ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ދަނީ (ފައިލް ފޮޓޯ/ރައީސް އޮފީސް)

ތިމާވެށި

ހިމާޔަތް ކޮށްފައިިވާ ސަރަހައްދުތަކުން ބިން ހިއްކުމަށް ވެލި ނެގިދާނެ ހާލަތްތަކެއް އާންމުކޮށްފި

ހިމާޔަތްކޮށްފައިޗވާ ސަރަހައްދަކާ 200 މީޓަރަށް ވުރެ ކައިރިން ބިން ހިއްކުމާއި ވެލިނެގުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑަައަޅާފައިވީ ނަމަވެސް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއެއް ހިންގުމަށް ވެލިނެގިދާނެކަމަށް އިސްލާހުގައިވޭ

ހިމާޔަތް ކޮށްފައިިވާ ސަރަހައްދުތަކުން ބިން ހިއްކުމަށް ވެލި ނެގުން ހުއްދަކޮށް، ރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވައިދަށް އިސްލާހު ގެނެސްފި އެވެ.

ވީ ކިހިނެއް؟ - މީގެ ކުރިން ގަވައިދު ބުނާގޮތުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ނުވަތަ އެންވަޔަރަމެންޓަލީ ސެންސެޓިވް އޭރިއާސްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުން ވެލި ނެގުމަކީ މަނާކަމެކެވެ.

މީގެ އިތުރުން އެ ގަވައިދުގެ ދަށުން ވެލި ނެގުން މަނާކޮށްފައި އޮތީ

  • ފަރުގެ ބޭރުކައިރިން ފެށިގެން ރަށުގެ ގޮނޑުދޮށާ ދޭތެރޭ 100 މީޓަރުގެ ފަޅުގެ ތެރެއަށްވާ ސަރަހައްދު

  • އެއްވެސް ފަރެއްގެ ނުވަތަ ފަޅެއްގެ ބޭރުތޮށިން ފެށިގެން 500 މީޓަރު އެތެރެވަރިން

  •  ފަޅުތެރޭގައި ރަށެއް އޮންނަ ނަމަ ރަށުގެ ހޭޅިފަށުން ފެށިގެން 50 މީޓަރު ފަޅުތެރޭގެ ސަރަހައްދު

ތަފްސީލު - ނަމަވެސް ހޮނިހިރު ދުވަހު އެންވަޔަރަމެންޓް މިނިސްޓްރީ އިން ގެޒެޓު ކުރި އިސްލާހުގައިވާ ގޮތުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ނުވަތަ އެންވަޔަރަމެންޓަލީ ސެންސެޓިވް އޭރިއާސްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކާ 200 މީޓަރަށް ވުރެ ކައިރިން ބިން ހިއްކުމާއި ވެލިނެގުމަކީ މަނާކަމެކެވެ.

އެންވަޔަރަމެންޓަލީ ސެންސެޓިވް އޭރިއާސްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކާ 200 މީޓަރަށް ވުރެ ކައިރިން ބިން ހިއްކުމާއި ވެލިނެގުމަކީ މަނާކަމެއްގެ ގޮތުގައި ކަނޑަައަޅާފައިވީ ނަމަވެސް ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ މަޝްރޫއެއް ހިންގުމަށް ވެލިނެގިދާނެ އެވެ. އެހެން ނަމަވެސް އެ ގޮތަށް ވެލި ނަގަންވާނެ ހާލަތްތައް ވެސް އެ ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.

އެ ގޮތުން އިސްލާހުގައިވާ ގޮތުން އެފަދަ މަސައްކަތެއް ކުރަންވާނީ މަޝްރޫއު ރާވާ ހިންގާ ފަރާތްތަކުން ހޯދަން ޖެހޭ ހުއްދަތައް ފުރިހަމަ ކުރުމަށް ފަހު ވަކި ޝަރުތުތަކެއް ހަމަވާ ނަމަ އެވެ.

އޭގެ ތެރޭ ހިމެނެނީ

  • އެތަނެއްގައި ހުރި ދިރުންތަކާއި ނެތިފަނާވެދިޔުމުގެ ބިރުހީވެފައިވާ ދިރުންތަކާބެހޭ ތަފުސީލީ ދިރާސާއެއް ހެދުން

  • އެތަނެއްގައި ހުރި ނެތިފަނާވެ ދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް އެފަދަ އެހެން ސަރަހައްދަކަށް ބަދަލުކޮށް، ދިރުވާ އާލާކޮށް މޮނިޓާ ކުރާނެ ގޮތުގެ ތަފުސީލީ ޕްލޭނެއް ހުށަހަޅާ އެ ޕްލޭން ފާސްކުރުން

  • އެ ތަނެއްގައި އެކުލެވޭ ގުދުރަތީ އަދި ތަބައީ ސިފަތައް ހިމެނޭ ގޮތަށް އެ ސަރަހައްދަށް ވުރެ ކުޑަނޫން ސަރަހައްދެއް ނުވަތަ ސަރަހައްދުތަކެއް ނުވަތަ ކަމާބެހޭ އިދާރާއަކުން ކަނޑައަޅާ މިންވަރަކަށް ކަނޑައަޅާ ތަނެއްގައި ނުވަތަ ތަންތަނުގައި ކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހިމާޔަތްކޮށް މެނޭޖްކޮށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން

  • ބަދަލު ގެނައުމުގެ ސަބަބުން ފެންފަށަލައަށް ކުރާނެ އަސަރު ދެނެގަނެ، އަންނާނެ ބަދަލުތައް ދިރާސާކޮށް ބަދަލެއް އަތުވެދާނެކަމަށް ފެންނަނަމަ އެކަން ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުން

  •  ބަދަލު ގެނައުމުގެ ސަބަބުން ރަށުގައި ދިމާވެދާނެ ފެންބޮޑުވުމުގެ މައްސަލަ ދިރާސާކޮށް އެކަން ހައްލުކުރުމަށް އެކަށީގެންވާ ފެންހިންދުމުގެ ނިޒާމެއް އެ ރަށުގައި ގާއިމް ކުރުން

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް