަލް މެރިން އެންޑް އިންވެސްޓްމަންޓު (ސީއެމްސީ)ގެ އިސްވެރިއެއް

  • އެ މަޝްރޫއު ހިންގަނީ ފައިސާގެ ބަދަލުގައި ކޮންޓްރެކްޓަރަށް 70 ހެކްޓަރުގެ ބިން ދީގެން

'ޕްލޭނެއް ނެތި ތަރައްގީކުރުމުން ރަސްމާލެ މަޝްރޫއު ފެއިލްވެއްޖެ'

ސޯލިހު ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއުއަކީ މި ސަރުކާރުން ދުރާލާ ރާވައިގެން ކުރަން އުޅުނު ކަމެއް ނޫން ކަމަށެވެ.

"ރާޖޫ އެތަނަށް ފަސް މުށެއް އެޅީ. މިހާރު ގިރަމުން އެ ދަނީ. އެއްވެސް ޕްލޭނެއް ނެތީމަ އެހެން ނޫންތޯ ވާނީ،" ސޯލިހު ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެންނަށް މި އެނގެނީ އެ ތަން ހިއްކާނެ ފަސް ވެސް މިތާ ނެތްކަން. ފައިސާ ވެސް މިތާ ނެތްކަން."

18 ސެޕްޓެމްބަރު 2023ގައި ފުށިދިއްގަރު ފަޅު ހިއްކަން ފެށުން: އެ ތަނުގެ ބިން ހިއްކުމުގެ މަސައްކަތްތައް ހުއްޓިފައި އޮތް ނަމަވެސް މަޝްރޫއު ނުހުއްޓޭ ކަމަށް މި ސަރުކާރުން ވަނީ ބުނެފައި. (ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިންމު - 'ރަސްމާލެ'ގެ ނަމުގައި ފުށިދިއްގަރުފަޅު ތަރައްގީކުރަން ނިންމައި ސްރީ ލަންކާގެ ސީއެމްސީއާ ގުޅިގެން އެތަން ހިއްކަން ފެށީ މިދިޔަ 18 ޑިސެމްބަރުގަ އެވެ.

މާލެއިން ފުރައިގެން 17 ވަރަކަށް މިނެޓުން ދެވޭ ކ. ގުޅި ކައިރީގައި އޮންނަ ފުށިދިއްގަރު ފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި މަސައްކަތް ތާވަލާ އެއްގޮތަށް ދާ ނަމަ، އަށް މަސް ތެރޭ ބިން ހިއްކައި ނިމޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އެ މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި ނަމަވެސް މަޝްރޫއު ނުހުއްޓޭ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އެ މަޝްރޫއުއާ ގުޅޭގޮތުން މިނިސްޓަރު އޭރު ފާހަގަކުރެއްވި މައިގަނޑު ދެ ކަމަކީ:

  • ސީއެމްސީ އާއި ނެދަލެންޑްސްގެ ބޮސްކާލިސްއާ އެކު އެއްބަސްވުންތަކެއް ހުރި؛ ބޮސްކާލިސް އިން ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރާއިރު، އެ މަސައްކަތުގައި ބޭނުން ކުރަނީ އެންމެ ޑްރެޖަރެއް ކަމާއި އެ ކުންފުނީގެ ވިސްނުމަކީ ގުޅިފަޅު ހިއްކާ ނިމުމުން ރަސްމާލެ ހިއްކުމުގެ މަސައްކަތުގައި އެ ޑްރެޖަރު ބޭނުން ކުރުން 

  • މަސައްކަތް ފެށިއިރު، އެ ސަރަހައްދުން ވެލި ނެގުމަށް މާ ބޮޑު ސަރަހައްދެއް ދިރާސާކޮށްފައެއް ނެތް. ކުރިން އޮތީ މަސައްކަތް ފަށާފައި ވެލި ހޯދުން ކުރިއަށް ގެންދަން. ނަމަވެސް މަސައްކަތް ކުރިއަށް ގެންދާ ވަރަށް ފުރަތަމަ ވެލި ނެގި ސަރަހައްދުގައި މަސައްކަތް ކުރިއަށް ގެންދާ މިންވަރަށް ވެލި ނެތުމުން، ވެލި ހޯދުން ފުޅާ ކުރަން ބޭނުންވާކަން އަންގާފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް