އެޗްޑީސީގެ ކުރީގެ ޗެއާމަން ޒުހޫރު (ފައިލް ފޮޓޯ/ ރައީސް އޮފީސް)
ޒުހޫރު 5 މަސް ކުރިން ރައީސަށް ފޮނުވި 7 ސަފްހާގެ ސިޓީގައި އޮތީ ފަޒުލް ހިންގި 'ވައްކަންތައް'
އަމިއްލަ ބޭބެއަށް ވަގު ލިޔުންތަކެއްގެ ތެރެއިން ހުޅުމާލެއިން ބިމެއް ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުން މިއަދު ސަސްޕެންޑްކޮށްފައިވާ އިބްރާހިމް ފަޒުލް ރަޝީދަށް ތުހުމަތުވާ ހިޔާނާތާއި ވައްކަމުގެ ގިނަ މައްސަލަތަކުގެ ތަފްސީލު، އެ ކުންފުނީގެ ކުރީގެ ޗެއާމަން އަހްމަދު ޒުހޫރު، ރައީސް މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް މީގެ ފަސް މަސް ކުރިން ގެނެސްފައިވާކަން ހާމަވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފަޒުލްގެ ބޭބެ އަދި އެމްޑަބްލިއުއެސްއީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން 'ބިންވެރިޔާ' ސްކީމުން ހުޅުމާލެއިން ގޯތި ނުލިބޭ ދެ މީހަކަށް ބިން ދިން މައްސަލައެއް މިދިޔަ ބުދަ ދުވަހު އެންމެ ފުރަތަމަ ތިލަވީ، 'ހަސަން ކުރުސީ' ނަމުގައި އެކްސްގައި ހަރަކާތްތެރިވަމުންދާ އެކައުންޓަކުން އެކަމާ ގުޅޭ ލިޔެކިޔުންތަކެއް ލީކްކޮށްލުމާ ގުޅިގެންނެވެ.
އެއާ އެކު، މި މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވާއިރު، ފަޒުލް ހިމެނޭހެން އެ ކުންފުނީގެ ގިނަ ވެރިންތަކެއް މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ. ފަޒުލް ވަނީ އޭނާއަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތު ދޮގު ކުރައްވާފަ އެވެ.
އެޗްޑީސީގެ ވަގު ގޯތި މައްސަލައިގެ ބައެއް ލިޔުންތައް:
ތަފްސީލު - ފަޒުލްއަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކެއް އިތުރަށް ފެންމަތި މިވީ، މިދިޔަ ފެބްރުއަރީ މަހު އެޗްޑީސީގެ ޗެއާމަން ކަމަށް އައްޔަންކޮށް މިދިޔަ މެއި މަހު އެ މަގާމުން ވަކިކޮށްފައިވާ ޒުހޫރު، ރައީސް މުއިއްޒަށް ފޮނުއްވާފައިވާ ހަތް ސަފްހާގެ ސީޓީއެއް އިއްޔެ އާންމުވުމާ ގުޅިގެންނެވެ. އެ ސިޓީގެ ކޮޕީއެއް 'ދައުރު'އަށް ވެސް ލިބިފައިވާއިރު، އޭގެ ސައްހަކަން އިތުބާރު ހުރި މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޒުހޫރު މިދިޔަ މެއި މަހު އެޗްޑީސީގެ މަގާމުން ވަކިކުރި ފަހުން، ހަތް ސަފްހާގެ ސިޓީ ފޮނުއްވާފައިވަނީ 1 ޖުލައިގަ އެވެ. އެ ސީޓީގައި އޭނާ ވަނީ، ފަޒުލް ނުފޫޒުން ބޭރުން އަދި އަމިއްލަ މަސްލަހަތު އިސްކުރައްވައިގެން ހިންގެވި ކަމަށް ތުހުމަތު ކުރެވޭ ގިނަ ހިޔާނާތުގެ މައްސަލަތަކެއް ފާހަގަކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - ސިޓީ ފައްޓަވަމުން ޒުހޫރު ވިދާޅުވީ، އޭނާ އެޗްޑީސީގެ ޗެއާމަންކަމާ ހަވާލުވެވަޑައިގަތުމަށް ހުށަހެޅުއްވީ، ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އޭރު ރައީސްގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި އަދި ފަހުން އެ މަނިކުފާނާ މައްސަލަ ޖެހުމުން މަގާމުން ވަކިކޮށްފައިވާ އޭރުގެ މިނިސްޓަރު އާދަމް ރަމީޒް ކަމަށެވެ. އަދި އެ ހުށަހެޅުން ހުށަހެޅުއްވީ ރައީސްގެ އެދިވަޑައިގަތުމުގެ މަތިން ކަމަށް ވެސް ރަމީޒު ފާހަގަކުރެއްވި ކަމަށް ޒުހޫރު ވިދާޅުވި އެވެ.
"[ރަމީޒު] ވިދާޅުވީ ރައީސް [އެޗްޑީސީގެ ޗެއާމަންއަކަށް ގެންނަން ބޭނުންފުޅުވަނީ، ތަންކޮޅެއް ހަރުދަނާ އަދި މިހާރުގެ އެމްޑީ ފަޒުލް ރަޝީދު ކުރާ ކަންތައްތައް ކޮންޓްރޯލް ކުރެވޭނެ ފަދަ ބޭފުޅެއް ކަމުގައި. އަދި ސިޔާސީ ގޮތުން ނުވަތަ ޝައްކު އުފެދޭ ކަންކަމުގައި ސީދާ ރަމީޒަށް ގުޅުމުން އެ މަނިކުފާނު އެކަންކަން ސާފުކޮށްދެއްވާނެ ކަމަށާއި މީގެ އިތުރުން ސިޔާސީ ގޮތުން ނިންމަން ޖެހޭ ކަމެއް އޮވެއްޖެ ނަމަ، އެ އިރުޝާދު ވެސް ދެއްވާނެ ކަމަށް،" ސިޓީގެ ފުރަތަމަ ޕެރެގްރާފްގައި ޒުހޫރު ލިޔުއްވާފައިވެ އެވެ.
ޒުހޫރު އެޗްޑީސީގެ އަޔާންކުރުމާއި ވަކިކުރުން
މިވަގުތު އެފްެއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ އިސް ބޭފުޅަކަށް ހުންނެވި ޒުހޫރު ވިދާޅުވި ގޮތުގައި، އޭނާއަށް އެ ހުށަހެޅުން ޒަމީރު ހުށަހެޅުއްވި ދުވަސްވަރަކީ، އެޗްޑީސީގެ ބައެއް ނިންމުންތަކާ ގުޅިގެން ފަޒުލްއަށް ހިޔާނާތުގެ ތުހުމަތުތައް އަމާޒުވެފައިވާ ދުސްވަރެކެވެ. އޭގެ ތެރޭގައި، ފަޒުލްގެ އަނބިކަނބަލުން ޒުލްފީނާ ރަޝީދު ހިމެނޭ ގޮތަށް އުސޫލުން ބޭރުން ބިންތައް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދިން ކަމުގެ ތުހުމަތު ވެސް ހިމެނެ އެވެ. އަދި އެއީ އެޗްޑީސީއާ އެކު މަސައްކަތް ކުރަމުންދިޔަ ދިވެހި ވިޔަފާރިވެރިންނަށް ވެސް އިންތިހާއަށް ދަތި، އުދަނގޫތަކާ ކުރިމަތިލާން ޖެހިފައި އޮތް ދުވަސް ވަރެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
މަގާމާ ހަވާލުވެވަޑައިގެން އެންމެ އިސްކަމެއް ދެއްވީ އެ ޝަކުވާތައް އަޑުއަހައި އެ މައްސަލަތައް ހައްލު ކުރައްވަން ކަމަށް ޒުހޫރު ވިދާޅުވި އެވެ.
"މި ވާހަކަތަށް ފަޒުލް ރަޝީދުއާ ހިއްސާކުރުމުން އެ ބޭފުޅާ އިސްކުރައްވަނީ ރުޅި އެވެ. އަދި ހިތްހަމަޖެހިގެން 5 މިނެޓު ވެސް ވާހަކަ ދެއްކޭ ވަރެއް ނުވެ އެވެ. ވިދާޅުވީ، ތިމަންނާ ކަންތައް ކުރާނެ ގޮތް އެނގޭނީ ތިމަންނާއަށް ކަމަށެވެ. އަދި އަޅުގަނޑު ހިތްހަމަނުޖެހޭ ނަމަ، މަގާމު ދޫކޮލުމަށް ދެންނެވި އެވެ،" ފަޒުލްއާ މައްސަލަ ޖެހުނު ހިސާބުން ވާހަކަ ފައްޓަވަމުން ޒުހޫރު ވިދާޅުވި އެވެ.
އެއާ އެކު، ދެން ޒުހޫރު ފާޅު ކުރެއްވީ، ބައެއް ދިވެހިން ވިޔަފާރިވެރިންނާ މެދު ތަފާތުކޮށް ފަޒުލް އަމަލު ކުރައްވާ ކަމުގެ ކަންބޮޑުވުމެެވެ. އަދި އެ ވިޔަފާރިވެރިން އިންތިހާއަށް ފަޒުލްއާ މެދު ހިތްހަމަނުޖެހުނުކަން ވެސް ޒުހޫރު ފާހަގަކުރައްވައި، އޭގެ ތެރެއިން ރާއްޖޭގެ ބޮޑު ހަތް ވިޔާރިވެރިއެއްގެ ނަން ސިޓީގައި ގެނެސްފައިވެ އެވެ. އޭގެ އިތުރުން، ބޭރުގެ ކުންފުނިތަކާ އަދި އާންމުންގެ ކަންބޮޑުވުން ފަޒުލްއާ ގުޅޭ ގޮތުން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެންގެ ވާހަކައިން ވެސް ދޭހަވީ، ފަޒުލް ރަޝީދުގެ ހަމައެކަނި ބޭނުމަކީ އަމިއްލަ ބޭނުމަށް ފައިސާ ހޯދުން ކަމެވެ. އެކި ވަރުވަރުން އެކި ފަރާތްތަކަށް ފައިސާ ނަގަމުންދާ ވާހަކަ އަޑުއިވެ އެވެ. ވިނަރެސް ފްލެޓް ލިބެނީ ވެސް ފައިސާ ދޭ ފަރާތްތަކަށް ކަމަށް އަޑު އިވެ އެވެ. އެކި އަދަދަކުން ފައިސާ ނަގައިގެން ބިމާއި ފްލެޓް އެޅުމުގެ ފުރުސަތު ދޭކަން ފާހަގަ ކުރަމެވެ،" ވިޔަފާރިވެރިންނާއި އާންމުންގެ ހުރި ޝަކުވާތަކާ ގުޅޭ ގޮތުން ޒުހޫރު ވިދާޅުވި އެވެ.
"ތަކުރާރުކޮށް ވިޔަފާރިވެރިންނާއި ރައްޔިތުންގެ ފަރާތުން އަޑު އިވުނީ އެޗްޑީސީން ކަމެއް ވަނީ ފައިސާ ދޭ މީހާއަށްކަން މަނިކުފާނުގެ [ރައީސްގެ] މައުލޫމާތައްޓަކައި ދަންނަވަމެވެ."
ހިތާމައަކީ މިފަދަ އެތައް ކަމެއް ހިނގާއިރު ނުސީދާ ގޮތުން ވެސް، ސީދާ ގޮތުން ވެސް މުޅި ބޯޑަށާއި ޗެއާމަންއަށް އޮޅުވާލައި ބިރުދައްކައިގެން މަސައްކަތް ކުރަމުންދާ ކަމެވެ. އަދި މިފަދަ ކަންކަން ހިނގާކަން އެނގުމުން ހުއްޓުވަން މަސައްކަތް ކުރުމުގެ ނަތީޖާއަކަށްވީ އަޅުގަނޑު މަގާމުން ވަކިކުރުމެވެ.
ޗެއާމަންގެ ހައިސިއްޔަތުން އޭނާ މަސައްކަތް ކުރެއްވީ، އެކަންކަން އިސްލާހުކޮށް، މެނޭޖްމަންޓް ޖަވާބުދާރީ ކުރުވުމަށް ކަމަށް ޒުހޫރު ވިދާޅުވި އެވެ. ނަމަވެސް އެ ފުރުސަތު ފަޒުލް ނުދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި މަސައްކަތް ކުރުމުގައި ދިމާވި ގޮންޖެހުންތައް ޒުހޫރު ފާހަގަ ކުރެއްވި އެވެ. އެގޮތުން އޭނާ ވިދާޅުވީ:
-
އެޗްޑީސީ ބޯޑެއްގެ ދަށުން ހިންގި ނަމަވެސް، އެ ތުހުމަތުތައް ބޯޑުން ބޭލޭނެ އިންތިޒާމެއް ނެތް
-
ބޯޑަށް އައްޔަން ކުރީއްސުރެ 22 މެއިގައި ވަކިކުރުމާ ހަމައަށް ވެސް އެޗްޑީސީގެ ވެރިން އަދި މުވައްޒަފުންނާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް ވަނީ ނުލިބިފައި
-
އޭގެ އިތުރުން، ބޯޑުގެ މެންބަރުންގެ މަސްއޫލިއްޔަތު ގަވަނަންސް ކޯޑް އަދި ޕީސީބީ ގާނޫނާ އެއްގޮތްވާ ގޮތަށް އަދާކުރުމަށް މަސައްކަތް ކުރާނެ މާހައުލެއް ވަނީ ނުލިބިފައި އަދި ޗެއާމަނަށް ޕޮލިސީ ރިވިއުކުރަން ހުށަހެޅޭ ކަންކަން ދިރާސާ ކުރަން އީށީންނާނެ ތަނެއް ވެސް ވަނީ ނުލިބިފައި
-
ބޯޑަށް ގެންނަ ކަންކަމުގައި ވެސް އެދެވޭ ތަފްސީލެއް ނުލިބޭތީ، ހަފްތާއެއްގެ ކުރިން ފޮނުވައި ބްރީފްކޮށްދިނުމަށް އެދުމުން ވެސް އެކަން ވެސް ނުކޮށްދިން؛ ކޮންމެ ފަހަރަކު ބޯޑް ބައްދަލުވުން މާދަމާ ބާއްވާ ނަމަ އެޖެންޑާ ލިސްޓް ލިބެނީ މާދަމާ އަދި އޭގައި އައިޓަމްތަކުގެ ތަފްސީލް ވެސް ނުހުރޭ، މަޝްވަރާ ކުރުމަށް ފަޒުލް ވަގުތު ވެސް ނުދެއްވާ އަދި ފުރުސަތެއް ވެސް ނުދެއްވާ
-
ފަޒުލްގެ މަސްލަހަތު ހުރި ގިނަ ކަންކަން ޑިކްލެއާނުކޮށް ބޯޑު މެންބަރުންނަށް ބައްދަލުވުންތަކުގައި ވަނީ އޮޅުވާލާފައި
ޒުހޫރު މަގާމުން ވަކިކުރި ދުވަސް ކަމުގައިވާ 22 މެއިގައި އޭނާ އެދިގެން ބޭއްވި އިމަޖެންސީ ބައްދަލުވުމުގެ ވާހަކަ ވެސް ސިޓީގައި ފާހަގަ ކުރެއްވި އެވެ. އެ ބައްދަލުވުގެ އެޖެންޑާގައި ހިމެނީ، ޒުހޫރު ވިދާޅުވި ގޮތުގައި، ތިން ކަމެކެވެ. އެއީ:
-
1-
އާބިޓްރޭޝަންގައި ހިނގަމުންދާ ގުޅީފަޅުގެ މައްސަލައެއްގެ މުހިންމުކަން އިހުސާސް ކުރެވޭތީ، އެކަމާ ގުޅިގެން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ބަލައި ފުޅާ ދާއިރާ މެންބަރުން މަޝްވަރާ ކުރުމަށް
-
2-
ކުންފުނީގެ އޮނިގަނޑު ރިވިއުކޮށް، މެންބަރުންގެ ހިޔާލާ އެކު ބަދަލުކުރުމަށް؛ "އޭގެ ސަބަބަކީ، ފަޒުލް ކުންފުނީގެ އޮނިގަނޑު ބޯޑަށް ހުށަނާޅައި ބަދަލުކޮށް، އެކި މީހުން މަގާމުތަކަށް އައްޔަން ކުރުމުން ކުންފުނީގެ ހިންގުން ހުއްޓުމަކަށް އައިސްފައިވާތީ"
-
3-
ބޯޑުގެ ކޮމިޓީތައް އެކުލަވާލައި މަސްއޫލިއްޔަތު ކަނޑައެޅުން (އޮޑިޓް ކޮމިޓީ، ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީ އަދި ޕްރޮޖެކްޓް އެންޑް ޕްރޮކިއުމަންޓް ރިވިއު ކޮމިޓީ)؛ އެޗްޑީސީ ފަދަ ބޮޑު ކުންފުންޏެއްގައި މިފަދަ ކޮމިޓީތައް އެކުލަވާލުމަކީ މުހިންމު ކަމަކަށް ވާތީ
ނަމަވެސް އެއިން އެއްވެސް ކޮމީޓީއެއް އެކުލަވާލުމަށް ފަޒުލް ބޭނުން ނުވި ކަމަށް ޒުހޫރު ވިދާޅުވި އެވެ. އޭގެ އިތުރުން، ޕީއެންސީ މެންބަރުން މެދުވެރިކޮށް، އޭނާއާ ގުޅޭ ގޮތުން ބައެއް ދޮގު ވާހަކަ ދައްކައި އެޗްޑީސީގެ ޗެއާމަންކަމުން ބޭރު ކުރުމަށް ފަޒުލް ދިޔައީ "ޕްރޮޕެގެންޑާ ޕޮލިޓިކްސް ކުޅުއްވަމުން" ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.
"ރެޑްވޭވް ސަލީމް [އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް] އަޅުގަނޑަށް ގުޅާފައި ތިމަންނާމެންގެ ކަންތައް އަޅުގަނޑު [ބޯޑަށް] އެޖެންޑާ ނުކުރި ކަމަށް އެމްޑީ [ފަޒުލް] ވިދާޅުވި ކަމަށް ބުނުއްވި އެވެ. އަދި އެމްޑީ ޝުޖާއު [ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު] އާއި އެމްޕީ ސަލީމް އަދި އެމްޕީ ޓޮމް [މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް] ވެސް މިކަމާ އަޅުގަނޑަށް ގުޅި އެވެ. ނަމަވެސް މެނޭޖްމަންޓަށް ގުޅައި މައުލޫމާތު ސާފު ކުރުމުން އެނގުނީ އެމްޑީ ހުށަހެޅި 18 އައިޓަމްގެ ތެރޭގައި މިކަން ނުހިމެނޭ ކަމެވެ،" ސިޓީގައިވެ އެވެ.
ފަޒުލްއަށް ތުހުމަތު ކުރި ބައެއް 'ހިޔާނާތުގެ' މައްސަލަތައް
ދެން ސިޓީގައި ބާކީ އޮތް ހަތަރު ސަފުހާގައި ޒުހޫރު ވަނީ، ފަޒުލްއަށް އުސޫލުން ބޭރުން އަދި ނާޖާއިޒް ފައިސާ ހޯދި ކަމަށް ތުހުމަތުވާ ބައެއް ކަންކަމަށް އަލިއަޅުވާލައްވައި އެކަމާ ގުޅޭ ބައެއް ތަފްސީލުތައް ހިސާކުރައްވާފަ އެވެ. އޭގެ ތެރެއިން ބައެއް ކަންކަމުގެ ހުލާސާއެއް ތިރީގައި ހިމަނާލާނަމަވެ:
-
އެމްޑަބްލިއުއެސްއީއަށް ދީފައިވާ ބިމެއް ނަގައި ފަޒުލްގެ މަސްލަހަތު އޮންނަ ހައިޕާލޫޕްއަށް ދީ، އެމްޑަބްލިއުއެސްއީއަށް އެހެން ބިމެއް ހަމަޖަައްސާފައިވޭ
-
ފަޒުލްގެ މަސައްލަހަތު ހިމެނޭ ކަމަށް ބުނާ އޮއިލް ކޮމްޕެނީ ކިޔާ ކުންފުނީގެ ބިމަކަށް 15،000 އަކަފޫޓު އިތުރު ކުރުމަށް ހުށަހަޅައި އެކަން ހަމަޖައްސާފައިވޭ؛ އެ ބިން ނަގާފައިވަނީ ފަޒުލްއަށް ކަމަށް މައުލޫމާތު ލިބޭ
-
ފަޒުލްގެ އަނބިކަނބަލުންނަށް ހުޅުމާލެއިން ބިމެއް ވިއްކާފައިވަނީ ފަސް އަހަރަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް؛ އެ ބުރުގައި ބިން ވިއްކި އެހެން މީހުން އެއްފަހަރާ ފައިސާ ނުދެއްކުމުން ބިންތައް އަތުލާފައިވޭ
-
ވިޔަފާރިވެރިޔާ އާމިރު މަންސޫރަށް މާލޭ ވެސްޓްޕާކްގެ ބަދަލުގައި ހުޅުމާލެއިން ތިން ބިމެއް، ކޯޓު މަރުހަލާ ނުނިމެނީސް އުސޫލުން ބޭރުން ދީފައިވޭ
-
ލޯނު ހަމަނުޖެހެނީސް ބައެއް ޕޮރެޖެކްޓްތަކަށް އެޑްވާންސަށް ފައިސާ ދޫކޮށްފައިވޭ
-
ހިޔާ ފްލެޓްގެ ލިފްޓް ހަރުކުރަން ބަޔަކަށް 18 މިލިއަން ޑޮލަރު (276 މިލިއަން ރުފިޔާ)އަށް ދީފައިވަނީ، މާކެޓްގެ އަގުތަކަށް ވުރެ އެތައް ގުނައެއް އަގު ބޮޑޫކޮށް އަދި މިކަމުގައި ކޮރަޕްޝަން އެކުލެވިގެންވޭ
ޒުހޫރު ވިދާޅުވި ގޮތުގައި، މިއީ އަދި ކުޑަ މިންވަރެކެވެ. އަދި މިކަންތައްތަކާ ގުޅިގެން ކުންފުނީގެ މަސައްކަތު މާހައުލު ގެއްލި، ގިނަ މުވައްޒަފުން ތިބީ ހިތްހަމަނުޖެހިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހިތާމައަކީ މިފަދަ އެތައް ކަމެއް ހިނގާއިރު ނުސީދާ ގޮތުން ވެސް، ސީދާ ގޮތުން ވެސް މުޅި ބޯޑަށާއި ޗެއާމަންއަށް އޮޅުވާލައި ބިރުދައްކައިގެން މަސައްކަތް ކުރަމުންދާ ކަމެވެ. އަދި މިފަދަ ކަންކަން ހިނގާކަން އެނގުމުން ހުއްޓުވަން މަސައްކަތް ކުރުމުގެ ނަތީޖާއަކަށްވީ، އަޅުގަނޑު މަގާމުން ވަކިކުރުމެވެ،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބައެއް އިސް މަގާމުތައް ފުރުއްވި ޒުހޫރު ވިދާޅުވި އެވެ.
"ފަޒުލްގެ އަމަލުތައް ހުރީ ސަރުކާރާއި ރައްޔިތުންނަށް ފައިދާވާ ގޮތަށް ނޫންކަން ބަޔާންކޮށްދިނުމަކީ އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެމެވެ."
ޒުހޫރު ވިދާޅުވި ގޮތުގައި، މަގާމުން ވަކިކުރުމުގެ މާ ކުރިން ވެސް މި ކަންބޮޑުވުން ހިއްސާ ކުރުމަށް ރައީސްގެ އޮޕައިންޓްމަންޓަކަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް މަގާމުން ވަކިކުރުމާ ހަމައަށް ވެސް އެ އެޕޮއިންޓްމަންޓް ހަމަނުޖެހި އޮތްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ފަޒުލްގެ މި އަމަލުތަކުގެ ވާހަކަ ޕީސީބީގެ ރައީސްއާ ވެސް ހިއްސާ ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ މަގާމުން ވަކިކުރިއިރު އެއްވެސް ވަރަކަށް ކަން ހިނގާފައިވާ ގޮތާއި ވަމުންދާ ގޮތް އޮޅުން ފިލުވާ ނުލީތީ ހިތާމަ ކުރުމެވެ. ނަމަވެސް އަޅުގަނޑު ވަކި ކުރުމަށް މަނިކުފާނު ނިންމީ މި ހުރިހާ ކަމެއް އެނގި ހުރެ ކަމުގައިވާ ނަމަ، އަޅުގަނޑަށް މިކަންކަން ހިނގާ ގޮތް ނޭނގުމަކީ މަސައްލައެއް ކަމަށް ވުމުން، އަޅުގަނޑު ވަކިކުރުމާ މެދު އިތުރަށް ބުނާނެ އެއްޗެއް ނެތެވެ،" ސިޓީގައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މި ހުރިހާ ޝަކުވާތަކެއް ފަސް މަސް ކުރިން ޒުހޫރު، ރައީސްގެ ސަމާލުކަމަށް ގެންނަވާފައިވާއިރު، އިއްޔެ މި މައްސަލަ ފެންމަތިވުމާ ހަމައަށް ވެސް ފަޒުލްއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި އޮތްކަން ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
މިފަހުން ޕީއެންސީގެ ބައެއް މެންބަރުން ވެސް ވަނީ ފަޒުލްއާ ގުޅޭ ގޮތުން ޝަކުވާތަކެއް ކޮށްފަ އެވެ.
ކޮމެންޓް (6)
އިބްރާހިމް
ރިނަމަންސް
ޙ. ޙުސައިން
ނަނަް
ތެފައާސާ.
މޭންއެކޭ